ދަގަނޑު
ދަގަނޑު (އިނގިރޭސި ބަހުން: Iron)އަޔަން ނުވަތަ އަކީ ބިމުގައި އެންމެ ގިނައިން އެކުލެވޭ އެއް މަޢުދަނެވެ. އަދި މިއީ ވަރަށް މުހިއްމު ޓްރޭސް އެލިމެންޓް އެކެވެ. މީހެއްގެ ހަށިގަނޑުގައި 3.5 އާއި 4.5 ގްރާމް ގެ ދަގަނޑު ހުރެއެވެ. މީގެ ތިންބައިކުޅަ ދެބައި ހުންނަނީ ލޭގައެވެ. އަނެއް ބައި ކޮށާރު ކުރެވިފައި ހުންނަނީ ކަށީގެ މަދުގައްޔާއި، ހުންކޮށި ގަޔާއި، އަދި ފުރަމޭ ގައެވެ. ދަގަނޑު އަކީ ލޭގައި ހިމެނޭ ރަތް މާއްދާ ކަމުގައިވާ ހީމޯގްލޯބިން އުފެއްދުމަށް ބޭނުންވާ އެންމެ މުހިއްމު އެއްބާވަތެވެ. ހީމޯގްލޯބިންގެ މުހިއްމު މަސައްކަތަކީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ފުއްޕާމޭ އިން ނަގައިގެން ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ދިރު ތަކަށް ގެންގޮސް ދިނުމެވެ. މީގެ އިތުރުން ދަގަނޑު އަކީ ހަށިގަނޑުގައި ހިމެނޭ ދިރުތައް ބަރާބަރަށް މަސައްކަތްކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގައި ދަގަނޑު ހިމެނޭ ތަކެތި ބޭނުންކުރުމަކީ ތިރީގައި އެވާ ހާލަތްތަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.
- ލޭގެ ތެރޭގައި ހިމެނޭ ކޮންމެ ރަތް ދިރު އެއްގެ އުމުރަކީ 4 މަސް ދުވަހެވެ. އެއަށްފަހު އެދިރުތައް ފަނާވެ ނެތިދެއެވެ. އަދި އިތުރު އާދިރުތައް އުފެދޭނެ އެވެ. މިގޮތަށް ދިރުތައް ފަނާވުމަށާއި، އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ.
- ތަފާތު ހާލަތްތަކުގައި ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ތަނެއް ކަނޑައިގެން ގޮސްގެން ހަށިގަނޑުން ބޭރުވާ ލޭ އަލުން އުފެދުމަށް ނުވަތަ އަންހެނުން މައްސަރު ކަންތައް ޖެހުމާއި ގުޅިގެން ބޭރުވާ ލޭ އަލުން އުފެއްދުމަށް ދަގަނޑު ބޭނުންވާނެ އެވެ.
- ހަށިގަނޑުގައި އުފެދޭ ސެލޯށި ތަކާއި، ލޭގެ ރަތް ދިރު ތައް އިތުރު ވަމުންދާ މިންވަރުން ދަގަނޑު ހިމެނޭ ކާނާ ކެއުން މުހިއްމެވެ. މިސާލަކަށް ކުޑަކުދިން ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު، ހަށިގަނޑުގައި އިތުރުކުރަން ބޭނުންވާ ސެލޯށިތަކާއި، ދިރުތައް އުފެދުމަށްޓަކައި، ދަގަނޑު ހިމެނޭ ކާނާ ބޭނުން ވެއެވެ. އަދި މާބަނޑު ދުވަސްވަރު އާ ސެލޯށިތަކާއި ލޭގެ ރަތް ދިރުތައް އުފެދުމަށްޓަކައި ދަގަނޑު ހިމެނޭ ކާނާ މާބަނޑު މީހުން އިތުރަށް ކާން ޖެހެއެވެ.
ދަގަނޑުގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) ފިރިހެނުންނަށް 10 މިލިގްރާމް އަދި އިއްދައިން ނުކެނޑޭ އަންހެނުންނަށް 15 މިލިގްރާމް އެވެ. ކާބޯތަކެތީގައި ހުންނަ ދަގަނޑުން ހަށިގަނޑަށް ނެގެނީ ދުވަހަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައެވެ. ދަގަނޑު މަދުވުމުން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުގައި މީގެ ބޭސް ދެވެއެވެ. އެކަމަކު ދަގަނޑަކީ މެގްނީޒިއަމް، ކޮޕަރ، ކެލްސިއަމް، އަދި ޒިންކް ހަށިގަނޑަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ގޮހޮރުގައި އެއްމާއްދާ އަނެއް މާއްދާއާއި ވާދަކުރާ ބާވަތްތަކެކެވެ. އެހެންކަމުން މީގެ ތެރެއިން އެކައްޗެއް މާގިނަވެއްޖެނަމަ އެހެން މާއްދާތައް ހަށިގަނޑަށް ލިބުން މަދުވެއެވެ. ދަގަނޑު އިތުރަށް ބޭނުންވެގެން ބޭހެއްގެ ގޮތުގައި ދަގަނޑު އެކުލެވިގެންވާ ބޭސް ބޭނުން ކުރުމުގައި ބަނޑުގައި ފާރު ހުންނަ މީހުންނާއި، ގިނަގިނައިން ލޭ އަޅަންޖެހޭ މީހުން ފަރުވާތެރި ވާންޖެހެއެވެ. އެއީ ދިރުތައް ހަލާކުވެގެންދާއިރު އޭގައި ހުންނަ ދަގަނޑުކޮޅު ގެއްލުނަނުދީ އަލުން ހަށިގަނޑު ބޭނުންކުރާތީ އެވެ.
ހަށިގަނޑުގެ އެކިއެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ މާއްދާއެއް ކަމުގައިވާ ހިމަގްލޯބިން(Hemoglobin) އުފައްދަނީ ދަގަނޑުންނެވެ. ކަށިތަކާއި، ދަތްތައް ހެދިބޮޑުވުމަށް ވެސް ދަނގަޑު އެހީތެރިވެދެއެވެ. ދަގަނޑު މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ލޭމަދުވުމުގެ އަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް ލޭމަދުވުމުގެ ސަބަބުން އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސްވާގޮތް ވެއެވެ. ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދުވާލަކު 1ނުވަތަ 2ފަހަރު އަޔަން ސަޕްލިމެންޓްސް(ދަގަނޑު) ބޭނުންކުރެވިދާނެއެވެ. ހަމަމިއާއެކު ދަގަނޑު ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެއެވެ. ދުވާލަކު 30މިލިގްރާމްގެ ދަގަނޑު މާބަނޑު އަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ދަގަނޑު އެކުލެވޭ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކިމޭބިސްކަދުރު، ފެހިކަންގަދަ ތަރުކާރީ، އެއްގަމު މަހުގެ ބާވަތްތައް، އަޔަން ފޯޓިފައިޑް ސެރެލްސް ހިމެނެއެވެ.
ރިފަރެންސް
[އުނިއިތުރު ގެންނަވާ]- ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003