ހަކުރު ބަލީގައި ނާރުތައް ހަލާކުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަކުރު ބަލީގައި ނާރުތައް ހަލާކުވުން(އިނގިރޭސި ބަހުން: Diabetic neuropathy) އަކީ ހަކުރު ބައްޔާއި ވިދިގެން ހަށިގަނޑުގެ ތަފާތު ނާރުތަކަށް ގެއްލުން ލިބުމެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ފެންމަތިވެގެން އަންނަ މައްސަލަ އެކެވެ. ހަކުރު ބައްޔާއި ގުޅިގެން ކުރިމަތިވާ ނާރުތަކުގެ މައްސަލަ ތަފާތު 3 ބަޔަކަށް ބަހާލެވިދާނެއެވެ.

  • ޕެރިފެރަލް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން ޕެރިފެރަލް ނާރު ތަކަށް ގެއްލުން ލިބުމެވެ. މިދެންނެވި ނާރު ތަކަކީ، ތަދު، ބީހުން، ހޫނު، ފިނި ކަން ފަދަ ކަންތައްތަކުގެ އިހްސާސްތައް ފޯރުކޮށްދިނުމުގައި ބައިވެރިވާ ނާރުތަކެވެ. މީގެ އިތުރުން މަސްތަކުގެ ބާރު، އަދި ހަރަކާތްތަކުގައި ވެސް މިނާރުތައް އޭގެ ދައުރު އަދާކުރެއެވެ. އެންމެ އާންމުކޮށް ބަލީގެ އަސަރު ފޯރަނީ ފައިގެ ތިރީގައި ހުންނަ ނާރުތަކަށެވެ. ފައިގައި އެކުލެވޭ ނާރުތަކަށް ގެއްލުންވުމުން ހީވެސް ނުކުރާފަދަ މައްސަލަތައް ފަޔަށް މެދުވެރި ވެއެވެ.
  • އޮޓޮނޮމިކް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން އޮޓޮނޮމިކް ނާރު ތަކަށް ގެއްލުން ލިބުމެވެ. މިދެންނެވި ނާރުތަކަކީ، ހިތުގެވިންދު ޖެހުން، ލޭގެ ޕްރެޝަރު، ހަޖަމުކުރުން، ކުޑަކަމުދިއުން، ދާހިއްލުން، އަދި ޖިންސީ ގުޅުމާއި ބެހޭކަންކަން ކޮންޓްރޯލްކޮށްދޭ ނާރުތަކެވެ.
  • ފޯކަލް ނިއުރޯޕަތީ:- މިއީ ހަކުރު ބައްޔާއި ގުޅިގެން ވަކި އެންމެ ނާރަކަށް އޭގެ އަސަރު ކުރުމެވެ. އާންމު ގޮތެއްގައި އަސަރު ކުރަނީ މާކަޅުވާމަސް، ފައިތިލަ އަދި އަތުކުރި ހިމެނޭ ހިސާބުގައިވާ ނާރުތަކުން ނާރަކަށެވެ. މިވައްތަރުގެ ނާރުތަކަށް ގެއްލުން ލިބުން އާންމު ގޮތެއްގައި ކުރިމަތިވަނީ ނޭނގި ހުއްޓައި ކުއްލިއަކަށް ދިމާވާ ކަމެއްގެ ގޮތުގައެވެ.