ހޮނޑު މިޔަރު
ހޮނޑު މިޔަރު (އިނގިރޭސި ބަހުން: Mustelus manazo)ނުވަތަ (އިނގިރޭސި ބަހުން: starspotted smooth-hound shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ކުޑަ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.2 މީޓަރަށެވެ. އަދި ޖިންސީ ގޮތުން މިމިޔަރުބޮޑުވަނީ ދިގުމިން 72-62 ސެންޓިމީޓަރަށް ދިގުވީމައެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ. އަދި ވިހާ ކޮންމެ ފަހަރަކު 22-1 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މިއީ ކަނޑުގެ އަޑީބައިގައި އުޅޭ މިޔަރެއް ކަމުން ރާއްޖޭގެ މަސްވެރިންނަށް މިމިޔަރު ފެނިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު މިމިޔަރަށް އާންމުކޮށް ދިވެހިން ނަމެއް ކިޔައެއް ނޫޅެއެވެ. ވީމާ މިޔަރުގެ އާންމު ސިފަޔަށް ބަލާ އަދި މިޔަރަށް އިގިރޭސިން ދީފައިވާ ނަމަށް ބަލާ ހޮނޑު މިޔަރު މިނަން ކިޔުނީ އެވެ.
މިއީ ހިމަތޮޅިކޮށް ތުން ދިގުކޮށް ހުންނަ މިޔަރެކެވެ.މި މިޔަރުގެ ނިގޫ ކުރުވެފައި ކޮޅަށް ފުޅާ ވާނެއެވެ. ހޮނޑު މިޔަރުގެ ބުރިކަށިމަތީގައި ދެއުރަހަ ހުރެއެވެ. އަދި ބަނޑުދަށް ފަރާތުގައިވެސް ދެއުރަހަހުރެއެވެ. ބުރަކަށި މަތީގެ ފުރަތަމަ ކޮތަރި ފަޅާފައި ހުންނަނީ ކަންފަތްގަނޑަށްވުރެ ތަންކޮޅެއް ކުރިންނެވެ. އަދި ބުރަކަށި މަތީގެ ދެވަނަ ކޮތަރި ބަނޑު ދަށްފަރާތުގެ ކޮތަރިއަށްވުރެ މާބޮޑުތަން ބޮޑެވެ. މިމިޔަރުގެ އާންމު ކާނާއަކީ މަހާއި އަދި ކުދި ކަކުނި ފާނޑުގެ ސޫތްޕެވެ.މިޔަރުގެ ބުރަކަށިމައްޗާއި ދެއަރިމަތީގެ ކުލައަކީ އަޅި ނުވަތަ އަޅި މުށި ކުލައެވެ.ބަނޑު ދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. އިންޑިޔާ ކަނޑު އަދި ޕެސިފިކް ކަނޑުގެ އެކި ހިސާބުތަކުގައި ހޮނޑު މިޔަރު އުޅޭކަން ފާހަގަ ކުރެވެއެވެ. މިއީ ޓްރައިއަކިޑީ އާއިލާގައި ހިމެނޭ މިޔަރެކެވެ.