ސުއްނަތް
ވިކިޕީޑިއާ އިން
ސުއްނަތަކީ މުޙައްމަދުގެފާނު އުޅުއްވި ގޮތްކޮޅެވެ. ބަހުގެ ގޮތުން ސުންނަތުގެ މާނައަކީ ގޮތް ނުވަތަ ސިޔަރަތެވެ. ( ރަނގަޅު ނުވަތަ ނުރަނގަޅު ވިޔަސްމެއެވެ.) ޤުރުއާނާއި ޙަދީޘުގައި މިމާނައިގައި ސުންނަތް ވާރިދުވެފައި ވެއެވެ.
ފިޤުހު ޢިލްމުވެރިންގެ އަރިހުގައިގައި ސުންނަތް: އެއީ ކީރިތިރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ވާޖިބުނޫން ކަންކަމެވެ. ނުވަތަ އެކަލޭގެފާނުގެ އަރިއަހުން ޞައްޙަ އަދި ޞަރީހަކޮށް ސާބިތުވެފައިވާކަންކަމުގެ ތެރެއިން އެކަމެއް ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޒާބު ނުލިބޭ ކަންކަމެވެ.
އުޞޫލުލް ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް: އެއީ ޤުރުއާން ފިޔަވައި ކީރިތި ރަސޫލާ(ޞ) ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއްހިނގިއިރު، ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމެވެ. އަދި ބައެއް ދަންނަބޭކަލުންގެ ނަޒަރުގައި އެކަލޭގެފާނުގެ ޚުލުޤީ (އަޚުލާޤީ) ސިފަފުޅުތައްވެސް ހިމެނިގެން ވެއެވެ.
ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި ސުންނަތް: އެއީ ކީރިތި ރަސޫލާ(ޞ)ގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމެއް ހިނގިއިރު ނުވަތަ އެކަމެއްގެ ޚަބަރު ލިބިލެއްވުމުންވެސް މަނާނުކުރައްވާ ކަންކަމާއި އެކަލޭގެފާނުގެ ޚުލުޤީ ސިފަފުޅުތަކާއި ( އޯގާތެރިކަމާއި ތެދުވެރިކަން ފަދަ ސިފަފުޅުތައް ) އެކަލޭގަފާނުގެ ޚަލްޤީ ސިފަފުޅުތަކެވެ.
ސުންނަތުގެ ޙުއްޖިއްޔަތު ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ ޝަރީޢަތުގެ ބައެއް ކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެއެވެ. ކީރިތި ރަސޫލާ (ޞ) ގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން ދެވަނަ މަސްދަރެވެ. ކީރިތި ޤުރުއާނުން މިކަމުގެ ހެކި ލިބެއެވެ.
|
|