ހޮލިޑޭ އިން މާލެ ހޮޓެލް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހޮލިޑޭ އިން މާލެ ހޮޓެލް އަކީ ދުނިޔޭގެ ހޮޓާ ހިންގާ އެންމެ ބޮޑު އެއް ކުންފުނި އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގުރޫޕް އިން ދިވެހިރާއްޖޭގައި ހުޅުވި ފުރަތަމަ ހޮޓަލެވެ. މިހޮޓާ ހުންނަނީ ވެރިރަށް މާލޭގައެވެ. އަމީރު އަހުމަދު މަގުގައެވެ. ހ.އަތިރީގޭއާގޭގައެވެ. ހޮލިޑޭ އިން މާލެ ހޮޓެލް އަކީ އެހޮޓާ ބިނާކޮށް ނިމުނުއިރު ( 2009 ވަނަ އަހަރު ) މާލޭގައި އަދި ދިވެހިރާއްޖޭގައި ވެސް ހުރި އެންމެ އުސް އިމާރާތެވެ. މިއީ 15 ބުރީގެ އިމާރާތެކެވެ. މިހޮޓަލުގައި މުޅިއެކު 3 އެފްއެންބީ އައުޓްލެޓް ހުރެއެވެ. އެއީ 80 މީހުންގެ ޖާގައިގެ ލައިމް ރެސްޓޯރެންޓް، ހޮޓަލުގެ ލޮބީގައި ހަދާފައިވާ ޕަނިނީ ކެފޭ، އަދި ހޮޓަލްގެ އެންމެ މަތީގައި ހަދާފައިވާ އަޒުރް ރެސްޓޯރެންޓް އެވެ. ހޮލިޑޭ އިން މާލެ ހޮޓެލް ގައި 250 މީހުންގެ ޖާގައިގެ ބޯލް ރޫމް އެއް ވެސް ތައްޔާރުކުރެވިފައި ވެއެވެ. މިބޯލް ރޫމްގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމަކީ ދިވެހި ސަރުކާރާއި ޗައިނާގެ ވިޔަފާރިވެރިންގެ ވަފުދަކާމެދު 13 ސެޕްޓެމްބަރު 2009 ގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެވެ. މިބޯލް ރޫމް ހަދާފައިވަނީ ބޭނުންވެއްޖެ ޙާލަތެއްގައި 3 ބަޔަށް ބައިކޮށްލެވޭ ގޮތަށެވެ. ހޮލިޑޭ އިން މާލެ ހޮޓެލްގައި ތަފާތު 3 ވައްތަރެއްގެ 117 ކޮޓަރި ހިމެނެއެވެ. މިހޮޓާ ހުޅުވުނުއިރު މިއީ މާލޭގައި ހުރި އެންމެ ކޮޓަރީގެ އަދަދު ގިނަ ހޮޓާވެސް މެއެވެ. ބައެއް ކޮޓަރިތަކުގައި ހަތަރުއަގޮޅިއަށްވާ ގޮތަށްހުރި ބެލްކަނި ތައް ހިމެނޭއިރު، ބައެއް ކޮޓަރިތަކުގައި ބިލިގާ ވެސް ހުރެއެވެ. ހުރިހާ ކޮޓަރިތަކެއްގައި ފްލެޓް ސްކްރީން އާއި، ވިޔަފާރި ބޭނުންތަކަށް މަޑުކުރާ މީހުންނަށް ބޭނުންވާ އެހެން ވަޞީލަތްތައް ހުރެއެވެ. ހޮލިޑޭ އިން މާލެ ހޮޓެލް އަކީ މާލޭގައި ގާއިމްކުރެވިފައިވާ ހޮޓާ ތަކުގެ ތެރެއިން އެހޮޓަލުގެ އެއްވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ފުރަތަމަ ހޮޓާ ވެސް މެއެވެ. މިހޮޓަލްގައި ޖުމްލަ 4 ލިފްޓް ހުރެއެވެ. މިހޮޓަލްގެ އެންމެ މަތީގައި ވަރަށް ރީތި ފަތާފެންގަނޑެއް ތައްޔާރުކޮށްފައި ވެއެވެ.