އަޒްމިރާލްދާ ޒާހިރު
ޑރ. އަޒްމިރާލްދާ ޒާހިރު އުފަންވެ ވަޑައިގެންނެވީ 19 ޖުލައި 1979 ގައި ކ. މާލެ އަށެވެ. އަދި އެކަމަނާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް ކާޑިފް (ޔޫކޭ) އިން، އެލް.އެލް.ބީ އޮނާރސް އާއި، ޔުނިވަރސިޓީ އޮފް ޕޯޓްސްމައުތު (ޔޫކޭ) އިން، އެލް.އެލް.އެމް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. އެއަށްފަހު، އެކަމަނާ ވަނީ ބައިނަލް އަޤްވާމީ ފިކުރީ މުދަލާއި ބެހޭ ޤާނޫނުގެ ދާއިރާއިން ޔުނިވަރސިޓީ އޮފް އެގްޒެޓަރ (ޔޫކޭ) އިން ޕީ.އެޗް.ޑީ ޑިގްރީ ޙާޞިލުކުރައްވައިފައެވެ.
ޑރ. އަޒްމިރާލްދާ ޒާހިރުއަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގަތީ ޖުލައި 1999 ގައެވެ. އެގޮތުން، 2001ވަނަ އަހަރު މާލޭ މުނިސިޕަލްޓީގެ ލީގަލް ސެކްޝަނުގައި އެކަމަނާ ވަޒީފާ އަދާކުރެއްވެވިއެވެ. އެ އޮފީހުގައި އެސިސްޓަންޓް ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، 2002ވަނަ އަހަރުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުން ދިޔަ ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ލީގަލް އޮފިސަރ ކަމުގެ މަޤާމަށް ބަދަލު ކުރެވުނެވެ. ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްޓަކައި ބިލުތަކުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތާއި އަދި އެފަދާ ބިލުތަކާ ގުޅިގެން ކުރަންޖެހޭ އިތުރު ދިރާސާ ކުރުމުގެ މަސައްކަތް ކުރެއްވެވިއެވެ. ފަހުން އެތަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު، 2009ވަނަ އަހަރުގައި އެކަމަނާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނާ ގުޅިވަޑައިގަތެވެ. ކޮލެޖު ޤައުމީ ޔުނިވަރސިޓީއަށް ބަދަލުވެގެން ދިޔައިރު ޑރ، އަޒްމިރާލްދާ ޒާހިރަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީންއެވެ.
26 މާރޗް 2011 ގައި ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑީޔާރުކަމަށް ޢައްޔަންކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. އަދި 2015 ވަނަ އަހަރު ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުންގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި އެކަމަނާ ހިމެނުނެވެ. ހައިކޯޓު ފަނޑިޔާރުކަމުގެ މަޤާމުން 2016ވަނަ އަހަރު އެކަމަނާ އިސްތިއުފާ ދެއްވުމަށްފަހު އަމިއްލަ ލޯ ފާރމެއް އުފައްދަވައި، އުޅުއްވީ ޕްރައިވެޓް ޕްރެކްޓިސްގައެވެ.
ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން 2019 ސެޕްޓެންބަރު 4ވަނަ ދުވަހުން ފެށިގެން ފެށިގެން 2025 މޭ 14ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.
މަރުޖިޢު
[އުނިއިތުރު ގެންނަވާ]https://supremecourt.mv/justicedetails/mv-justice-dr-azmiralda