ނަރުވާ ފުޅަނގި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނަރުވާ ފުޅަނގި

ނަރުވާ ފުޅަނގި (ސައިންޓިފިކް ނަން: Exocoetus monocirrhus) ނުވަތަ (އިނގިރޭސި ބަހުން: Barbel flyingfish)އަކީ ރާއްޖޭގެ ކަނޑުތަކުގައި ގިނައިން އުޅޭ ބާވަތެކެވެ. ވަދު މަސްވެރިންނަށް މަދުމަދުން ވަދުގައި މިމަސް ބޭނެއެވެ. އަދި ބައެއް މޫސުމަށް ރަށްރަށުގެ ފަރުބޭރަށާއި، ފަޅުފަޅަށް ބައިބަޔަށް، މިބާވަތުގެ ކުދި ފުޅަނގި އަރާކަމަށް ވެއެވެ. މިއީ ކަނޑުގެ މަތީބައިގައި ކުދި ފަނިފަކުސަ ކައިގެން އުޅޭ ވަރަށް ބޭރަށް ދަތުރުކުރާ މަހެކެވެ.

މަހުގެ ކަންފަތްގަނޑު ވަރަށް ދިގެވެ. މިކަންފަތްގަނޑު ދެފިޔަފަތުގެ ގޮތުގައި ބޭނުންކޮށްގެން، މަސް އޭގެ ދުޝްމަނުންގެ ކިބައިން ސަލާމަތްވުމަށްޓަކައި އެއް ތަނުން އަނެއް ތަނަށް އުދުހިފައި ދިއުމަކީ ފުޅަނގީގެ އެންމެ ފާހަގަކުރެވޭ އެއް ސިފައެވެ. ފުޅަގީގެ މިބާވަތުގެ ކުދި މަހުގެ އަނގައިގައި ފާހަގަ ކުރެވޭ ކުރުނަރުވާއެއް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށްފަރާތާއި، މަހުގެ އަރިމަތީގެ ކުލައަކީ ރިހި ހުދުކުލަ އެވެ. މަހުގެ ކޮތަރިތަކުގެ ކުލައަކީ އަޅި ކުލައެވެ.

ދިވެހިރާއްޖޭގެ ކަނޑުތަކުގައި ތަފާތު ބާވަތްތަކުގެ ފުޅަނގި އުޅެއެވެ. ނަމަވެސް ދިވެހިން މިހުރިހާ ބާވަތަކަށް ވެސް ކިޔައި އުޅެނީ ފުޅަނގި ކަމަށްވާތީ، މިބާވަތުގެ ފުޅަތްގަށް ވަކި ޚާއްޞަ ނަމެއް ދިނުމުގެ ގޮތުން ފަޅު ފުޅަނގީގައި ހުންނަ ފާހަގަކުރެވޭ ޚާއްޞަ ސިފަޔަށާއި، މަހަށް ކިޔޭ އިގިރޭސި ނަމަށް ބަލާފައި ނަރުވާ ފުޅަނގި ގެ ނަމުން ނަންދީފައިވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ.