ވާލަން ރޮނޑު
ވާލަން ރޮނޑު(ސައިންޓިފިކް ނަން: Odonus niger)ނުވަތަ (އިނގިރޭސި ބަހުން: redtoothed triggerfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި އެންމެ ގިނައިން އުޅޭ ރޮނޑެވެ. މިރޮނޑު ވިލުވިލުގައްޔާއި ފަރުފަޅުގެ މަތީގައި އުޅެއެވެ. މިއީ ބޮޑެތި އައިން ހަދައިގެން އޮއިމައްޗަށް ނިކުމެއުޅޭ މަހެކެވެ. މިރޮނޑު އެންމެ ބޮޑޫވަނީ 40 ސެންޓި މީޓަރަށެވެ. މިބާވަތުގެ ރޮނޑުވެސް ބިސްއަޅަނީ ފަރު ބޭރުގައި މުގުރިފައި ހުންނަ މުރަކަތަކުގެ ތެރޭގައި ހާލި ހަދައިގެންނެވެ. އަދި ފިރިހެން މަސް ހާލި ހިމާޔަތް ކުރުމުގައި މަސައްކަތް ކުރެއެވެ. މިއީ ފަރުބޭރުގައި ދުވާލު ނަނު ފައްތައިގެންކުރާ ކެޔޮޅު ކަމުގައި އުދަގޫ ކުރާ ކަމަށް ބެލެވިފައިވާ މަހެކެވެ. އެއީ އެން މަސްކޮޅު ހަމަ ވައްޓާލާއިރަށް ބައިބަޔަށް އައިސް އެއްތަނަށް ތޮއްޖެހި، އިސާހިތަކު ކޮށާ ހުސްކޮށްލާތީ އެވެ. މިއީ ދިވެހިން ކެއުމަށް ވެސް ބޭނުންކޮށް އުޅޭ މަހެކެވެ. އަދި ދިރޭ މަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ރޮނޑު ރާއްޖެއިން ބޭރުކޮށް އުޅެއެވެ. މަހުގެ އާންމު ކާނާއަކީ ކަނޑުގައި ހުންނަ ކުދިކުދި ސޫތްޕެވެ. މިބާވަތުގެ ރޮނޑު ރޭގަނޑު ނިދާއުޅެނީ ފަރުގައި ހުންނަ ކުދި ހޮރުތަކުގައި ނިވާކަން ހޯދައިގެންނެވެ.
މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 33 އާއި 36 އާޢި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 28 އާއި 31އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މީގެ ބޮޑެތި މަހުގެ ނިގޫކޮޅު ފަހަތަށް ދިގުވެފައި ހުރެއެވެ. މަހުގެ ކޮލުގައި ހުޅުނބު ހުރެއެވެ. މަހުގެ ކުލައަކީ ގަދަ ނޫކުލައެވެ. ބައެއް ފަހަރު މިނޫކުލަ ވަރަށް ގަދަކޮށްނާއި ފެހި މުށީ ކުލައެއްގައި ހުރެއެވެ. މަހުގެ ދަތްތައް ހުންނަނީ ރަތްކުލައެއްގައެވެ.
އިތުރު ފޮޓޯތައް
[އުނިއިތުރު ގެންނަވާ]-
Group of Redtoothed Triggerfish feeding on plankton.
-
The red teeth are its distinguishing feature.