ނެފްރޯން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ނެފްރޯންގެ އޮނިގަނޑު ދައްކައިދޭ ކުރެހުމެއް

ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ. ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.

ނެފްރޯން އެއްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ. ނެފްރޯންގެ އެއްކޮޅު އިންނަނީ ބެދިފައެވެ. އަނެއްކޮޅު އިންނަނީ ހުޅުވިފައެވެ.

  • ބޯމަންސް ކެޕްސޫލް: މިއީ ނެފްރޯންގެ ބެދިފައިވާ ކޮޅުގައި ގްލޯމެރިޔޫލަސް ވަށައިގެން ލެވިފައި އިންނަ ފަށަލަ އެކެވެ. ނުވަތަ ކެޕްސޫލެކެވެ.
  • ގްލޯމެރިޔުލަސް: މިއީ ބޯމަންސް ކެޕްސޫލްގެ އެތެރޭގައި އިންނަ ކުދިކުދި ލޭހޮޅިތަކުގެ ވިއުގައެކެވެ.
  • ޕްރަކްސިމަލް ކޮންވަލޫޓެޑް ޓިބިއޫލް: މިއީ ބޯމަންސް ކެޕްސޫލް އަށް ފަހު އިންނަ ހޮޅިއެކެވެ. މިހޮޅި އިންނަނީ އޮޅިފައެވެ. މިހޮޅިގެ ތެރޭގައި މައިޓަކަންޑްރިއާ އަދި މައިކްރޯވިލައި ހުރެއެވެ.


  • ލޫޕް އޮފް ހެންލީ: މިއީ ޕްރަކްސިމަލް ކޮންވަލޫޓެޑް ޓިބިއޫލް އަދި ޑިސްޓަލް ޓިބިއޫލް އާއި ދެމެދުގައިވާ ނެފްރޯންގެ ބައެވެ. މިބައި އިންނަނީ ޔޫ އަކުރެއްގެ ބައްޓަމަށެވެ.
  • ޑިސްޓަލް ކޮންވަލޫޓެޑް ޓިބިއޫލް: މިއީ ނެފްރޯން ގައި ލޫޕް އޮފް ހެންލީ އަދި ކަލެކްޓިންގ ޓިބިއޫލް އާއި ދެމެދުގައިވާ ބަޔެވެ.
  • ކަލެކްޓިންގ ޓިބިއޫލް: މިއީ ނެފްރޯންގެ އެންމެ ބޭރަށް އިންނަ ބައެވެ. މިބައި އިންނަނީ ގުރުދާގެ ޅިނދު ނުވަތަ ޕެލްވިސް އަށް ހުޅުވިފައެވެ. އެހެން ކަމުން ގުރުދާގެ ތެރެއިން ކުޑަކަމުދާ ތަކެތި ބޭރުވަނީ ގުރުދާ ޅިނދު ހުރަސްކޮށް ގުރުތާއަށް ވާޞިލްވެ، މަސާނާއަށް ފޯރައި، އެއަށްފަހު މަސާނާއިން ކުރިފަޅައި ނިކުމެފައިވާ ކުޑަކަމުދާ ހޮޅި ހުރަސްކޮށެވެ.