ހުރަވީ ދުވަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހުރަވީދުވަސް ނިސްބަތްވެގެން ވަނީ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤުސަދަކީ އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުންނެވެ. ހަސަން މަނިކުފާނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ހުސެން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ހަސަންމަނިކުފާނު ނުވަތަ މުލީގޭ ދޮން ހަސަންމަނިކުފާނެވެ. މައިފުށުން ގުޅެނީ ހުރާ ދޮންމަރުދުރުގެ ފަނޑިއަތް ތަކުރުފާނާއެވެ. ހަސަން މަނިކުފާނު ނުވަތަ ދޮންބަނޑާރައިންގެ އަނބި ކަނބަލުންނަކީ ފެންފުށީ ކަކާ އަޅި ތަކުރުފާނުންގެ އާމިނާ ފާނެވެ.

ހިޖުރައިން 981 ވަނަ އަހަރު ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެމިނިވަން ކޮއްދެއްވިތާ 185 އަހަރު ފަހުން މަލާބާރީންނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އައިސް ހިޖުރައިން 3 ޞަފަރު 1166 މީލާދުން 20 ޑިސެންބަރު 1752 ގައި، އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަން ނޫރައް ގެންގޮސް މަލާބާރީން މާލޭގައި އެމީހުންގެ ވެރިކަން ގާއިމް ކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ގައުމަށް ހިޔާނާތް ތެރިވި އަލްގާޒީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އޭރު ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޙަތީބް އަހްމަދު މުޙިއްޔުއްދީން، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވާ އަލީ ރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ވިދާޅުވުމުންނެވެ.

މިހާދިސާޔާ ގުޅިގެން ދިވެހިން މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ. މިއަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖުރައިން 3 ޖުމާދަލްއާޚިރު 1166 މިލާދުން 7 އޭޕްރީލް 1753 ވީ އާދިއްތަ ވިލޭރޭ މެންދަމު މަލާބާރީންގެ ވެރިކަމުގެ މަރުކަޒުކަމަށް ހަދާފައިވާ ވެޔޮދޮށު ގަނޑުވަރަށް ހަސަންމަނިކުފާނުގެ އެކުވެރީންނާއެކު ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވާ އެމީހުން ބަލި ކުރެއްވިއެވެ. އަދި ހޮޅިންގެ އަތްދަށުން ރާއްޖެމިނިވަން ކުރެއްވިއެވެ. ދިވެހި ތާރީހުން އެނގޭ ފަދައިން އެތައް ފަހަރެއްގެ މަތީން ދޮންބަންޑާރައިން ވަނީ ރާއްޖެ އަޅުވެތި ކުރުމަށް އައި މަލާބާރީންނާ ހަނގުރާމަ ކުރައްވާ ދުޝްމިނުން ބަލި ކުރައްވާފައެވެ. ހިޖުރައިން 1166 އާ 1174 އާ ދެމެދު ކަންނަންނޫރުގެ އަލީ ރާޖާ ފޮނުއްވައިގެން ރާއްޖެ އާ ދިމާކުރަން އައި މަލާބާރުންގެ ގުރާބުތަކާ މާލޭގެ ބަނދަރުން ފެށިގެން ތިލަދުންމަތީ ދޮނަކުޅިއާ ދެމެދު ހިނގި ކޮންމެ ހަނގުރާމަ އެއްވެސް ދޮންބަންޑާރައިން ވަނީ ކާމިޔާބު ކުރައްވާފައެވެ.

އަލްޣާޒީ ކަމުގެ ލަގަބާއި ރަންނަބަނޑޭރިކަން ދޮންބަންޑާރއިންނަށް ލިބި ވަޑައިގަތީ ހިޖުރައިން 1167 ގައި ހޮޅީންނާ ކުރެއްވި ހަނގުރާމައިގެ ވެރިއެއްގެ ގިތުން ވަޑައިގެންނެވުމުންނެވެ. ދޮންބަނޑާރައިން ރާއްޖެގެވެރިކަމާ ހަވާލު ވެ ވަޑާއިގަތީ ހިޖުރައިން 1170 ވަނަ އަހަރު ޝައްވާލު މަހުގައި އައްސުލްތާން މުކައްރަމް މުހައްމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަވުމަށް ފަހުއެވެ. ދޮންބަންޑާރައިން އަވަހާރަ ވެފައިވަނީ ހިޖުރައިން 1180 ގައި މީލާދުން 1 ފެބްރުއަރީ 1767ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައިވާ އިބަރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.