ހަނދުފަޅި ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހަނދުފަޅި ބިބީ

ހަނދުފަޅި ބިބީ(ސައިންޓިފިކް ނަން: Chaetodon lunula)ނުވަތަ (އިނގިރޭސި ބަހުން: raccoon butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުގެ ބޭރުގައި ދިރިއުޅޭ ވަރަށް ރީތި މަހެކެވެ. ދިވެހިންގެ ތެރޭގައި މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހަށްކިޔާ ސައިންޓިފިކް ނަމާ ގުޅޭ ގޮތުން، އަދި މަހުގެ ބޮލުގެ މަތިން ފެށިގެން ކަރުތާފަތުގެ މެދާއި ހަމައަށް ހުދުކުލައިގައި ހަނދުފަޅި ބުރަށް ހުންނަ ފުޅާ ރޮގަށް ނިސްބަތްކޮށް މިމަހަށް ހަނދުފަޅި ބިބީ ކިޔާފައިވަނީ އެވެ.

ހަނދުފަޅި ބިބީ އަކީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނަސް، ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު ހިފާއުޅޭ މަހެކެވެ. މިއީ އެކަހެރިކޮށްނާއި، ޖޯޑްޖޯޑަށް، އަދި ކުދި އައިން ހަދައިގެން ބައެއް ފަހަރު އުޅޭ މަހެކެވެ. އާންމުގޮތެއްގައި މިމަސް އުޅެނީ 3 ފޫޓާއި، 16 ފޫޓާއި ދެމެދުގެ ފުންމިނުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި، އަދި 22 އާއި 25 އާއި ދެމެދުގެ އަދަަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރު 3 ކަށި، އަދި 17 އާއި 19 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 15 ނުވަތަ 16 މަޑުކަށި ހުރެއެވެ.

މަހުގައި ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ލޮލުގެ ހުރަހަށް ވަރަށް ފަލަ ކަޅުކުލައިގެ ރޮނގެއް ހުރެއެވެ. މިރޮނގުގެ ފަހަތުގައި ހަނދުފަޅި ބުރަށް ހުންނަ ފުޅާ ހުދުކުލައިގެ ރޮނގެއް ހުރެއެވެ. އަދި މިހަނދުފަޅީގެ ފަހަތުން މަހުގެ މައްޗަށް ވާގޮތަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދޮށް ހުންނަނީ ކަޅުކުލައިގައެވެ.