ކީރިތި ޤުރުއާން
ޤުރުއާނަކީ އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ ފޮތެވެ.ކީރިތި ޤުރުއާން
ޤުރުއާނުގެ ތަޢާރުފު[އުނިއިތުރު ގެންނަވާ]
"އެއީ ކީރިތި ރަސޫލާ(ޞ) މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ." (އިސްލާމީ ތަރުބިއްޔަތު ދަރިވަރުންގެ ފޮތް ގުރޭޑު8) އަދި އެޤުރުއާން ވަނީ ކީރިތި ރަސޫލާ(ޞ) ގެ ރިސާލަތު ގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.
ޤުރުއާނުގެ ޙުއްޖިއްޔަތު[އުނިއިތުރު ގެންނަވާ]
(ޤުރުއާނުން ނެގޭ ދަލީލު ޙުއްޖަތަކަށް ނުވަތަ ދަލީލަކަށް ވާގޮތް) ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެޤުރުއާނު ބާވައިލެއްވީ ޢަރަބި ބަހުންނެވެ. އަދި މިފަދަޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށް ގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެ އަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަ ވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށްވެސް ވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނު ވީއިރުވެސް) އެކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީ ދަލީލެއް ކަމުގެ ހުއްޖަތެކެވެ.
ޤުރުއާނުންނެގޭ ޙުކުމްތައް ބެހޭ ބައިތައް[އުނިއިތުރު ގެންނަވާ]
|
|||||||||||||
- ޤަޠަޢީ ޙުކުމްތައް
ކީރިތި ޤުރުއާނުގައި، ޙުކުމްތަކާ ގުޅޭ ބައެއް އާޔަތްތައް ( ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތް ތަކާއި ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދީފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާއި ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކުމެރުން ޙަރާމުކުރެއްވި އާޔަތްތަށް ފަދައާޔަތްތައް) އައިސްފައިވަނީ އެއިން އިތުރު މާނައެއް ނުނެގޭފަދަ ޤަޠަޢީ (ކަނޑައެޅިގެން ބަޔާންވާ) ގޮތެއްގައެވެ.
- ޡައްނީ ޙުކުމްތައް
ނަމަވެސް ޤުރުއާނުގެ ޙuކުމްތަކާ ގުޅޭ، ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ޙުކުމްތަކެވެ. ނުވަތަ އެއްމާނަޔަށްވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މުޖުތަހިދުން ބަޙުޘު ކޮށް ހޯދައިގެން ވަކިގޮތެއް ނެރެންޖެހޭ ޙުކުމްތަކެވެ. މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހެންޖެހޭ ވަރު ކަނޑައެޅުމެވެ. އަދި އަންހެނާގެ ޢިއްދައްކީ ކޮބައިކަން ބަޔާންކުރުމެވެ.
ފުރަތަމަ ދެންނެވުނު ޤަޠަޢީ ހުކުމްތަކަކީ ކޮންމެ އިންސާނެއްގެ މައްޗަށް ކަނޑައެޅިގެން ވާޖިބު، އެއަށް ތަބާވާން ޖެހޭ، އަދި އެއާއި ދެކޮޅު ހަދައިފިނަމަ މިއްލަތުން ބޭރުވާނެ ޙުކުމްތަކެވެ. ނަމަވެސް މިއާޚިލާފަށް ދެވަނަ ވައްތަރުކަމުގައި ވާ، ޡައްނީ ޙުކުމްތަކަކީ އޭގައި ދަންނަބޭކަލުންގެ ވިސްނުންފުޅު ތަފާތުވެފައިވާ ޙުކުމްތަކެވެ. އަދި ވަކިމީހެއްގެ ވިސްނުން އަނެކާއާއި ތަފާތުވުމަކީ އަނެކާގެ ޚިޔާލު ދޮގުކޮށް ބާޠިލްކުރެވޭނެ ކަމެއްނޫނެވެ. އެއްވެސްމީހަކަށް އަނެކެއްގެ ވިސްނުމަކީ ގޯސް ބާޠީލު ވިސްނުމެކޭ ނުބުނެވޭނެއެވެ. އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވިސްނުންފުޅު ބިނާކުރައްވަނީ ޝަރުޢީ ދަލީލު ތަކުގެ އަލީގައި ކަމަށްވާތީއެވެ.