ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު/2010

ވިކިޕީޑިއާ އިންވިކިޕީޑިއާ

< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު

ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެންޑަކްރިން ގްލޭންޑް ނުވަތަ އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް ނުވަތަ އެއްގެ ގޮތުގައި ބެލެވެނީ ހަޖަމީ އެންޒައިމް ތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ. ޗިސްމޭ ޖޫސް އަކީ ކުޑަ ގޮހޮރު ގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބައިލް އަދި ކުޑަ ގޮހޮރު ޖޫސް އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ ޖޫސް އެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ.

އަދި އިތުރަށް...



ފެބްރުއަރީ 2010[އުނިއިތުރު ގެންނަވާ]

ބާޑީގޭ މުޙައްމަދު އަޙުމަދު ދީދީ އަކީ ލިޔުންތެރިކަމުގެ ރޮނގުން މަޝްހޫރުވެގެންވާ އަދީބެކެވެ. ދިވެހިރާއްޖޭގައި އުފެދުނު މޮޅެތި ދިވެހި ބޭސްވެރިންގެ ތެރެއިން އަރާހުންނެވި ޙަކީމެކެވެ. އަލްފާޟިލް މުޙައްމަދު އަޙުމަދު ދީދީ އަކީ އެދުވަސްވަރަށް ނިސްބަތްކުރާއިރު، ދިވެހިރާއްޖޭގައި އުފެދުނު ވަރަށް ގާބިލް ތަޢުލީމީ ބޭފުޅެކެވެ. މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އުރުދޫ ބަހަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އުފެދުނު ފުންނާބު އުސް ދިވެހި ބޭސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޙަކީމެކެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. އަދި އިތުރަށް...



ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް

އޭ ޕީ ޖޭ ޢަބްދުލްކަލާމް އަކީ އިންޑިޔާގެ ކުރީގެ ރައީސް އެވެ. އިންޑިޔާގެ އެގާރަވަނަ ރައީސް (25 ޖުލައި 2002 އިން 25 ޖުލައި 2007 އަށް)، އަވުލް ޕަކީރް ޖައިނުލާބްދީން އަބްދުލް ކަލާމް ނުވަތަ ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، އިންޑިޔާގެ ޓެމިލްނާޑޫ އިސްޓޭޓުގެ ރާމޭޝްވަރަމްގައެވެ. ޑރ. ކަލާމް އުފަންވެ ވަޑައިގަތް ގެ ހުންނަނީ ރާމޭޝްވަރަމުގެ މޮސްކް ސްޓްރީޓްގައެވެ. އިންޑިޔާގެ ރައީސް ކަމުގެ މަޤާމުގައި ޑރ. ޢަބްދުލްކަލާމް ހުންނެވި ދުވަސްވަރު އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ރައްޔިތުންގެ ރައީސްގެ ނަމުންނެވެ. އިންޑިޔާގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރީގައި ޑރ. ޢަބްދުލްކަލާމް މަސައްކަތް ކުރައްވާފައިވަނީ އެރެނޮޓިކަލް އިންޖިނިއަރެއްގެ ގޮތުގައެވެ. އަދި އިތުރަށް...



ސީނުކަރައިގެ ދިދަ

ސީނުކަރައިގެ މީހުންގެ ޖުމްހޫރިއްޔާ (ސާދާ ސީނީ ބަހުން: 中华人民共和国; ބޯދާ ސީނީ ބަހުން: 中華人民共和國) ނުވަތަ ޢާއްމު ނަމުން ކިޔާ ގޮތަށް ނަމަ ސީނުކަރަ އަކީ އިރުމަތީ އޭޝިޔާ ގައި އޮތް އެއްމެ ބޮޑު ޤައުމެވެ. 1.31 ބިލިއަން މީހުންގެ އާބާދީއެއް އޮތް މިޤައުމަކީ ދުނިޔޭގެ އެއްމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ގޮތުން ބަލާއިރު 9.5 މިލިއަން އަކަކިލޯމީޓަރުގެ އަކަމިނެއް ލިބިފައިވާ ސީނުކަރަ އަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 3 ވަނަ އަށް އެއްމެ ބިޔަ ޤައުމެވެ. ސީނުކަރައިގެ ވެރިރަށަކީ ބީޖިންގ އެވެ.

އަދި އިތުރަށް...



ސީނުކަރައިގެ ދިދަ

ސުލްޠާން ޢަލީ (ހަވަނަ) އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.

  • ނަންފުޅު: އައްސުލްޠާން ޢަލީ ( 6 ވަނަ )
  • ކޮލީ ނަންފުޅު: ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން
  • ތާރީޚްގައި މަޝްހޫރުވެފައިވަނީ : ޝަހީދު ޢަލީ / ޢަލި ރަސްގެފާނު
  • ބައްޕާފުޅު: ޔަމަނުކަރައިގެ އައްސައްޔިދު ޢަބުދުއް ރަޙްމާން ދޮށިމޭނާ ކިލެގެފާނު
  • މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ

އަދި އިތުރަށް...



އުރަމަތީގެ ކެންސަރު

ކެންސަރު އުފެދެނީ ބައިބައިވެ އިތުރުވުން ކޮންޓްރޯލް ނުކުރެވޭ ސެލް ހަށިގަނޑުގައި އުފެދުމުގެ ސަބަބުންނެވެ. މިއީ ކެންސަރުގެ ސެލް(އިނގިރޭސި ބަހުން: Cancer cell) އެވެ. މިބާވަތުގެ ސެލް ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ވަދެ ޓިޝޫތައް ހަލާކު ކުރެއެވެ. ހަށިގަނޑުގައި ކެންސަރުގެ ސެލް އުފެދެމުންދާނީ، އާދައިގެ އެހެން ސެލްތަކާ ވެސް އެކުގައެވެ. ނަމަވެސް ކެންސަރުގެ ސެލް އިތުރުވަމުންދާ ނިސްބަތް ހަށިގަނޑުގެ އެހެން ސެލްތަކަށްވުރެ މާގިނައެވެ. އެހެންކަމުން ކެންސަރުގެ ސެލްތަކަށް އާލޭހޮޅިތައް އުފެދި، ހަށިގަނޑުގައިވާ ލޭގެ ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރަމުންދަނީ މިސެލްތަކެވެ. ނަތީޖާއަކީ ހަށިގަނޑުގައިވާ އެހެން ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތައް އެސެލްތަކަށް ނުލިބުމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިަގނޑުން ލޭމަދުވެގެން ދިއުމެވެ. އަދި އިތުރަށް...



ސެޕްޓެމްބަރު 2010[އުނިއިތުރު ގެންނަވާ]

ޖޯން އެޑަމްސް

ޖޯން އެޑަމްސް އުފަންވެފައިވަނީ 22 އޮކްޓޯބަރު 1735ގައި ކަމަށް ބައެއް ލިޔުން ތަކުގައި ވާއިރު އަނެއްބައި ލިޔުންތަކުގައި އޮކްޓޯބަރު 30 އަދި އޮކްޓޯބަރު 19 ކަމަށް ވެސް ލިޔެފައި ވެއެވެ. ޖޯން އެޑަމްސް އަކީ އާއިލާގެ 3 ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ އެވެ. އޭނާ އުފަންވީ މާސަޗޫސިޓްސްގެެ ބްރެއިންޓްރީ އޭ ކިޔުނު އަވަށަކަށެވެ. 1792ގައި މިއަވަށްވަނީ މާސަޗޫސިޓްސްގެ ކްއިންސީ އަވަށުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައެވެ. ޖޯން އެޑަމްސް އުފަންވި ތަނަކީ މިހާރު އެޑަމްސް ނޭޝަނަލް ހިސްޓޮރިކަލް ޕާރކްގެ ބައެކެވެ. ޖޯން އެޑަމްސް ގެ ބައްޕަ ހެންރީ އެޑަމްސް އަކީ އިގިރޭސި ވިލާތުން މާސަޗޫސިޓްސް އަށް ހިޖުރަކުރި މީހެކެވެ. ޖޯން އެޑަމްސް ގެ އުމުރުން 15 އަހަރުގައި ހާރވަޑް ކޮލެޖް އަށް ކިޔަވަން ދިޔައެވެ. ތިއޮލޮޖީ އިން ޑިގްރީ އެއް ޙާޞިލް ކުރުމުގެ ބަދަލުގައި އެކަން ދޫކޮށް ގާނޫނީ ދާއިރާ އަށް ލޯޔަރަކަށްވެ ވަޑައިގަތެވެ. 1755ގައި ހާރވަޑް ކޮލެޖުން ދަސްވެނިވުމަށްފަހު ދެތިން އަހަރު ވޯކެސްޓަރ ގެ ސުކޫލެއްގައި ކިޔަވައި ދިނުމަށް އުޅުނެވެ. އެއަށްފަހު ޖޭމްސް ޕުޓްނާމްގެ ލޯ ފާރމްގައި ގާނޫނީ ދާއިރާއިން ޢަމަލީ ތަޖުރިބާ ޙާޞިލް ކުރެއްވި އެވެ. އަދި އިތުރަށް...



އޮކްޓޯބަރު 2010[އުނިއިތުރު ގެންނަވާ]

ޖޭމްސް މެޑިސަން

ޖޭމްސް މެޑިސަން އަކީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އުފަންވެފައިވަނީ 16 މާރޗް 1751 ގައެވެ. އެމެރިކާގެ 4 ވަނަ ރައީސެއްގެ ގޮތުން 4 މާރޗް 1809ން 4 މާރޗް 1817 އަށް ރައީސްކަން ކުރެއްވި ޖޭމްސް މެޑިސަން ދުނިޔެ ދޫކޮށްފައިވަނީ 28 ޖޫން 1836 ގައެވެ. 1787ގައި އެމެރިކާގައި އެކުލަވާލެވުނު ގާނޫނުތައް ހެދުމުގައި ޖޭމްސް މެޑިސަން ކުޅެފައިވާ ފުރިހަމަ ދައުރުގެ ސަބަބުން އޭނާ އަށް ދުސްތޫރުގެ ބައްޕަގެ ނަމުން މުޚާތަބު ކުރެވިފައި ވެއެވެ. 1788 ގައި ފެޑަރަލިސްޓް ޕޭޕާރސްގެ ތިންބައި ކުޅައެއްބައި ޖޭމްސް މެޑިސަން ލިޔުއްވި އެވެ. ފުރަތަމަ ކޮންގްރެސްގައި ބައިވެރިވި ލީޑަރެއްގެ ގޮތުން ޖޭމްސް މެޑިސަން ވަނީ އަސާސީ އެތައް ގާނޫނު ތަކެއް ލިޔުއްވާފައެވެ. ޚާއްޞަ ކޮށް އޭރު އިސްލާހުކުރެވުނު ގާނޫނަށް ގެނެވުނު ފުރަތަމަ 10 އިސްލާޙަކީ ޖޭމްސް މެޑިސަން ގެންނެވި އިސްލާހުތަކެވެ. މިސަބަބާހުރެ ހައްގުތަކުގެ ބިލް ގެ ބައްޕަ ގެ ނަމުންވެސް ނިސްބަތް ކުރެވިފައި ވެއެވެ. އަދި އިތުރަށް...



ޑިސެމްބަރު 2010[އުނިއިތުރު ގެންނަވާ]

ޙަސަން ޢުގައިލް

ޑރ ޙަސަން ޢުގައިލް އުފަންވެ ވަޑައިގަތީ އައްޑު އަތޮޅު ހިތަދޫ އަށެވެ. ފަށާ ތައުލީމީ މަރުޙަލާގައި ތަޢުލީމް ޙާޞިލްކޮށްފައިވަނީ ހިތަދޫ ނޫރާނީ ސުކޫލުންނެވެ. 1987 ވަނަ އަހަރު މާލެ ވަޑައިގަތް އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސުކޫލުން ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވި އެވެ. އެއަށްފަހު ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އިން މަތީ ސާނަވީ ތަޢުލީމު އުގުނިފައި ވެއެވެ. 1992 ވަނަ އަހަރު ބްރިޓިޝް ކައުންސިލް އިން ދެއްވި ސްކޮލަރޝިޕެއްގައި އިގިރޭސި ވިލާތަށް ކިޔަވަން ދިއުމުގެ ފުރުޞަތު ޑރ ޙަސަން ޢުގައިލް ލިބުނެވެ. ޑރ ޙަސަން ޢުގައިލް މިހާރު ދިރިއުޅުއްވަނީ އަނބިކަނބަލުން އާމިނަތު މުނާ އަދި ދެދަރިން ނޫޙު ޢުގައިލް އަދި ނީނާ ޢުގައިލް އާއެކު އިގިރޭސި ވިލާތުގައެވެ. އަދި އިތުރަށް...