Jump to content

ބެލްޖިއަމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Belgium އިން)

ކިންގްޑަމް އޮފް ބެލްޖިއަމް އަކީ ހުޅަނގު އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ބެލްޖިއަމްއަކީ ޔޫރަޕިއަން ޔޫނިއަންގެ ފައުންޑިން މެންބަރެކެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ހެޑްކުއާޓަރ ވެސް ހުންނަނީ ބެލްޖިއަމްގައެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ބެލްޖިއަމްގެ ރަސްމީ ބަހަކީ ޑަޗް ބަހާއި، ފަރަންސޭސި ބަހާއި ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެލްޖިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްރަސަލްސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ހެޑްކުއާޓަރ ވެސް ހުންނަނީ ބްރަސަލްސްގައެވެ. މި ޤައުމަކީ ފެޑެރަލް ޕާލަމެންޓަރީ ޑިމޮކްރަސީއެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 76 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 30528 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ be. އެވެ. ކޯލިން ކޯޑަކީ +32 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ބެލްޖިއަމްގެ ނަން ނެގިފައިވަނީ ގާލިއާ ބެލްޖިކާ މި ނަމުންނެވެ. އެއީ ސެލްޓިކް އަދި ޖަރުމަނު ނަސްލުގެ ބައެއް ކަމުގައިވާ ބެލްގާއީން މި ސަރަޙައްދުގައި ދިރިއުޅުމުގެ ސަބަބުން ދީފައިވާ ނަމެކެވެ.

ބެލްޖިއަމާ އެއްކޮށް ބޯޑަރު ޙިއްޞާ ކުރާ ޤައުމުތަކަކީ ފަރަންސޭސި ވިލާތާއި، ޖަރުމަނާއި ލަގްޒެންބާގާއި ނެދަލޭންޑްސްއެވެ.

ޢީސާއީ މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި ދޭސީ ޤަބީލާތަކުގެ މީހުން ބަލި ކުރުމަށް ފަހުގައި ރޯމަނުންގެ މީހުން ގޭލިއާ ބެލްޖިކާ ޕްރޮވިންސް ޤާއިމްކުރިއެވެ. މީލާދީން 1830 ވަނަ އަހަރުގައި ބެލްޖިއަމް ނެދަލޭންޑްސްގެ އަތްދަށުން މިނިވަންވިއެވެ. އެންމެ ފުރަތަމައަށް ބެލްޖިއަމްގެ ރަސްމީ ބަހެއްގެ ގޮތުގައި އޮތީ ފަރަންސޭސި ބަހެވެ. އެހެން ނަމަވެސް ޑަޗް ބަހަކީ ވެސް ރަސްމީ ބަހެއް ކަމުގައިިި 1898 ވަނަ އަހަރުގައި ހަމަޖެހުމާ ގުޅިގެން ފަރަންސޭސި ބަހުގެ މުހިއްމުކަން ބެލްޖިއަމްގައި ކޮންމެވެސް ވަރަކަށް ކުޑަވެގެން ދިޔައެވެ. އަދި 1967 ގައި ޑަޗް ބަހުން އޮތް ޤާނޫނުއަސާސީއަކީ ވެސް ރަސްމީ ގޮތުން މަޤްބޫލު އެއްޗަކަށް ވުމާ ގުޅިގެން ޑަޗް ބަހަށް ދެވޭ އިސްކަން ބޮޑުވެގެން ދިޔައެވެ. ޖަރުމަނުން ވަނީ 1914 ވަނަ އަހަރުގައި ބެލްޖިއަމަށް ޙަމަލާ ދީފައެވެ. މި ކުރިމަތިލުންތަކުގައި ބެލްޖިއަމް އިން ވަނީ ޖަރުމަނުގެ ވެރިކަމުގެ ދަށުގައި ހުރި ބައެއް ތަންތަން ހިފާފައެވެ. މި ގޮތުން ރުއަންޑާ-އުރުންޑީ ވެސް ހިމެނެއެވެ. އެއީ މިއަދުގެ ރުވާންޑާ އާއި ބުރުންޑީއެވެ. މި ތަންތަން ލީގް އޮފް ނޭޝަންސް އިން 1924 ވަނަ އަހަރު ބެލްޖިއަމްގެ މެންޑޭޓްގެ ތެރެއަށް ލިއެވެ. ބެލްޖިއަމް މިނިވަން ވެފައިވަނީ 4 އޮކްޓޯބަރު 1830 ގައެވެ. ބެލްޖިއަމްގެ މިނިވަންކަން ޤަބޫލުކުރެވިފައިވަނީ 19 އެޕްރީލް 1839 ގައެވެ. ބެލްޖިއަމް އިން ޔޫރަޕިއަން ޔޫނިއަންއާ ގުޅިފައިވަނީ 25 މާރިޗު 1957 ގައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

2007 ވަނަ އަހަރު ފެށުނު އިރު ބެލްޖިއަމްގެ އާބާދީގެ 92% މީހުންނަކީ ބެލްޖިއަމްގެ ރައްޔިތުންނެވެ. 6% މީހުންނަކީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މި ގޮތުން އިޓަލީގެ 171918 މީހުންނާއި، 125061 ފަރަންސޭސީންނާއި، 116970 ލަންދޭސީންނާއި، 80579 މަޣުރިބީން (އެފްރިކާ ބައްރުގެ މީހުން) ނާއި، 42765 އިސްޕޭނު މީހުންނާއި، 39419 ތުރުކީންނާއި، 37621 ޖަރުމަނުން ހިމެނެއެވެ.

ބެލްޖިއަމްއަކީ މައިގަނޑު ތިން ބަހަކުން ވާހަކަ ދައްކާ ޤައުމަކަށް ވެފައި، އެ ތިން ބަހަކީ ވެސް ޤައުމުގެ ރަސްމީ ބަހުގެ ދަރަޖަ ލިބިފައިވާ ބަސްތަކަށް ވީ ކަމުގައި ވިޔަސް، ބެލްޖިއަމްގެ ތަފާތު ނަސްލުތަކުގެ މީހުންނަކީ ވަރަށް ގުޅިގެން އުޅޭ ބައެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބެލްޖިއަމަށް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ސަގާފީ ގޮތުންނާއި ފަންނީ ގޮތުން ވެސް ބެލްޖިއަމްގެ މީހުން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ބެލްޖިއަމްގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ބަވަނަވެފައިވާ އިޤްތިޞާދެކެވެ. އެހެން ކަމުން ބެލްޖިއަމްގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ޔޫރަޕުގެ އެހެން ޤައުމުތަކާ ގުޅިލާމެހިފައެވެ. ބެލްޖިއަމް އޮތް ތަނުގެ ގޮތުންނާއެކު އެތަން ވެފައިވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދައަށް ވިޔަފާރި ހިންގާ ޤައުމުތަކުގެ ތެރެއިން 15 ވަނަ ޤައުމަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36415 ޑޮލަރެވެ.