ހަލުވި ވެންފުންނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ހަލުވި ވެންފުންނަ (ސައިންޓިފިކް ނަން: Entomacrodus striatus)ނުވަތަ (އިނގިރޭސި ބަހުން: Pearly rockskipper)އަކީ ރާއްޖޭގެ ތިލަފަޅު ތަކުގަޔާއި ފަރުމަތީގައި ގިނައިން އުޅޭ ވެންފުންނައިގެ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 9 ސެންޓި މީޓަރަށެވެ. ވެންފުންނަ އަކީ ދިވެހިން އާންމުކޮށް ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިބާވަތުގެ މަސްބޭނުމަށް ނުވަތަ ހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ވެސް ނޯވެއެވެ. ނަމަވެސް މޫދަށްއެރި އުޅޭ ކުޑަކުދިން މަޖަލަކަށް ހިފާއުޅޭ މަސްތަކުގެ ތެރޭގައި މިބާވަތުގެ ވެންފުންނަ ހިމެނެއެވެ. މިއީ ހަލުވި ހިފަން އުދަގޫ މަހެކެވެ. މަހުގެ ކާނާއަކީ ގަލު ފެއްސެވެ. މަހުގެ ކުލައަކީ ހުދުކުލައެވެ. މުޅި ހަށިގަނޑުގައި ކަޅުކުލައިގެ ކުރެހުންތަކެއް ހުރެއެވެ. މިކުރެހުންތަކުގެ ކުލަގަދަކަޮށް ހުންނަ 4 ލައް މަހުގެ މަތީބައިގައި ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 އާއި 14 އާއި ދެމެދުގެ އަދަދަކަށް ހަރުކައްޓާއެކު 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 15 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހިމެނޭ ސިފަތަކަށް ވިސްނާ،އަދި އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ހަލުވި ވެންފުންނަ ކިޔާފައި ވަނީ އެވެ.