Jump to content

ޓްރައިކޮމޮނައިއެސިސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Trichomoniasis އިން)
ޓްރައިކޮމޮނައިއެސިސް ޖައްސާ ޖަރާސީމް

މިއީ ޕްރޮޓޮޒޯއާ ގެ ވައްތަރެއް ކަމުގައިވާ ޓްރައިކޮމޮނަސް ވެޖައިނާލިސް(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސް ފަރާތުގައި މިޖަރާސީމް ބައެއް ފަަހަރު ދިރިއުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް، ކުޑަކަމުދާ ހޮޅި، އަދި އަންހެނުން ޖިންސީ ގުނަވަން، ކުޑަކަމުދާ ހޮޅި، އަދި މަސާނާގައި މިޖަރާސީމް ދިރިއުޅެއެވެ. އަންހެނުންގެ ހަށިގަނޑުގައި މިޖަރާސީމް ބޮޑަށް އަށަގަންނަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.


ޓްރައިކޮމޮނައިއެސިސް ޖެހުން

[އުނިއިތުރު ގެންނަވާ]
  • ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުން
  • ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ ތަކެތި ބޭނުންކުރުން: އެއީ މިބަލި ޖައްސާ ޖަރާސީމް އެކަށޭނާ ފިނިހޫނު މިނެއްގައި ހަށިގަނޑުން ބޭރުގައި ވެސް ދިރިއުޅޭތީއެވެ. ތުވާލި ފަދަ އެއްޗިހިން ޖިންސީ ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ބައެއްފަހަރު އޭގައި މިޖަރާސީމް ތަތްވެފައި ހުރެދާނެއެވެ. އަދި އެފަދަ ތުވާއްޔެއް ސަލާމަތުން ހުރިމީހާ ބޭނުންކޮށްފިނަމަ އެމީހެއްގެ ގަޔަށް ބަލި ވާޞިލްވުމުގެ ފުރުޞަތު ބޮޑެވެ.
  • ފަތާ ފެންގަނޑުތަކާއި ޢާންމު ފާޚާނާ ބަރިތައް ބޭނުންކުރުމަކީ ވެސް މިބަލި ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. އެއީ ބަލި ޖެހިފައި ހުރިމީހަކު ފަތާ ފެންގަނޑު ބޭނުންކުރުމުން ފެނުގެ ތެރެއަށް ޖަރާސީމް ވާޞިލްވެ އެގޮތުގެ މަތިން އެފެންގަނޑުގައި ފަތާ އެހެން މީހުންގެ ހަށިގަނޑަށް ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތު އިތުރުވާތީ އެވެ.
  • ޓްރައިކޮމޮނައިއެސިސް އާއި ކިހުނުވުން އާއި ގުޅުމެއް ވާކަމަށް ދިރާސާތަކުން ދައްކައެވެ. އެއީ ކިހުނުވުން ކުރިމަތިވެފައިވާ 40 އިންސައްތަ މީހުންނަށް ހަމަ އެދުވަސްވަރު ޓްރައިކޮމޮނައިއެސިސް ޖެހިފައިވާކަން ކުރިންހެދިފައިވާ ދިރާސާތަކުން ސާބިތުވެފައި ވާތީއެވެ. އެހެންކަމުން ޓްރައިކޮމޮނައިއެސިސް ޖެހިގެން ޑަކްޓަރަށް ދައްކާ ހިނދު ވަރަށް ގިނަ ޑަކްޓަރުން ކިހުނުވުން ހުރިތޯ ޓެސްޓް ކުރުމަށް އިރުޝާދު ދެއެވެ.
  • ސާފުތާހިރު ނުވުން: މިއީ ސީދާގޮތެއްގައި އެމީހަކު އަމިއްލަ އަށް ބައްޔަށް ހުށަހެޅުން ފަދަ ކަމެކެވެ. އެއީ ނުސާފު ތާހިރު ވުމުގެ ސަބަބުން ފުރަގަސް ފަރާތުގައި ދިރިއުޅޭ ބަލި ޖައްސާ ޖަރާސީމް، ކުރިމަތި ފަރާތަށް ވާޞިލްވުމުގެ މަގުފަހިވާތީއެވެ.
  • ދީނީ އުޞޫލްތަކާ ޚިލާފަށް ޖިންސީ ގުޅުން ހިންގުން: މިސާލަކަށް ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގައިފިނަމަ އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.
  • ޖިންސީ ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ސާފުކުރުން: މިގޮތަށް ސާފުކުރުމުން ފުރަގަސް ފަރާތުގައި ހުރި ޖަރާސީމް ކުރިމަތި ފަރާތަށް ވާޞިލްވުމަށް މަގުފަހި ވެއެވެ.


އަންހެނުންނަށް ޓްރައިކޮމޮނައިއެސިސް ޖެހުން

[އުނިއިތުރު ގެންނަވާ]

ބައެއް އަންހެނުންނަށް މިބަލީގެ ޢަލާމާތްތައް ނުފެނި ހިގައިދާނެއެވެ. މިޖަރާސީމް ޖިންސީ ގުނަވަން، އަދި ކުޑަކަމުދާ ހޮޅީގެ ތެތް ދުލިފަށްތަކުގެ ސެލްތަކުން ކާނާ ހޯދައިގެން ދިރިއުޅެއެވެ. ބަލި ޖެހުމުން ކުރިމަތި ފަރާތުން ވަސްގަދަ، ފެހި ރީދޫ ކުލައިގެ ދިޔައެއް ބޭރުވެއެވެ. ކުރިމަތި ފަރާތުގައި ފާރުއުފެދި، ދިލަނަގައި ރިއްސުން، ޖިންސީ ގުޅުން ހިންގާއިރު ތަދު އިހްސާސްވުން، ކުޑަކަމުދާން އުދަގޫވުން، ގިނަގިނައިން ކުޑަކަމުދާން ޖެހުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ވަރަށް މަދުފަހަރަކު ދަށް ބަނޑުގައި ރިހުން އުފެދޭގޮތް މެދުވެރި ވެއެވެ. ބަލި ޖެހޭތާ 28-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ. ދިރާސާ ތަކުން ދައްކާގޮތުގައި ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކަށް މިބަލި ޖެހެއެވެ.

ޓްރައިކޮމޮނައިއެސިސް އާއި ގުޅިގެން އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ

ފިރިހެނުންނަށް ޓްރައިކޮމޮނައިއެސިސް ޖެހުން

[އުނިއިތުރު ގެންނަވާ]

ގިނަފަހަރު ފިރިހެނުންނަށް މިބަލީގެ ޢަލާމާތްތައް ނުފެނި ހިގައިދާގޮތް ވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ގްލޭންޑް އަދި ނަސްލު އުފެއްދުމާއި ކުޑަކަމުދާ ނިޒާމްގެ ބައިތަކަށް ބަލީގެ އަސަރު ފޯރުމުން ކުޑަކަމުދާން އުދަގޫވުން، ރޭގަނޑު ކުޑަކަމުދެވުން، ކުރިމަތި ފަރާތުގައި ފާރު އުފެދި ތަދުވުން، އަދި ކުރިމަތި ފަރާތުން ދިޔައައުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ބައެއް ފަހަރު ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަމެއް މެދުވެރި ވެދާނެއެެވެ.


ޓްރައިކޮމޮނައިއެސިސް އާއި ވިދިގެން ކުރިމަތިވާ އެހެނިހެން އުދަގޫތައް

[އުނިއިތުރު ގެންނަވާ]
  • ރަހިމުގެ ކަރަށް ކެންސަރު ޖެހުން: މިބަލި ޖެހުމަކީ ރަހިމުގެ ކަރަށް ކެންސަރު ޖެހުމުގެ މަގުފަހިކުރާ ކަމެއް ކަމަށް ބުނެވެއެވެ. އެހެން ކަމުން އެދެވިގެންވަނީ ބަލީގެ ކުރީކޮޅު ބައްޔަށް ފަރުވާ ލިބިގަތުމެވެ.
  • މާބަނޑު ދުވަސްވަރު ގެ ތެރެއިން ފަހު 3 މަހު ޓްރައިކޮމޮނައިއެސިސް ޖެހިއްޖެނަމަ އުފަންވާ ދަރިފުޅުގެ ބަރުދަން ލުއިވެ، އުފަންވާއިރު ރަގަޅަށް ފުރިހަމަ ނުވެ އުފަންވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ.
  • މާބަނޑުމީހާގެ ކިބައިން ދަރިފުޅަށް ބަލި ވާޞިލްވެއްޖެނަމަ އުފަންވާ ދަރިފުޅަށް ނޭވާލުން އުދަގޫވުން ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ.
  • ދަރިން ނުލިބުން: މަދު ޙާލަތްތަކެއް ދަރިން ނުލިބޭގޮތް މެދުވެރިވަނީ ގިނަ އަދަދެއްގެ ޖަރާސީމް ތައް ފިރިހެނާގެ މަނަވީ ހައިވާނާއި އެއްވެއްޖެނަމަ އެވެ. ނަމަވެސް މިހާލަތުގައި ފަރުވާކޮށް ރަގަޅުވުމުން ދަރިން ލިބުމުގެ ގާބިލިއްޔަތު އަބުރާ އެމީހަކަށް ލިބިދެއެވެ.


ޓްރައިކޮމޮނައިއެސިސް އިން ރައްކާތެރިވުން

[އުނިއިތުރު ގެންނަވާ]

ޓްރައިކޮމޮނައިއެސިސް އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ޑޮކްޓަރެއްގެ އެހީއާއެކު އެކަށޭނަ ދޭތެރެ ދުރުކުރާ ވަޞީލަތެއް ޚިޔާރުކުރުން
  • ޢާންމު ފާޚާނާ ބަރިތަކާ ފަތާ ފެންގަނޑު ފަދަ ތަންތަން ބޭނުންކުރުމާއި ދުރުހެލިވުން
  • ޖިންސީ ގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ވާގޮތަށް ސާފު ނުކުރުން
  • އުނަގަނޑާއި ގަޔަށް މާބާރުކޮށް ހުންނަ އަންނައުނު ބޭނުންކުރުމާއި ދުރުހެލިވުން
  • އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
  • މާބަނޑު ދުވަސްވަރު ކިހުނުވުން ޖެހިފައިވޭތޯ ބަލައި ދެނެގަނެ ފަރުވާކުރުން
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން