ފިޑެލް ކާސްޓްރޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފިޑެލް ކާސްޓްރޯ

ފިޑެލް އެލެޖަންޑްރޯ ކާސްޓްރޯ ރޫޒް (އުފަންވީ އޮގަސްޓް 13، 1926) އަކީ ކިއުބާގެ ރައީސްކަން 49 އަހަރު ކުރެއްވި ބޭފުޅެކެވެ. މިޒަމާނުގައި ދުނިޔޭގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ރައީސްގެ ލަގަބު ހޯއްދެވުމަށްފަހު ފިޑެލް ކާސްޓްރޯ ކިއުބާގެ ރައީސްކަމުން ވަކިވެވަޑައިގަތީ 19 ފެބުރުއަރީ 2008 ގައެވެ. ކިއުބާގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމާއި، ކިއުބާގެ ރައީސްކަމުން ފިޑެލް ކާސްޓްރޯ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ ހަސްފަތާލުގައި އުޅުއްވާތާ ބަރާބަރު 18 މަސްދުވަސްވީ ފަހުންނެވެ.

ކާސްޓްރޯ އެންމެ ފުރަތަމަ ކިއުބާގެ ވެރިކަމާ ޙަވާލުވެ ވަޑައިގަތީ ބޮޑުވަޒީރުގެ ހައިސިއްޔަތުން 16 ފެބުރުއަރީ 1959 ގައެވެ. އެއަށްފަހު އެމަގާމުގައި ހުންނަވަނިކޮށް 2 ޑިސެމްބަރު 1976 ގައި ކިއުބާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ. އަދި 19 ފެބުރުއަރީ 2008 ގައި އުމުރުު ފުޅުން 81 އަހަރުގައި ކިއުބާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުން ފިޑެލް ކާސްޓްރޯ ވެވަޑައިގެންފައިވަނީ އެންމެ ގިނަދުވަހު ގައުމެއްގެ ވެރިކަން ހިންގެވި ވެރިޔާ ކަމުގައެވެ. އޭނާ ބޮޑު ވަޒީރު ކަމާއި ރައީސްކަމާއެކު ޖުމުލަ 49 އަހަރާއި، 3 ދުވަހު ކިއުބާގެ ވެރިކަން ކުރައްވާފައި ވެއެވެ. ފިޑެލް ކާސްޓްރޯ އަށް ފަހު ކިއުބާގެ ވެރިކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ކޮއްކޯފުޅު ރައުލް ކާސްޓްރޯ އެވެ.

ސިފައިންގެ އޮފިސަރެއްގެ ވަޒީފާގައި ހުންނެވި ފިޑެލް ކާސްޓްރޯ ކިއުބާގެ ބޮޑު ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތީ 1959 ވަނަ އަހަރު އޭނާ އިސްވެ ހުންނަވައިގެން ގެންނެވި އިންގިލާބެއްގައި އޭރު ހުންނެވި ބޮޑު ވަޒީރު ފުލްގެންސިއޯ ބަޓިސްޓާ މަގާމުން ދުރުކޮށްފައެވެ. 1965 ވަނަ އަހަރު ކިއުބާގެ ކޮމިއުނިސްޓް ޕާޓީގެ ފުރަތަމަ ސެކެޓްރީގެ މަގާމަށް ފިޑެލް ކާސްޓްރޯ އިސްކުރެވުނެވެ. އެއަށްފަހު ކިއުބާއަކީ އެއްޕާޓީއެއްގެ ވެރިކަން ހިނގާ ސޯޝަލިސްޓް ޖުމުހޫރިއްޔާ އެއްކަމަށް ހަމަޖެއްސެވި އެވެ. 1976 ގައި ސްޓޭޓް ކައުންސިލް އަދި މިނިސްޓަރުންގެ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިސްވެ ވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން ކިއުބާގެ ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމަށް އިސްވެވަޑައިގެންނެވިއެވެ.

19 ފެބުރުއަރީ 2008 ގައި ކިއުބާގެ ރަސްމީ ނޫހުގެ ވެބްސައިޓުގައި ލިޔުއްވި ބަޔާނެއްގައި ކާސްޓްރޯ ވިދާޅުވެފައިވަނީ ކިއުބާގެ ރައީސްކަމުންނާއި ކޮމާންޑަ އިން ޗީފް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ކަމަށާއި އަދި އެކަން ބޭނުން ނުވާކަމަށެވެ.

ކޮމާންޑަ އިން ޗީފް ކަމުގެ މަގާމާއި ރައީސް ކަމުގެ މަގާމުގައި ހުންނަން ބޭނުމެއް ނޫން އަދި އެ މަގާމު ބޭނުމެއް ވެސް ނޫން. އަދިވެސް އެއް ފަހަރު ބުނަން, ރައީސްކަމާއި ކޮމާންޑަ އިން ޗީފް ކަމުގެ މަގާމު ބޭނުމެއް ނޫން އުމުރުފުޅުން 81 އަހަރުގެ ކާސްޓްރޯ ލިޔުއްވާފައިވެ އެވެ.


ކާސްޓްރޯއަކީ ވަރަށް ތަފާތު ޝަޚްސިއްޔަތެކެވެ. ދުނިޔެ ނުދެކޭ ފަދަ މޮޅު ވާހަކަ ދެއްކުން ތެރިއެކެވެ. އދ.ގައި އެންމެ ދިގު ސްޕީޗެއް ދެއްވުމުގެ ރެކޯޑް އޮންނެވީ ކާސްޓްރޯ އަށެވެ. އޭނާ ވަނީ 1960 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު 4 ގަޑިއިރާ 29 މިނެޓް ވާހަކަ ދައްކަވާފަ އެވެ. އޭގެ އިތުރުން އޭނާގެ ގައުމުގައި 1986 ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި 7 ގަޑިއިރާ 10 މިނެޓްގެ ސްޕީޗެއް އޭނާ ވަނީ ދެއްވާފަ އެވެ. ދުނިޔޭގެ ތިންވަނައަށް އެންމެ ގިނަދުވަސް ވަންދެން ގައުމެއްގެ ވެރިކަން ކުރެއްވި ބޭފުޅަކީވެސް ކާސްޓްރޯ އެވެ.

ކާސްޓްރޯއަކީ ޚުދު މުހުތާރު ވެރިކަމުގައި ލިޔަން ކިޔަން ދަތުމުގެ ނިސްބަތް 98 ޕަސެންޓަށް މައްޗަށް ޖެއްސެވި އެވެ. ރައްޔިތުންގެ ކުދިބޮޑު އެންމެނަށް ހިލޭ ބޭސް ފަރުވާ ކުރެވެ ގޮތް ހަދާ ޅަ ފަތުގައި މަރުވާ ކުދިންގެ އަދަދު ވަރަށް ވެސް މަދުކުރި އެވެ