ހުރަސްގަޅި ލޮނދިމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހުރަސްގަޅި ލޮނދިމަސް

ހުރަސްގަޅި ލޮނދިމަސް (ސައިންޓިފިކް ނަން: Diploprion bifasciatum)ނުވަތަ (އިނގިރޭސި ބަހުން: Barred soapfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ދިރިއުޅޭ މަހެކެވެ. މިއީ ދިވެހިން ކޮށްއުޅޭ އެކިބާވަތްތަކުގެ މަސްވެރިކަމުގައި ބާނާ އުޅޭ މަހެއް ނޫނެވެ. މިބާވަތުގެ މަހުގެ ބޭރު ހަންގަނޑުގައި އާދަޔާ ޚިލާފު ވިހައެއް އެކުލެވޭ ލޮނދީގެ ފަށަލައެއް ލެވިފައި ހުރެއެވެ. މިއީ ފަރުފަޅުތަކުގައި އުޅޭ މިފަދަ ކުދިމަސް ކައިއުޅޭ ބޮޑެތި މަސްމަހުގެ ފަރާތުން ރައްކާތެރިވުމަށް އެމަހުގައި އެކުލެވޭ ސިފައެކެވެ. ވުމާއެކު މިއީ ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. އަދި މިއީ އެކްއޭރިއަމް ތަކުގައި ގެންގުޅޭ މަހެއް ވެސް ނޫނެވެ. ސަބަބަކީ އެކްއޭރިއަމް ތަކުގައި ގެންގުޅުމުން އޭގެ ބޭރުގައި ހުންނަ ވިހަ ލޮނދީގެ ސަބަބުން އެހެން މަސްތައް މަރުވާތީ އެވެ. މިއީ ފަރުފަޅުގެ އުރަފަށުގައި ދިރިއުޅޭ ރީތި މަހެކެވެ.

މަހުގެ ކުލައަކީ މަޑު މުށި ރީނދޫ ކުލައެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުން ފެށިގެން ގޮސް ލޯހުރަސްކޮށް ތިރިއަށް ގަދަ މުށިކުލައިގެ ރޮނގެއް ހުރެއެވެ. އަދި ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ކުލައަކީ ވެސް ގަދަ މުށިކުލައެވެ. މަހުގެ މެދުގައި ހުރަހަށް ވަރަށް ފުޅާ މުށިކުލައިގެ ރޮނގެއް ހުރެއެވެ. މިއީ ވަރަށް ލޮނދި އަތުން ހިފަން އުދަގޫ މަހެކެވެ.

މިމަހަށްކިޔާ ދިވެހި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމިހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން މަހުގައި ހިމެނޭ ޚާއްޞަ ސިފަޔަށް ވިސްނާ މިމަހަށް ހުރަސްގަޅި ލޮނދިމަސް ކިޔާ ނަންދީފައިވަނީ އެވެ.