ނަތުރާމް ގޯޑްސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިނގިރޭސިންގެ ކިބައިން އިންޑިއާ މިނިވަންކުރުމަށް އެންމެ ގަދައަޅައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ މަހާތުމާ ގާންދީއެވެ. މަހާތުމާ ގާންދީ، އިންޑިޔާގެ ރައްޔިތުންގެ ހިތްތައް ފަތަޚަކުރީ އޭނާ އިސްވެހުރެ، ކަންތައް ކުރަންވީ ގޮތުގެ ނަމޫނާ ދައްކުވައި ދެއްވައިގެންނެވެ. މިނިވަންކަމުގެ އައްސޭރިއަށް ދާންވީ މަގު، މަހާތުމާ ގާންދީ ދައްކުވައިދެއްވީ ސުލްޙަވެރިކަމާއިއެކު ހިންގެވި ހަރަކާތްތަކުންނެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އިންޑިއާގެ މިނިވަންކަމަށް މަގުފަހިވެގެންދިޔަ އެންމެ ބޮޑު ޙަޤީޤަތަކީ ގާންދީ ދައްކުވައިދިން ނަމޫނާ ކޮންސެޕްޓެވެ. އަދި މަދަނީ ޙައްޤުތަކާއި މިނިވަންކަމަށް ގޮވާލި ހަރަކާތްތަކަކީ ދުނިޔޭގެ ޤައުމުތަކަށް ގާންދީ ދައްކުވައިދެއްވި ނަމޫނާތަކެކެވެ. އެހެންކަމުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ގާންދީއަށް “ގްރޭޓް ޝޯލް” ގެ ލަޤަބު ދީފައިވާއިރު، އިންޑިއާގެ ރައްޔިތުން ދެކޭގޮތުގައި އޭނާ އަކީ “އިންޑިއާގެ ބައްޕަ” އެވެ.

އިންޑިއާގެ މިނިވަންކަމުގެ ބައްޕަ، މަހާތުމާ ގާންދީ އަވަހާރަކޮށްލީ، 1948 ވަނަ އަހަރުގެ ޖެނުއަރީ، 30 ވަނަ ދުވަހު ހިންދޫ ނޭޝަނަލިސްޓެއް ކަމުގައިވާ ނަތުރާމް ގޯޑްސް ނަމަކަށް ކިޔާ މީހެކެވެ. މަހާތުމާ ގާންދީގެ ޤާތިލް، ނަތުރާމް ގޯޑްސް އުފަންވީ އިންޑިއާގެ ޕޫނާ ޑިސްޓްރިކްޓަށެވެ. މައިންބަފައިންގެ ކައިރީ ބޮޑުވަމުން އައި ނަތުރާމް ފުރަތަމަ ކިޔަވަން ދިޔަ ސްކޫލަކީ، ގުރޭޑް 5 އާ ހަމައަށް ކިޔަވައިދެމުންދިޔަ ސްކޫލެކެވެ. އެހެންނަމަވެސް ފަހުން، އޭނާގެ ބޮޑުދައިތައެއްގެ ކައިރިއަށް ބަދަލުވެ އިނގިރޭސި ބަސް ކިޔަވައިދޭ ސްކޫލަކުން ކިޔަވަން ފެށިއެވެ. ނަތުރާމްގެ ކިޔެވުމުގެ ދުވަސްވަރު، އޭނާ އެންމެ ގަޔާވި ސަޙުސިއްޔަތަކީ ގާންދީއެވެ. ގާންދީ އަކީ އޭނާގެ “ހީރޯ” އެއްގެ ގޮތުގައި ދިޔައީ ބަލަމުންނެވެ. މަތީ ސާނަވީ ސްކޫލުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ނަތުރާމް ފެނިގެން ދިޔައީ “ހިންދޫ މަހާސަބާ ޕާޓީ” ގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ އެޕާޓީގެ އާރުއެސްއެސް (ރަޝްތުރިޔާ ސްވަޔަމްސެވަކް ސަންގް) ގޮފީގައެވެ. މިގޮފީގެ މީހުންނަކީ ހިންދޫންގެ ހައްދުފަހަނަ އަޅާފައިވާ ބައެކެވެ. އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް އެތައް ގޯނާތަކެއް އެމީހުން ކުރަމުން ދިޔައެވެ. ގާންދީގެ ސުލްހަވެރި ހަރަކާތްތައް އިނގިރޭސިންނާއި ދެކޮޅަށް ހިންގަމުންދިޔައިރު، “ހިންދޫ މަހާސަބާ” ޕާޓީއަކީ ގާންދީގެ ފަހަތުން މަސައްކަތް ކުރަމުންދިޔަ ޕާޓީއެކެވެ. އެހެންނަމަވެސް ގާންދީ އިސްވެހުރެ ކުރިއަށްގެންދިޔަ ހަރަކާތްތަކުން ހިންދޫ މަހާސަބާ ޕާޓީ ވަކިވީ، މުސްލިމުންގެ ތާއީދު ހޯދުމަށްޓަކައި ހިންދޫން ޤުރުބާން ކުރަމުންދާކަމަށް ބުނެއެވެ. އިންޑިއާގައި އުދެފުނު ދީނީ ބައިބައިވުމުގެ އަސްލަކީ ގާންދީކަމަށް އެމީހުން ތުހުމަތު ކުރިއެވެ.

ގާންދީ އަވަހާރަކޮށްލުން މަހާތުމާ ގާންދީ އަވަހާރަކޮށްލީ ސިއްރަކު ނޫނެވެ. ގާންދީ އަވަހާރަކޮށްލުމަށް ނަތުރާމް ބަޑިޖެހީ ގާންދީގެ ކުރިމަތީ ހުއްޓިހުރެ އެންމެންގެ ކުރިމަތީގައެވެ. މިކަންތައް ހިނގައިދިޔަ ގޮތަކީ މިއެވެ. 1948 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ގާންދީ ވަޑައިގެންނެވީ ފައްޅިއަށް އަޅުކަން ކުރެއްވުމަށެވެ. އޭރުވެސް ވަރަށް ގިނަ މީހުން ގާންދީގެ އަރިހުގައި ޖަމާވެފައި ތިއްބެވެ. ގާންދީގެ އެންމެ އަރިހުގައި ހުރީ އަންހެން ކުއްޖެކެވެ. އެ ހިސާބަށް ޖަމާވެފައިތިބި މީހުންގެ ތެރޭގައި ގާންދީގެ ގާތިލް ނަތުރާމްވެސް ހުއްޓެވެ. ގާންދީ، ނަތުރާމްއާ އަރައި ހަމަވިތަނުން ގާންދީގެ ކުރިމައްޗަށް އޭނާ އެރުމަށް މަސައްކަތްކުރިއެވެ. އެވަގުތު ގާންދީގެ ކައިރީ ހުރި އަންހެންކުއްޖާ ނަތުރާމްގެ މޭގައި އަތްއަޅައި ދުރުކޮށްލަމުން ބުނިކަމަށްވެއެވެ. “ބާޕޫ މިހާރުވެސް އެއުޅެނީ ލަސްވެގެންނެވެ!” އެވަގުތު އަންހެންކުއްޖާ ކޮށްޕާލުމަށްފަހު، ގާންދީގެ ކުރިމައްޗަށް ނިކުމެ، ސެމީ އޮޓަމެޓިކް ޕިސްޓަލްއަކުން ތިން ފަހަރު ގާންދީގެ މެޔަށް ވަޒަން ފޮނުވާލިއެވެ. ގާންދީ އަވަހާރަކޮށްލުމަށްފަހު، މިމައްސަލަ ބަލަން ފަށާފައިވަނީ 1948 ވަނަ އަހަރުގެ މެއި 17 ވަނަ ދުވަހުއެވެ. މި މައްސަލާގައި ނަތުރާމްއާ ދެކޮޅަށް އުފުލި އެއްވެސް ދައުވާއަކަށް އޭނާ އިންކާރެއް ނުކުރެއެވެ. އޭނާ ބުނަމުން ދިޔައީ ގާންދީ އަވަހާރަކޮށްލުމަށްޓަކައި ވަރަށް ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތްކުރި ކަމަށާއި، ގާންދީ މަރާލީ ސަބަބުތަކެއްވެސް ހުރެގެން ކަމަށެވެ. ގާންދީ އަވަހާރަކޮށްލި މައްސަލަ ބަލަމުން ދިޔައިރު، ނަތުރާމަކީ ބުއްދި ހަމަނުޖެހޭ މީހެއްކަމުގެ އެއްވެސް ހެއްކެއް އޭނާގެ ޤާނޫނީ ޓީމަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން މައްސަލައިގެ ހުރިހާ މަރުހަލާތަކެއް ނިމި، 1949 ނޮވެމްބަރ 8 ވަނަ ދުވަހު ނަތުރާމްއަށް މަރުގެ ހުކުމް ކޯޓުން އިއްވިއެވެ. ނަތުރާމްގެ މައްޗަށް މަރުގެ ހުކުމް އިއްވިތާ ހަފުތާއެއް ފަހުން އޭނާ ދަންޖައްސާ މަރާލީ 1949 ނޮވެމްބަރ 15 ވަނަ ދުވަހުއެވެ. ދަންޖައްސާ މަރާލުމުގެ ކުރިން އިންޑިއާގެ ރައްޔިތުންނަށް އޭނާ ވަސިއްޔަތެއް ކުރިއެވެ. އޭނާގެ ފަހުގެ ވަސިއްޔަތަކީ، އިންޑިއާ އާއި ޕާކިސްތާނު އެއް ޤައުމެއްގެ ގޮތުގައި ބޭއްވުމެވެ. އަދި އޭނާ އަންދާލުމަށްފަހު އަޅިތައް އިންޑޫސް ކޯރުގެ ތެރެއަށް އަޅާލުމަށެވެ. އިންޑޫސް ކޯރަކީ މިހާރު ޕާކިސްތާނުގެ ސަރަޙައްދުގައިވާ ކޯރެކެވެ. ނަތުރާމްގެ އެންމެފަހުގެ ވަސިއްޔަތް މިއަދާ ހަމައަށްވެސް އޮތީ ފުރިހަމަކޮށް ނުދެވިފައެވެ.