ހޯމޯން ކިރުގެ ޙުކުމް އިސްލާމީ ނަޒަރަކުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގާތުންދޭ ކިރަކީ ޅަދަރިންގެ މަންމަގެ ހަށިގަނޑުގައި އުފައްދާ ދަރިންގެ ޠަބީޢީ ކާނާއެކެވެ. މަންމަގެ ކިރަކީ ޙަޤީޤަތުގައި ވެސް ޅަފަތުގައި ދަރިންނަށް ލިބިދެވޭ އެންމެ ރަނގަޅު ކާނާއެވެ. ޅަދަރިންނަށް ހަ މަސްވުމުގެ ކުރިން، އެކުދިންގެ ހަޖަމުކުރުމުގެ ނިޒާމު ހުންނާނީ އެންމެ ރަނގަޅަށް އަރަފޯދިފައި ނުވަތަ އާދައިގެ ކާނާ ހަޖަމުކުރުމަށް ތައްޔާރު ވެފައެއް ނޫނެވެ. ވީމާ، މައިންގެ ކިރަކީ މި ޢުމުރުގައި ދަރިންނަށް އެންމެ ފުރިހަމަ ކާނާއެވެ. މައިމީހާގެ ކިރުގައި ހުންނަ ބާވަތްތައް ހަޖަމުކުރުމަކީ ޅަދަރިންނަށް ފަސޭހަކަމާއެކު ކުރެވޭކަމެކެވެ.

ނަމަވެސް ބައެއް ސަބަބުތަކާ ހުރެ، ބައެއް މައިންނަށް ބޭނުންވާވަރަށް ކިރު އުފެއްދުމުގައި ދަތިތައް ދިމާވެއެވެ. އެހެންކަމުން ކުޑަދަރިފުޅަށް ބޭނުންޖެހޭވަރަށް ދޭނެކިރު މައިންގެ އުރަމަތިން ނުލިބޭގޮތް ދިމާވެއެވެ. މި ކަން ޙައްލު ކުރުމަށް ތަފާތު މެތަޑްތައް ބޭނުންކުރެވެއެވެ. އޭގެ ތެރެއިން އެއްގޮތަކީ ފޯމިއުލަ ކިރު ދިނުމެވެ.

އަނެއްގޮތަކީ ބޭނުންވާ ވަރަށް މައިމީހާގެ އުރަމަތިން ކިރު ލިބޭގޮތް ހެދުމެވެ. އެއީ މަންމައަށް ބައެއް ބޭސް ދިނުމާއެކު ކިރު އުފައްދަން ބާރުދޭ ސިންތެޓިކް ހޯމޯން އިންޖެކްޝަން މައިމީހާގެ ގަޔަށް ޖެހުމެވެ. ކިރު އުފައްދަންޖަހާ ހޯމޯން އިންޖެކްޝަނާއި ބޭހުގެ ސަބަބުން [ހަށިގަނޑަށް އޮޅުވާލައި] އިތުރަށް ކިރު އުފައްދަން ބުނެއެވެ. ޙައިރާންވާންޖެހުނަސް ދުވަހަކު ބަލިވެ ނީންނަ އަންހެނަކަށްވެސް މި އުކުޅު ބޭނުންކޮށްގެން އުރަމަތިން ކިރު ލިބޭގޮތް ހެދިދާނެއެވެ.

ވީމާ، ދަރިން ލިބޭތޯ މައްސައްކަތްކޮށް ދަރިން ނުލިބޭ އަންހެނުންނަށް، އެހެން މީހަކު ވިހާފައިވާ ދަރިއަކު ބޮޑުކުރަން ބޭނުންވާހިނދު ގާތުން ކިރުދީގެން ގެންގުޅެވިދާނެއެވެ. ހަމަ އެގޮތަށް ކައިވެންޏެއް ކުރަން ބޭނުން ނުވާ އަންހެނަކަށް ވެސް ނުވަތަ ކަންދިމާވާގޮތުން މީހަކާ އިނދެގެން އުޅެވެން ނެތް އަންހެނަކަށް ވެސް މިގޮތަށް އެހެންމީހެއްގެ ދަރިއަކަށް ގާތުން ކިރުދީގެން އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރެވިދާނެއެވެ.

އާޓިފިޝަލް އުކުޅެއް ބޭނުންކޮށްގެން ކިރު އުފެއްދުމަކީ  ހުއްދަވާނެ ކަމެއްތޯ؟، މިއީ މުސްލިމުންގެ މެދުގައި، އުފެދޭނެ ސުވާލެކެވެ. އިސްލާމް ދީނުގައި މިކަމުގެ ޙުކުމް އޮތްގޮތެއް ބަލަން ބޭނުންވާނެއެވެ.

2011 ވަނަ އަހަރު އޮކްޓޯބަރު މަހު 13 ން 15 އަށް ބޭއްވުނު މެލޭޝިޔާގެ ނެޝެނަލް ކައުންސިލް ފޯ އިސްލަމިކް އެފެއަރޒްގެ ފަތުވާ ކޮމެޓީން ނިންމާފައިވަނީ އާރޓިފިޝަލް މެތަޑް ބޭނުންކޮށްގެން މައިމީހާގެ އުރަމަތިން ކިރުލިބޭގޮތް ހެދުމަކީ ހުއްދަކަމެއް ކަމުގައެވެ. ހަމަ މި މެތަޑް ބޭނުންކޮށްގެން ދުވަހަކު ކައިވެންޏެއް ނުކުރާ ނުވަތަ ބަލިވެ ނީންނަ އަންހެނެއްގެ އުރަމަތިން ކިރުދިނުން ވެސް ހުއްދަކަމަށް އެފަތުވާގައި ބަޔާންކޮށްފައިވެއެވެ.

ގާތުން ކިރުދިނުމަކީ މަންމައާއި ދަރިފުޅާ ދެމެދު ޚާއްޞަ ގުޅުމެއް އުފެދިގެންދާކަމެކެވެ. އެގުޅުން އެހެން މީހަކު ވިހާފައިވާ ދަރިއަކަށް ކިރުދިނުމުންވެސް އުފެދޭނެއެވެ. ކަނޑައެޅިފައިވާ މިންވަރަކަށް ޅަކުއްޖަކަށް ގާތުން ކިރު ދީފިނަމަ ކިރުމައެއްގެ ޙުކުމް އަންނާނެއެވެ. އެހެންކަމުން ދެއަހަރު ނުވާ ކުޑަކުއްޖަކަށް ތިންފަހަރާއި ފަސްފަހަރާ ދެމެދުގެ މިންވަރަކަށް ނުވަތަ އެއަށްވުރެ ގިނައިން ކިރު ދީފިނަމަ އުފަން ދަރިއަކަށް އަންނަ ޙުކުމް ކިރުގެ ސަބަބުން ކިރުދިން ދަރިއަށް އަންނާނެއެވެ. ވީމާ، އެދަރިފުޅުވާނީ އަންހެންމީހާގެ މަޙްރަމަކަށެވެ. މަޙްރަމުންނަކީ ކައިވެނި ޙަލާލު ނުވާ މީހުންނެވެ. ކިރުގެ ގޮތުން ނަމަވެސް މަޙުރަމަކާ ޖިންސީ ގުޅުމެއް ހިންގުމުން އަމިއްލަ ޢާއިލާގެ މީހަކާ ގުޅުން ހިންގުމުގެ ޙުކުމް އަންނާނެއެވެ.

ގާތުން ކިރުދިނުމުގެ ސަބަބުން އުޞޫލެއްގެ ގޮތުން މަޙްރަމަށްވެ، ކިރުމަޔާއި ކިރުމައިންގެ ގާތްތިމާގެ މީހުންނާވެސް ނަސަބުގެ ގޮތުން ޙަރާމްވާ ފަދައިން ކައިވެނިކުރުން ޙަރާމްވާނެއެވެ.

ނަމަވެސް ހޯމޯން ގެ ސަބަބުން ކިރު އުފެއްދުމަކީ ޠަބީޢީގޮތުން ކިރުއައުމާ ތަފާތު ކަމެކެވެ. އެހެންވުމުގެ ސަބަބުން ޠަބީޢީ ކިރުގެ ސަބަބުން މަޙްރަމަކަށްވާ ހުރިހާ ޙާލަތްތަކުގައި ހޯމޯން ކިރުގެ ސަބަބުންވެސް ޙަރާމްވާނެތޯ؟ މިއީ އުފެދޭނެ ސުވާލެކެވެ.

ސުންނީ ޖަމާޢަތުގެ ހަތަރު މަޛްހަބަށް ބަލާއިރު، ކައިވެނި ނުކޮށްތިބޭ އަންހެނުންނާއި، ބަލިވެ ނީންނަ އަންހެނުން ގާތުން ކިރުދިނުމާއި ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ. ޙަނަފީ މަޛްހަބުގެ އަލްކާސާނީ އާއި، މާލިކީ މަޛްހަބުގެ ދުސޫޤީއާއި، އިމާމު ޝާފިޢީއާއި، ޙަންބަލީ މަޛްހަބުގެ އިބްނި ޤުދާމާ ވިދާޅުވާގޮތުގައި، ކައިވެނި ނުކޮށްތިބޭ އަންހެނުންނާއި، ބަލިވެ ނީންނަ އަންހެނުން (ކަނޑައެޅޭ މިންވަރަކަށް) ގާތުން ކިރުދީފިނަމަ އެއްވެސް ޝައްކެއް ނެތި އެދަރީގެ ނިސްބަތުގައި ކިރުމަޔަކަށް ވެގެންދާނެއެވެ.

އެހެންކަމާއެކު، ހޯމޯން ކިރު ކަމުގައި ވިޔަސް އަންހެނަކު ގާތުން ކިރުދީފިނަމަ ކިރުމަޔަކަށްވާނެއެވެ. ނަމަވެސް އުފެދޭ އަނެއް ސުވާލަކީ ކިރުމައިމީހާއާ މެދު އުފެދޭ ކިރުގެ ގުޅުން ކިރުމައިމީހާގެ ފިރިމީހާ އާ އޮންނާނެތޯ ނުވަތަ ނޫންތޯއެވެ؟ ސަބަބަކީ މި ފިރިމީހާ (ކިރުގެ ގޮތުން ބައްޕަ) އަކީ މި ދަރިފުޅު ބުއި ކިރު އުފެއްދުމުގައި އެއްވެސް ދައުރެއް އަދާކުރި މީހެއް ނޫނެވެ.

ހަތަރު މަޛްހަބުގެ ޢިލްމުވެރިންގެ ފިޤުހުގައި ވެސް ޠަބީޢީ ކިރުގެ ޙާލަތުގައި ފިރިމީހާއަކީ ކިރުގެ [މިލްކުވެރިޔާ] އެވެ. އެހެނީ އެކިރު އުފެދުނީ ފިރިމީހާ އަނބި މީހާއާ ޖިމާޢުވުމުގެ ނަތީޖާއެއްގެގޮތުން ބަލިވެ އިނުމުގެ ސަބަބުންނެވެ.

ވީމާ، ހޯމޯން ކިރުގެ ޙާލަތުގައި އަނބިމީހާ އެއްވެސް އިރެއްގައި ބަލިވެ އިނދެފައި ނުވާނަމަ ފިރިމީހާއަކީ ކިރުގެ [މިލްކުވެރިޔާ] އެއް ނޫނެވެ. އެހެނީ އެކިރު އުފެދުމުގެ އެއްވެސް ދައުރެއް އޭނާއަކަށް ނެތެވެ. މި ސަބަބާ ގުޅިގެން ކިރުމައިގެ ފިރިމީހާއަކީ ކިރުދިން ދަރީގެ ބައްޕައެއް ނޫނެވެ. ދަރިފުޅު ބުއިކިރު އުފެދިފައިވަނީ ފިރިމީހާގެ ދައުރެއްނެތި ހޯމޯން މެތަޑްގެ ސަބަބުންނެވެ.

އެހެންކަމުގައި ވީނަމަވެސް މިޙާލަތުގައި ވެސް ދަރިއަށް ނިސްބަތްކުރާއިރު ކިރުގެ ގޮތުން ބައްޕައަކީ މަޙްރަމެކެވެ. ނަމަވެސް މަޙްރަމަކަށްވަނީ ކިރުގެ ގޮތަކުންނޫނެވެ. ކިރުމައިމީހާގެ ފިރިމީހާއަށް ވީތީއެވެ. މީނާއާ ކިރުބުއި ދަރިއާ އޮންނަ ގުޅުމަކީ ދޮންއަންހެންދަރިއާ ދޮން ބައްޕައާ އޮންނަ ފަދަ ގުޅުމެކެވެ. ވީމާ، މި ފިރިމީހާއާއި ކިރުމައިގެ ދަރިން ފިޔަވައި ދެންތިބޭ  ތިމާގެ ބަޔަކީ މި ދަރިއަށް މަޙްރަމުންނެއް ނޫނެވެ.

ޚުލާޞާކޮށް ބުނާނަމަ، އިސްލާމީ ޝަރީޢަތުގައި މަޙްރަމަކީ ކާކުކަން އަދި މަޙްރަމެއް ނޫން މީހަކީ ކާކުކަން ސާފުކޮށް ކަނޑައަޅައެވެ. އެހެނީ މުސްލިމުންގެ ސުލޫކުގައި މަޙްރަމުންނާއި މަޙްރަމުން ނޫންމީހުންނާ މުޢާމަލާތްކުރާގޮތް ތަފާތެވެ. ޚާއްޞަކޮށް ޢިއްފަތްތެރިކަން ހިފެހެއްޓުމާއި، ޢައުރަ ނިވާކުރަންޖެހުން ފަދަ ކަންކަމުގައެވެ. މަޙްރަމެއް ނޫން މީހަކަށް ޢައުރައިގެ އެއްވެސް މިންވަރެއް ދެއްކުމަކީ ޝަރީޢަތުގައި ޙަރާމްކަމެކެވެ.

ހޯމޯން ކިރުގެ ސަބަބުން މަޙްރަމުންނާއި މަޙްރަމުން ނޫން މީހުން ވަކިކުރުމަކީ ތަފާތު ޙާލަތެކެވެ. މުސްލިމުންނަށް މިކަން އެނގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

ތަފްޞީލުކޮށް މިކަން އޮތްގޮތް ބެލުމަށް، ސިންތެޓިކް ހޯމޯން އިންޖެކްޝަން ޖަހައިގެން އުފެދޭ ކިރުބުއި ދަރިއާއި ކިރުގެ ގޮތުން މައިމީހާގެ ފިރިމީހާގެ ޙާލަތާ ބެހޭ އިތުރު ފިޤުހީ ލިޔުންތައް ކިޔުން ބޭނުންތެރިއެވެ.

ޙުސައިން ޢާމިރު