Jump to content

ޞައްޙަޙަދީޘު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން


ޙަދީޘު ޢިލްމުވެރިންގެ އަރިހުގައި ޙަދީޘުގެ ތަޢުރީފު

[އުނިއިތުރު ގެންނަވާ]

ޙަދީޘަކީ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އެއްބަސްވެ (އިޤުރާރުވެ) ވަޑައިގެންނެވި ކަންތައްތަކާއި، އެކަލޭގެފާނުގެ ސިފަފުޅުތަކެވެ. އެއީ އެކަލޭގެފާނު ނަބީ ކަމާއިގެން ފޮނުއްވުމުގެ ކުރިން ނުވަތަ ފަހުން ކަމުގައިވިޔަސްމެއެވެ. މި ތަޢުރީފު އައިސްފައި މިވަނީ އެކަމަކުން ޝަރުޢީ ޙުކުމެއް ސާބިތުވާ ކަންކަމާއި އަދި ޝަރުޢީ ޙުކުމެއް ސާބިތު ނުވާ ކަންކަންވެސް ހިމެނޭ ގޮތުންނެވެ.

ކީރިތި ރަސޫލާ ﷺ ގެ ކޮންމެ ޙަދީޘަކީ އެއީ ޞައްޙަ ޙަދިޘެއްކަން ސާބިތުވާ ނަމަ އެއަށް ޢަމަލުކުރުން ވާޖިބުވާނެވެ. އެހެންކަމުން ޙަދީޘު ޤަބޫލުކުރުމާއި ނުކުރުމުގައި ޢިލްމުވެރިން ވަނީ ޙަދީޘު ބައިތަކަކަށް ބައްސަވާފައެވެ. މިގޮތުން ޙަދީޘުގެ ޢާންމު ޤަވާޢިދުތަކެއް ކަނޑައަޅުއްވާ ޙަދީޘު ތިންބައަކަށް ބައްސަވައެވެ. އެއީ ޞައްޙަ ޙަދީޘާއި (الحديث الصحيح) ޙަސަނު ޙަދީޘާއި (الحديث الحسن) ޟަޢީފު ޙަދީޘު (الحديث الضعيف) މިއެވެ. އަދި މީގެ ކުރިއަށް އަންނަ މުތަވާތިރު ޙަދީޘެވެ.

ޙަދީޘު ޞައްޙަ ވުމުގެ ޝަރުޠުތައް

[އުނިއިތުރު ގެންނަވާ]

ޙަދީޘު ޞައްޙަވާނީ އޭގައި ފަސް ޝަރުޠެއް އެކުލެވުމުންނެވެ. އެއީ؛

  1. ސަނަދުގައި މެދުކެނޑުމެއް ނެތި ގުޅިފައިވުން (ކޮންމެ ރާވީއަކު ވެސް ސީދާ އޭނަގެ ކުރީގެ ރާވީގެ ފަރާތުން ޙަދީޘު ނަގުލުކޮށްފައިވުން)
  2. ސަނަދުގައިވާ ހުރިހާ ރާވީންނަކީ ވެސް ޢަދުލުވެރި ބޭކަލުން ކަމުގައިވުން. ޢަދުލުވެރިއަކު ކަމުގައިވާނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވެގެން ނެވެ. އެއީ؛
    • މުސްލިމަކު ކަމުގައިވުން
    • ބުއްދި ސަލާމަތުން ހުރުން
    • ބާލިޣުވުން
    • ފާސިޤަކު ކަމުގައި ނުވުން
    • މުރުއްވަތްތެރިކަން ގެއްލިދާފަދަ ކަންތައްތަކުން ދުރުހެލިވެފައިވުން
  3. ރާވީންނަކީ ހިފެހެއްޓުންތެރިކަމުގައި ބާރުގަދަ ބައަކު ކަމުގައިވުން. ހިފެހެއްޓުންތެރި ކަމަކީ (الضبط) ހަނދާނުގައި ބެހެއްޓުމުގެ ބާރު ގަދަކަމެވެ. މިކަން ދެގޮތަކަށް ބެލެވެ އެވެ. އެއީ ހިތު ދަސްކޮށްގެންނާއި ލިޔެރައްކާކޮށް ބެލެހެއްޓުމެވެ.
  4. އެކަހެރި (ޝާއްޛު) ޙަދީޘެއް ކަމުގައި ނުވުން. (އެއީ އެ ރާވީއަށް ވުރެ އިތުބާރު ބޮޑު ރާވީއަކާ ޚިލާފުވާ ގޮތަށް ޙަދީޘެއް އައިސްފައި ނުވުމެވެ.)
  5. ޙަދީޘު ބަލިކަށިވުމުގެ ސަބަބެއް ނެތުން. (އެއީ ޙަދީޘުގެ ބޭރުފުށުން ޞައްޙަވާގޮތަށް އޮތްކަމުގައި ވިޔަސް ޙަދީޘުގެ ޞައްޙަކަން ގެއްލިދާފަދަ ސަބަބެއް އޭގައި ފޮރުވިފައިނުވުމެވެ.)

ފަހެ މިއިން ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެޙަދީޘެއް ޞައްޙަ ދަރަޖައިން އުނިވާނެއެވެ.

ޞައްޙަ ޙަދީޘުގެ މިސާލު

[އުނިއިތުރު ގެންނަވާ]

އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ލިއުއްވާފައި ވެއެވެ.

حدثنا عبدالله بن يوسف قال: أخبرنا مالك عن إبن شهاب عن محمد بن جبير بن مطعم عن أبيه قال:

سمعت رسول الله عليه وسلم قرأ في المغرب باالطور"

މިޙަދީޘުގެ މާނައަކީ جبير بن مطعم ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ މަޣުރިބު ނަމާދުގައި الطور ސޫރަތް ކިޔަވާ ވިދާޅުވަނިކޮށް ތިމަން އަޑުއެއްސެވީމެވެ."

މިއީ ޞައްޙަ ޙަދިޘެކެވެ. އެހެނީ؛

  • މިސަނަދުގެ ސިލްސިލާއަށް ބަލާއިރު:
    • ޢަބުދުﷲ ބުނު ޔޫސުފަކީ ޘިޤާ (އިތުބާރުކުރެވޭ ރާވީ) އެކެވެ.
    • މާލިކު ބުނު އަނަސަކީ ބޮޑު އިމާމެކެވެ.
    • އިބުނު ޝިހާބަކީ ފިޤުހުވެރި، އެކަލޭގެފާނުގެ ހިފެހެއްޓުންތެރިކަމާމެދު އިއްތިފާޤު ވެވިފައިވާ ބޭކަލެކެވެ.
    • މުޙައްމަދު ބުނު ޖުބައިރަކީ ޘިޤައެކެވެ.
    • ޖުބައިރު ބުނު މުޠުޢިމަކީ ޞަޙާބީ ބޭކަލެކެވެ.
  • މި ޙަދީޘަކީ ޝާއްޛު ޙަދީޘެއް ނޫނެވެ.
  • މި ޙަދީޘުގައި ޙަދީޘު ބަލިކަށިވެދާފަދަ އެއްވެސް ސަބަބެއް ނުވެއެވެ.

ވީމާ އިސްވެ ދިޔަ ޝަރުޠުތަކަށް ބަލާއިރު ޞައްޙަ ޙަދީޘުގެ ތެރޭގެއި ހިމެނެނީ؛

މުތަވާތިރު ޙަދީޘާއި، އޭގެޒާތުގައި ޞައްޙަ ޙަދީޘާއި، އެހެންރިވާޔަތަކުން ބާރުލިބިގެން ޞައްޙަ ދަރަޖައަށް ފޯރާ ޙަދީޘާއި އޭގެޒާތުގައި ޙަސަނު ޙަދީޘާއި، އެހެންރިވާޔަތަކުން ބާރުލިބިގެން ޙަސަން ދަރަޖައަށް ފޯރާ ޙަދީޘެވެ. ތަފާތު ދަރަޖަތަކެއްގައި ހިމެނުނަސް މިހުރިހާ ޙަދީޘަކީ ޤަބޫލުކުރެވޭ ޞައްޙަ ޙަދީޘުތަކެވެ.

ހަދީޘު ޞައްޙަ ވުމުގެ ޝަރުޠުތައް ތިންބައަކަށް ބަހާލެވިދާނެއެވެ. އެއީ؛

  • ރާވީންގެ ކިބައިގާ ޝަރުޠުތައް އެއީ؛ ޢަދުލުވެރި ބޭކަލުން ކަމުގައިވުމާއި ހިފެހެއްޓުންތެރި (الضبط) ކަމުގައި ބާރުގަދަ ބައަކު ކަމުގައިވުމެވެ.
  • ސަނަދުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް އެއީ؛ ސަނަދު ގުޅިފައިވުމާއި އެކަހެރި ޙަދީޘެއް ކަމުގައި ނުވުމެވެ. ހަމަ އެއާއި އެކު ޢިއްލާއެއް ނެތުމެވެ.
  • މަތުނުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް އެއީ؛ އެމަތުނުގައި ނުހިމެނޭ ބައެއް، ވަކިކުރަން ނޭނގޭގޮތަށް އެކުލެވިފައި ނުވުމެވެ.

އެންމެ ޞައްޙަ ސަނަދު

[އުނިއިތުރު ގެންނަވާ]

ޞައްޙަ ޙަދީޘަކަށް ވުމަށްޓަކައި އިސްވެ ދެންނެވުނު ޝަރުޠުތައް ފުރިހަމަވީކަމުގައި ވިޔަސް އެޙަދީޘެއްގެ ސަނަދުގެ ޞައްޙަކަމުގެ ސަބަބުން އެޙަދީޘެއްގެ ބާރު ގަދަވެގެންދެއެވެ." އެންމެޞައްޙަ ސަނަދު" ކަނޑައެޅުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ބައެއްޢިލްމުވެރިން އެބޭފުޅެއްގެ ނަޒަރުގައި އެންމެޞައްޙަ ސަނަދު ކަނޑައަޅުއްވާފައި ވެއެވެ. އޭގެތެރޭގައި؛

  • އިމާމް އިސްޙާޤް ބިން ރާހޫޔާއާއި އިމާމް އަޙްމަދު ބިން ޙަންބަލް ކަޑައަޅުއްވާފައިވާ ގޮތުގައި އެންމެ ޞައްޙަ ސަނަދަކީ؛ الزهري عن سالم عن أبيه (عبدالله بن عمر) މިއެވެ.
  • އިމާމް ޢަލީ ބުނުލް މަދީނީއާއި އަލްފައްލާސްގެ އަރިހުގައި އެންމެ ޞައްހަ ސަނަދަކީ؛ أبن سيرين عن عَبِيْدَة عن علي (بن أبي طالب) މިއީ އެވެ.
  • އިމާމުލް ބުޚާރީ ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ އެންމެ ޞައްހަ ސަނަދަކީ؛ "مالك عن نافع عن ابن عمر" މި ސަނަދެވެ.

އެއްމެ ޞައްޙަ ޙަދީޘަކީ ކޮބަ؟

[އުނިއިތުރު ގެންނަވާ]

އެންމެ ޞައްޙަ ޙަދީޘަކީ ކޮބައިތޯ ބަލާލާއިރު، ޢިލްމުވެރިން ވަނީ ޞައްޙަ ޙަދީޘުގެ ތަރުތީބެއް އެކުލަވާލާފައެވެ. ޞައްޙަ ޙަދީޘުތައް ޢިލްމުވެރިން ތަރުތީބުކުރައްވާފައިވާ ނުވަތަ ޞައްޙަ ޙަދީޘުތަކުގެ ދަރަޖަތައް 7 (ހަތެއް) ބައަކަށް ބެހެއެވެ. އެއީ އަންނަނިވި ތަރުތީބުންނެވެ.

  1. ބުޚާރީއާއި މުސްލިމާއި ދެބޭކަލުން ޞައްޙަކަމަށް އިއްތިފާޤުވެފައިވާ ޙަދީޘުތައް. "متّفق عليه" މިހެން ބުނެވެނީ މި ޙަދީޘްތަކަށެވެ.
  2. ބުޚާރީގައި އެކަނި ޞައްޙަކަމަށް ކަނޑައަޅުއްވާފައިވާ ޙަދީޘުތައް.
  3. މުސްލިމުގައި އެކަނި ޞައްޙަކަމަށް ކަނޑައަޅުއްވާފައިވާ ޙަދީޘުތައް.
  4. ބުޚާރީއާއި މުސްލިމާއި ދެބޭކަލުންގެ ފޮތުގައި ހިމަނުއްވާފައި ނުވިޔަސް އެދެބޭކަލުންގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘްތައް.
  5. ޞަޙީޙުބުޚާރީގައި ނުހިމެނޭ، ނަމަވެސް ބުޚާރީގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް.
  6. ޞަޙީޙުމުސްލިމުގައި ނުހިމެނޭ، ނަމަވެސް މުސްލިމުގެ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘުތައް.
  7. ބުޚާރީއާއި މުސްލިމުގެ ޝަރުޠުތައް ހަމަނުވިޔަސް އެހެންބޭކަލުން ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘްތައް.