ހުޅު ފަންހާމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހުޅު ފަންހާމަސް

ހުޅު ފަންހާމަސް(ސައިންޓިފިކް ނަން: Pterois radiata)ނުވަތަ (އިނގިރޭސި ބަހުން: Clearfin lionfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި 30 މީޓަރަށްވުރެ ތިލަ ހިސާބުގައި އުޅޭ ފަންހާމަސް ގެ ބާވަތެކެވެ. ފަންހާ މަހުގެ ބާވަތްތަކަށް ރާއްޖޭގައި ވަކި ޚާއްޞަ ނަންތަކެއް ކިޔާނޫޅޭތީ މިބާވަތުގެ މަހުގެ ސިފައަށާއި ކުލައަށާއި މަހަށްކިޔާ ޢިލްމީ ނަމަށް ވިސްނާ ހުޅު ފަންހާމަސް ކިޔާ މިމަހަށް ނަންދީފައި ވަނީ އެވެ. މިމަހުގެ ބުރަކަށިމަތީގައި ވަރަށް ތޫނު އަދި ނުރައްކާތެރި ވިހައެކުލެވޭ ކަށިތަކެއް ހުރެއެވެ. މިކަށިތަކަކީ މަހުގެ ދިފާޢަށްޓަކައި ބޭނުންކުރާ ކަށިތަކެކެވެ. ވުމާއެކު މިމަސް ހިފާގެންގުޅޭއިރު މިކަމަށް ފަރުވާތެރި ވާންޖެހެއެވެ. މިއީ އާންމުކޮށް ކައިއުޅޭ މަހެއް ނޫނަސް މޫދުމަސް ދިރުވައިގެން ގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުގުވެރިވާ މަހެކެވެ. އަދި މިމަސް ދިރޭމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ނުވަތަ 13 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑު ދިގުފައި ނިގޫފަތް ގާތްގަނޑަކަށް ކޮލާއި ހަމައަށް ފޯރައެވެ. މަހުގެ ކުލައަކީ ރަތްމުށި ކުލައެކެވެ. ފަންހާ މަހުގެ އެހެން ބާވަތްތަކަށްވުރެ މިބާވަތުގެ ފަންހާ މަސް ގެ ކުލަ ރަތްކަން ގަދައެވެ. އަދި ކޮތަރިތައް ހުންނަނީ ހުޅުކޮޅެއްފަދަ ގަދަ ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ފުޅާ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކޮތަރިތަކާއި ނިގޫފަތުގައި އެހެނިހެން ފަންހާ މަހުގައި ހުންނަ ފަދަ ހުދުކުލައިގެ ލައްތަކެއް ނުހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސމ އަށެވެ.