ހިޝާމް ބިން ޢަބުދުލް މަލިކް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރިހަމަ ނަންފުޅަކީ ހިޝާމް ބިން އަބުދުލް މަލިކް ބިން މަރުވާން ބިން ހަކަމް އެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 71ވަނަ އަހަރު ދިމިޝްގު ގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 105ވަނަ އަހަރުގެ ޝަޢުބާން މަހުގެ 26ވަނަ ދުވަހު އެވެ. މީލާދީން 724ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ބޭބޭފުޅު ޔަޒީދު ބިން އަބުދުލް މަލިކް އަވަހާރަވުމާއި ގުޅިގެންނެވެ.

ހިޝާމް ބިން އަބުދުލް މަލިކްގެ ޚިލާފަތުގައި ހިޖުރައިން 120ވަނަ އަހަރު ކޫފާގެ 14ހާސް މީހުންނާއި އެކު ޒައިދު ބިން އަލީ ބިން ހުސައިން ހިޝާމް ބިން އަބުދުލް މަލިކްއާއި އިދިކޮޅަށް ނިކުންނެވިއެވެ. އެއީ ހިޝާމް ބިން އަބުދުލް މަލިކް ގަތުލުކުރެއްވުމަށްޓަކައެވެ. ޝާމްކަރައިގައި އޮތް ހިޝާމްބިން އަބުދުލް މަލިކްގެ ވެރިކަމުގެ ދުވަސްވަރު އުމަވީ ދައުލަތުގެ އެއްވެސް ޚަލީފާއެއްގެ ޚަޒާނާގައި ނެތްވަރަށް ލާރި ފައިސާ އެއްކޮށްފައި ހުއްޓެވެ. ހޫނު މޫސުމު ދިރިއުޅެއްވުމަށްޓަކައި 4މޭލު ބޮޑުމިނުގައި ރަޞާފާއޭ ކިޔޭ ތަނެއް ބިނާކުރެއްވިއެވެ. ހިޝާމް ބިން އަބުދުލް މަލިކް ފާހަގަ ކުރެވިފައިވަނީ އަމިއްލަ ފުޅަށް ކަންތައްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 125ވަނަ އަހަރު ރަޞާފާ ގައެވެ.