މުޙައްމަދުގެފާނު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
މުހައްމަދު

މުޙައްމަދުގެފާނަކީ (ޢަރަބިބަހުން: محمد) މުސްލިމުންގެ ގާތުގައި ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.

ގިނަ ތާރީޚީ ލިޔުން ތަކުން ހެކި ލިބޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ އަށް ވީ ހޯމަ ދުވަހުއެވެ. މި ދުވަހާ ދިމާވަނީ ރަބީޢުލްއައްވަލް މަހުގެ 9 ވަނަ ދުވަހާއެވެ. މިވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެކެވެ. އެއިގެ ކުރީ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ އާދީއްތަ ދުވަހެކެވެ. 572 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ހޯމަ ދުވަހެކެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައިކަން ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ. އެހެންކަމުން ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހޭ ބައެއް މީހުން ބުނާ ބުނުމާ ދިމާކުރާނަމަ ތާރީޚުގައި އޮޅުމެއް އެބައާދެއެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގައިބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ޢުމުރުފުޅުން އެއްމެ 6 އަހަރުފުޅުގައި މަންމާފުޅު ވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެއްލެވުމުގެ ޒިއްމާ އުފުއްލަވަން ފެއްޓެވީ ކާފާފުޅެވެ. ޢުމުރުފުޅުން 8 އަހަރަށް އަޅައިގަތް އިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ގެންގުޅުއްވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ.

މުޙައްމަދުގެފާނަށް ވަޙީ ބާވާލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. ޙިރާ ފަރުބަދައިގެ ހޮޙޮޅައިގެ ތެރޭގައި އިންނަވަނިކޮށެވެ. ފުރަތަމަ ބާވާލެއްވުނީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މީގެ ތިން އަހަރު ފަހުން އެކަލޭގެފާނު ފައުޅުގައި މީސްތަކުންނަށް ވަޙީ ވިދާޅުވެދެއްވައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ.

ފުރަތަމަ ކޮޅުގައި އެކަލޭގެފާނާ ތަބަޢަވި ވަރަށް މަދު މީސްކޮޅެކެވެ. މި މީހުންނަށް ދިޔައީ މައްކަގެ އަހުލުވެރިންގެ ގޯނާކުރުންތަކާއި ފުރައްސާރަކުރުންތައް އަމާޒު ވަމުންނެވެ. މީލާދީން 622 ވަނަ އަހަރު މުޙައްމަދުގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. ހިޖްރީ ކަލަންޑަރު ނުވަތަ އިސްލާމީ ކަލަންޑަރު ފެށެނީ މި ހިޖްރައިންނެވެ. ހިޖްރަ ކުރެއްވުމަށްފަހު މަދީގައި އޮތް ގަބާއިލީ ދެކޮޅުވެރިކަން ނައްތަވާ ލެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައި އެކަން ކާމިޔާބު ކުރެއްވިއެވެ. ހިޖްރައިން 8 ވަނަ އަހަރު އެކަލޭގެފާނު މައްކާ ފަތަޙަ ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 10 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ތެރޭގައެވެ. އެއީ މަޝްހޫރު ޙައްޖަތުލްވަދާޢު ނިންމެވުމަށްފަހު މަދީނާއަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ. އެއިރު ޢަރަބުލްޙިޖާޒުގެ ގިނަ ތަންތަނުގައި ވަނީ އިސްލާމް ދީން ފެތުރިފައެވެ.

ނަންފުޅު

މުޙައްމަދު މިނަންފުޅުގެ މާނައަކީ "ޙަމްދުލިބިގެންވާ" ކަލޭގެފާނެވެ. މުސްލިމުންގެ ތެރޭގައި އެކަލޭގެފާނަށް ނަބީ ކަލޭގެފާނު ނުވަތަ ރަސޫލާ ނުވަތަ އިތުރު އެކަލޭގެފާނު ފަދަ ނަންފުޅު ތަކުން މުޚާޠަބުކޮށް އުޅެއެވެ. ޤުރުއާނުގައި އެކަލޭގެފާނަށް އަޙްމަދު މިނަންފުޅުން ވެސް މުޚާޠަބު ކުރެވިފައިވެއެވެ. އަޙްމަދު ގެ މާނައަކީ "އެންމެ ގިނައިން ޙަމްދު ލިބިގެންވާ" ކަލޭގެފާނެވެ. ބުނެވޭ ގޮތުގައި ޔޫނާނީ އިންޖީލުގައިވާ ބާރްޤަލީޠަކީ މުޙައްމަދުގެފާނެވެ.

ބަލައިލުމެއް

މުޙައްމަދުގެފާނުގެ ބައްޕައަކީ ޢަބްދުﷲ ބިން ޢަބްދިލްމުއްޠަލިބް އެވެ. ޒުވާން ޢުމުރުފުޅުގައި އެއްމެ ފުރަތަމަ އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅަކީ ބަކަރި ހުއި ހެއްޕެވުމެވެ. އޭގެ ފަހުގައި ވިޔަފާރި ކުރައްވަން ފެއްޓެވީއެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ ހުރެ ޒުވާން ޢުމުރުފުޅުގައި އެކަލޭގެފާނަށް 'އަލް-އަމީން (ޢަރަބިބަހުން: الأمين) ގެ ނަމުން މުޚާޠަބު ކުރެވެއެވެ. ކޮންމެ ރަމަޟާން މަހެއްގައި އެކަލޭގެފާނު ޙިރާ ފަރުބަދައިގެ ހޮހޮޅައަށް ވަޑައިގެން ރޯދަ ހިއްޕަވައި ދުޢާ ކުރައްވަތެވެ. އިސްލާމީ ޢަޤީދާގައިވާ ގޮތުގައި މުޙައްމަދުގެފާނުގެ ޢުމުރުފުޅުން 40 އަހަރު ގައި (610 މ.) އެ ކަލޭގެފާނުގެ އަރިހަށް ޖިބްރީލުގެފާނު ވަޑައިގެން ﷲ ގެ ވަޙީގެ އާޔަތްތައް ކިޔަވާ ވިދާޅުވުމަށް އެންގެވިއެވެ. މިއަށްފަހު 23 އަހަރުވަންދެން އެބަހީ އެކަލޭގެފާނު އަވަހާރަވަންދެން މި ވަޙީގެ ސިލްސިލާ ދެމިއޮތެވެ. މި އާޔަތްތަކުގެ މުޖްމަޢަކީ ޤުރުއާނެވެ.

އެކަލޭގެފާނުގެ ދުވަސްވަރު މުޖުތަމަޢުގައި ހިނގަމުން ދިޔަ ފާޙިޝް ކަންތައް ހުއްޓުވުމަށް މުޙައްމަދުގެފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ ނަބީކަން ޢާއްމު ކުރެއްވުމުގެ ގޮތުން ފައުޅުގައި ދީނަށް ގޮވައިލައްވަމުން ގެންދެވިއެވެ. ދެގޮތެއްނުވާ އެއްކައުވަންތަކަމަށް މީސްތަކުންނަށް ގޮވައިލެއްވިއެވެ. އަދި ޤިޔާމަތްދުވަހާ މެދު އިންޒާރު ކުރައްވަމުން، ކޮންމެ މީހަކުވެސް އެދުވަހު އެމީހެއްގެ ޢަމަލުތަކަށް ޒިއްމާވާންޖެހޭނެކަން ބަޔާން ކުރައްވަމުން ގެންދެވިއެވެ.

މުޙައްމަދުގެފާނުގެ ރިސާލަތަކީ މައްކާގެ ބޮޑުންނަށް ހުރި ބިރެއް ކަމުގައި އެބައިމީހުން ދެކޭތީ، އެއުރެން ދިޔައީ އެކަލޭގެފާނާ ތަބަޢަވީ މީހުންނަށް އުނދަގޫތަކާއި ތުރާތައް ކުރިމަތިކުރަމުންނެވެ. މިކަން މިގޮތުގައި ދަހަޔަކަށް (decade) ދެމިގެން ދިޔައެވެ. މުޙައްމަދުގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމުން މި ދުއްތުރާ ކުރުންތައް އައު ދަރަޖައަކަށް އުފުލިގެން ދިޔައެވެ. އަބޫޠާލިބު އިސްލާމް ވެވަޑައިގަތުމުން ދުރުގައި ހުންނެވި ނަމަވެސް މުޙައްމަދުގެފާނުންނަށް މައްކާގެ ބޮޑުން ފޯރުވައިފާނެ ކޮންމެ ތުރައަކުން އެކަލޭގެފާނު މިންޖުކޮށް ދެއްވައެވެ.

622މ. ވަނަ އަހަރު މުޙައްމަދުގެފާނު މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. އެ ކަލޭގެފާނު ވަޒަންވެރިވެވަޑައިގަތީ ޔަޘްރިބޭ ކިޔޭ ރަށުގައެވެ. މި އަދު މި ރަށް ނުވަތަ ޝަހަރު މަޝްހޫރުވެފައިވަނީ މަދީނާ ނުވަތަ މަދީނަތުލްމުނައްވަރާ ގެ ނަމުންނެވެ. މި ޝަހަރުގައި އުފެދުނު ފުރަތަމަ އިސްލާމީ މުޖުތަމަޢު ގެ ޒަޢީމަކީ މުޙައްމަދުގެފާނެވެ.

މައްކާގެ އަހުލުވެރިންނާއި މުސްލިމުންނާ ދެމެދު އަަށް އަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގެ ސިލްސިލާ ނިމިގެން ދިޔައީ މުސްލިމުންނަށް ނަޞްރު ލިބި މައްކާ ފަތަޙަ ވެގެންނެވެ. މައްކާ ފަތަޙަ ވުމާ އެކު މުސްލިމުން ކަޢުބާ ގައި ބެހެއްޓިފައި ހުރި ބުދުތައް އެތަނުން ބޭރުކުރިއެވެ. އަދި މައްކާގެ އަހުލުވެރިންގެ ތެރެއިން ގިނަ މީހުން އިސްލާމް ދީން ޤަބޫލުކޮށްފިއެވެ. މީލާދީން 632 ވަނަ އަހަރު މުޙައްމަދުގެފާނު އެކަލޭގެފާނުންގެ މަޝްހޫރު ޙައްޖަތުލްވަދާޢު ފުރިހަމަ ކުރެއްވުމަށް މައްކާ އަށް ވަޑައިގަތެވެ. މި ދަތުރުފުޅުން ނިމިވަޑައިގެން މަދީނާއަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެ އެކަލޭގެފާނު ފުރައުއްތަ ވެވަޑައިގެންފިއެވެ. އެއީ ޖޫން މަހެއްގެ 8 ވަނަ ދުވަހެވެ.

މުޙައްމަދުގެފާނަށް ފަހު އިސްލާމީ އުއްމަތުގެ ޒަޢާމަތު ބެލެހެއްޓެވީ ޚުލަފާއުއްރާޝިދޫންގެ ހަތަރު ޚަލީފާއިންނެވެ. ޚުލަފާއުއްރާޝިދޫން ގެ ދައުރުގައި މުސްލިމުންގެ އަމްބަރާޠޫރިއްޔަތު ފަލަޞްޠީނަށާއި، ސީރީއާއަށާއި، މެސޮޕޮޓޭމިއާ އަށާއި، ފާރިސްކަރައަށާއި، އުތުރު އެފްރިކާއަށާއި ދެކުނު އިސްޕޭނަށާއި، އަންޠާލިޔާއަށް ފެތުރިގެން ދިޔައެވެ.

މުޙައްމަދުގެފާނުގެ ޙަޔާތަށް މަގު ދައްކައިދޭ މޭލުގާތައް

ޢިލްމީ ނަޒަރަކުން ބަލާއިރު މުޙައްމަދުގެފާނުގެ ޙަޔާތާ މެދު މަޢުލޫމާތެއް ފޯރުވައިދޭނެ އެއްމެ ޞައްޙަ ފޮތަކީ ޤުރުއާނެވެ. މަދުން ނަމަވެސް ޤުރުއާނުގައި މުޙައްމަދުގެފާނުގެ ޙަޔާތުގެ ލަމްޙާތައް ރައްކާކުރެވިފައިވެއެވެ. މުޙައްމަދުގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ޞަޙާބީން ވަނީ ޤުރުއާން އެއްކޮށް ލިޔެ ރައްކާކޮށްފައެވެ. އެހެން ނަމަވެސް އެއިރުވެސް އަދި މިހާރުވެސް ޤުރުއާނަކީ ހިތުދަސްކޮށްގެން ދޫމަތިން ކިޔެވޭ ފޮތެކެވެ. ޤުރުއާން އެއްކޮށް އެއް ފޮތަކަށް ޖަމާ ކުރެވުނީ އަބޫބަކުރުގެފާނުގެ ޚިލާފަތުގައެވެ. 1400 އަހަރު ވެގެން ދިޔައިރުވެސް ޤުރުއާނުގެ ދެ މުޞްޙަފެއްގައި އެއްމެ ފިއްޔެއްގެ ތަފާތުވެސް ނެތެވެ.

މުޙައްމަދުގެފާނުގެ ޙަޔާތާ މެދު މަޢުލޫމާތު ލިބޭ ދެވަނަ އަޞްލަކީ ސީރާ ނުވަތަ ސީރަތުއްނަބަވިއްޔާގެ ނަމުގައި މުސްލިމް ތާރީޚް ޢިލްމުވެރިން ލިޔުއްވާފައި ހުރި މުޙައްމަދުގެފާނުގެ ޙަޔާތުނާމާ (biography) ތަކެވެ. އަދި ޙަދީޘް ފޮތް ތަކެވެ. މި ފޮތްތަކުން މުޙައްމަދުގެފާނުގެ ޙަޔާތާ މެދު އިތުރު އެތައް މަޢުލޫމާތެއް ލިބެއެވެ. މި ޒަމާނުގެ ތާރީޚީ ފޮތްތަކުގެ ތެރެއިން މުޙައްމަދުގެފާނުގެ ޙަޔާތާ ބެހޭ އެއްމެ ޞައްޙަ މަޢުލޫމާތު ލިބޭ ފޮތަކީ އައްރަޙީޤުލްމަޚްތޫމް މިނަން ކިޔޭ ފޮތެވެ. މި ފޮތަކީ ހިންދުސްތާނުގެ އިސްލާމީ ޢިލްމުވެރިއެއް ކަމުގައިވާ ޞަފިއްޔުއްރަޙްމާން މުބާރަކްޕޫރީ ލިޔުއްވާފައިވާ ސިޔަރަތެކެވެ. އިނގިރޭސި ބަހުން ހުރި ސިޔަރަތު ތަކުގެ ތެރޭގައި އެއްމެ މަޝްހޫރު ފޮތަކީ މިޞްރުގެ ހައިކަލް ލިޔުއްވާފައިވާ ލައިފް އޮފް މުޙައްމަދު މި ފޮތެވެ. ސިޔަރަތު ފޮތް ތަކުގެ ތެރެއިން ފެންނަން އޮތް އެއްމެ ކުރީގެ ފޮތަކީ އިބްނު އިސްޙާޤުގެ ސީރަތު ރަސޫލި ﷲ މި ފޮތެވެ. މި ފޮތުގެ އަޞްލު ފެންނަން ނެތް ކަމުގައި ވިޔަސް މި ފޮތުން ނަކަލު ކުރެވިފައި ހުރި ބައިތައް އިބްނި ހިޝާމުގެ ސީރަތުއްނަބަވިއްޔާ އާއި ޠަބަރީގެ ފޮތުގައި ވެއެވެ. އިބްނި ހިޝާމު ލިޔުއްވާފައިވާ ގޮތުގައި އިބްނި އިސްޙާޤު، މުޙައްމަދުގެފާނުގެ ޙަޔާތުނާމާ ލިޔުއްވީ މުޙައްމަދުގެފާނު ފުރައުއްތަވި ފަހުން 120 އަހަރާއި 130 އަހަރާ ދެމެދުގައެވެ. ވަރަށް ގިނަ ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި މި ޙަޔާތުނާމާ ތަކަކީ ޞައްޙަ މަޢުލޫމާތު އޭގައި ހިމެނޭ ފޮތްތަކެވެ. އަދި ހަމަ އެހެންމެ މުޙައްމަދުގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ލިޔެވިފައިވާ ޙަދީޘް ފޮތްތަކަކީ ހުޅަނގުގެ ޢިލްމުވެރިންގެ ގާތުގައި ވެސް ތާރީޚީ ގޮތުން ބަރޯސާ ކުރެވޭފަދަ ޢިލްމީ މަޤާލާތަކެވެ.

އެތައް އަހަރެއް ކުރިން ދިރިއުޅުނު ކަމަށް ބުނެވޭ ތާރީޚީ ޝަޚްޞިއްޔަތު ތަކާމެދު ޔަޤީން ކަމެއް ނެތް ނަމަވެސް މުޙައްމަދުގެފާނަކީ ދުނިޔޭގައި އުޅުއްވި ބޭކަލެއް ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. މިއީ ހުރިހާ ތާރީޚް ޢިލްމުވެރިންމެ އެއްބަސްވާ ޙަޤީޤަތެކެވެ.

އިސްލާމީ ނަޒަރަކުން ޙަޔާތްޕުޅު

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން
Allah1.png
އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ހަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

މައްކީ ދައުރު

ނަސަބުފުޅު

މުޙައްމަދުގެފާނުގެ ނަސަބުފުޅު އެއްވެސް އޮޅުމެއްނެތި ޢަދްނާނާ ހަމަޔަށް ކިޔަން އެނގެއެވެ. މި ޢަދްނާނަކީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. މުސްތަޢުރިބު ޢަރަބީން ނުވަތަ އުތުރުގައި ވަޒަންވެރިވެ އުޅޭ ޢަރަބީންގެ ގާތުގައި އެމީހުންގެ އެންމެންމެ އެކާފައަކަށް ނިސްބަތްވާ ދުރުކާފައަކީ މި ޢަދްނާނެވެ.

މުޙައްމަދުގެފާނު ނިސްބަތްވަނީ ޤުރައިޝް ޤަބީލާގެ ހާޝިމް ވަންހައަށެވެ. އެ ކަލޭގެފާނުގެ ނަސަބުފުޅު ކިޔެނީ އަންނަނިވި ގޮތަށެވެ. މުޙައްމަދު ބިން ޢަބްދި ﷲ ބިން ޢަބްދިލްމުއްޠަލިބް (ޝައިބަތު) ބިން ހާޝިމް (ޢަމްރު) ބިން ޢަބްދިމަނާފް (އަލްމުޣީރަތު) ބިން ޤުޞައްޔު (ޒައިދު) ބިން ކިލާބު ބިން މުއްރަތު ބިން ކަޢުބު ބިން ލުއައްޔު ބިން ޣާލިބު ބިން ފިހްރު (ޤުރައިޝް) ބިން މާލިކް ބިން ނަޟަރު (ޤައިސް) ބިން ކިނާނަތު ބިން ޚުޒައިމަތު ބިން މުދްރިކަތު (ޢާމިރު) ބިން އިލްޔާސް ބިން މުޟަރު ބިން ނިޒާރު ބިން މަޢައްދު ބިން ޢަދްނާން، މިއެވެ.

ޢާއްމުކޮށް ދިވެހިން މިނަސަބުފުޅު ކިޔަނީ، ޢަދްނާނުގެ ފުތް މަޢައްދުގެ ފުތް ނިޒާރުގެ ފުތް މުޟަރުގެ ފުތް އިލްޔާސްގެ ފުތް މުދްރިކަތުގެ ފުތް ޚުޒައިމަތުގެ ފުތް ކިނާނަތުގެ ފުތް ނަޟަރުގެ ފުތް މާލިކްގެ ފުތް ފިހްރުގެ ފުތް ޣާލިބުގެ ފުތް ލުއައްޔުގެ ފުތް ކަޢުބުގެ ފުތް މުއްރަތުގެ ފުތް ކިލާބުގެ ފުތް ޤުޞައްޔުގެ ފުތް ޢަބްދުމަނާފުގެ ފުތް ހާޝިމްގެ ފުތް ޢަބްދުލްމުއްޠަލިބުގެ ފުތް ޢަބްދުﷲގެފާނުގެ ދަރިކަލުން މުޙައްމަދުގެފާނެވެ. އެކަލޭގެފާނުގެ މަންމައަކީ ވަހަބުގެ ދި އާމިނަތުގެފާނެވެ.

ތުއްޕުޅުއިރު

މުޙައްމަދުގެފާނު ނިސްބަތްވަނީ ޢަރަބިކަރައިގެ އުތުރު ބިތުގައި އޮތް މައްކާ އޭ ކިޔޭ ޝަހަރުގެ ގަދަރުހުރި ޢާއިލާއަކަށެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޢާއްމުލްފީލު ނުވަތަ އެތުގެ އަހަރުގެ ނަމުން މަޝްހޫރު ވެފައިވާ އަހަރުގައެވެ. އެ އަހަރާ މީލާދީ ގޮތުން ދިމާވަނީ 570 ވަނަ އަހަރާއެވެ. ހުޅަނގުގެ ގިނަ ތާރީޚު ޢިލްމުވެރިން ވެސް ޤަބޫލު ކުރައްވާ ގޮތުގައި އެތުގެ އަހަރަކީ 570 ވަނަ އަހަރެވެ. އެހެން ނަމަވެސް ވޮޓް ބަޔާން ކުރައްވާ ގޮތުގައި ފަހުގެ ބައެއް ދިރާސާތަކުން އެ އަހަރަކީ މީލާދީން 569 ވަނަ އަހަރަށް ވެސް ނުވަތަ 568 ވަނަ އަހަރަށް ވެސް ވެދާނެއެވެ. އަނެއް ކޮޅުން ވެލްޝް ދެކެވަޑައިގަންނަވާ ގޮތުގައި އެތުގެ އަހަރަކީ 570 ވަނަ އަހަރުގެ ކުރީގެ އަހަރެއް ކަމުގައި ވެފައި، މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ 570 ވަނަ އަހަރުގެ ފަހުން ކަމުގައި ވުމަކީ ވެސް ދުރުކަމެއްނޫނެވެ.

ސުއްނީ މުސްލިމުންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ރަބީޢުލްއައްވަލް މަހެއްގެ 12 ވީ ހޯމަ ދުވަހަކުއެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެދުވަހަކީ ރަބީޢުލްއައްވަލް މަހެއްގެ 9 ވީ ހޯމަ ދުވަހެކެވެ. ޝީޢީން ޤަބޫލުކުރާ ގޮތުގައި މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ރަބީޢުލްއައްވަލް މަހެއްގެ 17 ވަނަ ދުވަހެއްގެ ފަތިހުގެ ވަގުތުގައެވެ.



Wiki letter w.svg މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.