ހީޓް ސްޓްރޯކްޖެހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހީޓް ސްޓްރޯކްޖެހުން(އިނގިރޭސި ބަހުން: Heat Stroke) މިއީ ހަށިގަނޑުން ހޫނު އުފައްދާ މިންވަރު، ހަށިގަނޑުން ހޫނު ބޭރުކުރާ މިންވަރު އަށްވުރެ މަތިވުމުން ވެދާނެ ގޮތެކެވެ. ގަދަ އަވީގައި ނުވަތަ ހޫނުގައި ގިނައިރު އުޅުން، އަދި އާދަޔާ ޚިލާފަށް ގަދަޔަށް ހުންއައުން ފަދަ ކަންކަމަކީ ހީޓް ސްޓްރޯކް ޖެހުން މެދުވެރިކުރުވާފާނެ ކަންކަމެވެ. ”ހީޓް ސްޓްރޯކް“ (ހޫނުގަދަވުމުގެ ސަބަބުން ހޭނެތުން) އަކީ ވެސް ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ނުރައްކާތެރި ވައްތަރެކެވެ. އެއީ އެ ޙާލަތުގައި ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގެ ބާރު ނުވަތަ ކުޅަދާނަކަން ހަށިގަނޑަށް ނުލިބޭތީއެވެ. ދޮން ބޮޑުވެފައިވާ ކާރެއްގެ ތެރޭގައި ކުޑަކުއްޖަކު ބައިންދާއިފި ނަމަ މިހެން ވެދާނެއެވެ. ނުވަތަ ބޯނެ އެއްވެސް ބުއިމެއް ނެތި މާބޮޑަށް ނުވަތަ މާގިނަ އިރު ކަސްރަތު ކުރުމުން ވެސް މިހެން ވެދާނެ އެވެ.

ހީޓް ސްޓްރޯކްޖެހުމުން ހަށިގަނޑުން ފެންހުސްވުން، ހަށިގަނޑުން ލޮނުމަދުވުން، އަދި ބައެއް ފަހަރު ސާކިޔުލޭޓަރީ ޝޮކް ޖެހޭގޮތް ވެއެވެ. އަދި މީގެ އިތުރުން ފިނިހޫނުމިން ކޮންޓްރޯލްކުރާ މަރުކަޒު ގެ މަސައްކަތް ދަށްކޮށްލައެވެ. ނުވަތަ ހުއްޓުވާލައެވެ. މިއީ ވަރަށް ނުރައްކާ ކަމެކެވެ. ސަބަބަކީ މިހެންވެއްޖެނަމަ ހަށިގަނޑުގެ ފިނިހޫނުމިން އަނެއްކާވެސް މަތިވެގެންދާނެތީ އެވެ. އަދި އޭގެ ފަހުގައި އަނެއްކާވެސް ފިނިހޫނުމިން ކޮންޓްރޯލްކުރާ މަރުކަޒުގެ މަސައްކަތް ދަށްކޮށް، އެގޮތަށް ގޮސް ހަށިގަނޑުގެ ފިނިހޫނުމިން ހުރިމިންވަރު މަތިކުރުވާތީއެވެ. ހީޓް ސްޓްރޯކްޖެހުމުގެ އާޚިރު ނަތީޖާއަކީ މުޅި ހަށިގަނޑުން ލޭހިލި، މީހާގެ މަރު ކުރިމަތި ވުމެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ލޯފުސްވުން، ބަނޑުގައިރިހުން، ހޭވެރިކަން ގެއްލުން، ޝޮކްޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ހީޓް ސްޓްރޯކްޖެހުމުން ފެނާއި، އައިސް ފަދަ ތަކެތި ބޭނުންކޮށްގެން ވީއެންމެ އަވަހަކަށް ހަށިގަނޑުގެ ހޫނުކަން ދަށްކުރަންޖެހެއެވެ. މީގެ އިތުރުން އެސްޕިރިން ފަދަ ބޭހުން ވެސް ރަގަޅުކުރެވިދާނެއެވެ.