ޙަސަން ފަރީދު ދީދީ
ވިކިޕީޑިއާ އިން
އަލްއަމީރު ޙަސަން ފަރީދު ދީދީ އަކީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގެ ދަރިކަލެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަސަބު
އަލްއަމީރު ޙަސަން ފަރީދު ދީދީ އަކީ އަތިރީގޭ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުންގެ ދެވަނަ ދަރިކަލުންނެވެ. މަންމާ ފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު ބަންޑާރައިންގެ ދަރިކަބަލުން އަލްއަމީރާ ދޮންގޮމާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 28 ޖުމާދިލް އޫލާ 1322ހ، 10 އޮގަސްޓް 1904މ ގައެވެ. ޙަސަން ފަރީދު ދީދީގެ މައިފުށުގެ ބޮޑު ބޭބެ އަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އެވެ.ޙަސަން ފަރީދު ދީދީގެ ބަފައިފުށުގެ ބޮޑު ބޭބެ އަކީ ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ. ކާފަ އަކީ ސުމުއްވުލް އަމީރުއިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެވެ. ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ ޙަސަން ފަރީދު ދީދީގެ ދެބެން ދެދަރި ކޮއްކޮ އެކެވެ.
އަލްއަމީރު ޙަސަން ފަރީދު ދީދީ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަރަންސޭސި އަންހެނަކާ އެވެ. އޭނާ ދިވެހިރާއްޖެ ގެނައުމަށްޓަކައި ކޮޅުނބާއި ހަމައަށް ގެންނެވި އެވެ. އެއަށްފަހު މާލެ ވަޑައިގަތުމަށް މޮޓަރު ބޯޓްގައި ފުރާވަޑައިގަތްވެސް މެއެވެ. ނަމަވެސް އެބުރި ކޮޅުބަށް ވަޑައިގެން އެ އަބިކަބަލުން ވަރިކޮށްފައި ފަރަންސޭސި ވިލާތަށް ފޮނުއްވި އެވެ. އޭނާގެ ނަމަކީ ޝެރީން އެވެ. ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ އަލްއަމީރު މާންދޫގެ ތުއްތު މަނިއްޕުޅުގެ ދަރިކަނބަލުން ބޮޑު ދަހަރާގޭ އައްނަބީލާ ރުގިއްޔާ ( ތުއްތު ދޮންގޮމާ ) އެވެ. ތިންވަނައަށް ކައިވެނި ބައްލަވައިގަތީ އެއްގަމުގޭ އަލްވަޒީރު ހަކުރާ މަނިކުފާނުގެ އަލްފާޟިލް މުޙައްމަދު ދީދީގެ ދަރިކަބަލުން އައްނަބީލާ އާމިނަތު މުޙައްމަދު ދީދީ އާއެވެ. މިއިން ވެސް ބޭފުޅެއްގެ ފަރާތުން ޙަސަން ފަރީދު ދީދީ އަށް ދަރިއަކު ލިބިވަޑައިގެންފައެއް ނުވެއެވެ.
[އުނިއިތުރު ގެންނަވާ] ތަޢުލީމް ޙާޞިލްކުރެއްވުން
އަލްއަމީރު ޙަސަން ފަރީދު ދީދީ އިބްތިދާއީ ތަޢުލީމް ޙާޞިލްކުރެއްވީ ޝާހީ އާއިލާގެ ތެރޭގައި ހިމެނިގެންވާ ގޮތުގެމަތީން ގަނޑުވަރުގެ ތެރޭގައެވެ. މަތީ ތަޢުލީމު ހޯއްދެވުމަށް ފުރަތަމަ ވެދެވަޑައިގަތީ ސިލޯނުގެ ރޮޔަލް ކޮލެޖަށެވެ. އޭގެ ފަހުން އިންޑިޔާގެ ލާހޫރު އާއި މިޞްރު އަށް ވަޑައިގަތެވެ. ތަޢުލީމް ނިންމެވީ އޮކްސްފޯރޑް ޔުނިވަސިޓީ އިންނާއި، ޕެރިހުގެ ސޯބޯން ޔުނިވަސިޓީ އިންނެވެ.
އަލްއަމީރު ޙަސަން ފަރީދު ދީދީ ތައުލީމް ހޯއްދެވުމަށް ވަޑައިގަތް ތަންތަނާއި ކުރެއްވި ހިއްމަތުގެ ސަބަބުން، އިގިރޭސި، ޢަރަބި، އުރުދޫ، ފާރިސީ، ސިންގަޅަ، ތަމަޅަ، އަދި ފަރަންސޭސި ބަސް ދެނެވަޑައިގަންނަވައެވެ.އަދި ޖަރުމަނު ބަސްވެސް ހިސާބަކަށް ދެނެވަޑައިގަންނަވައެވެ. އެމަނިކުފާނަކީ ދޫފުޅު ހިނގާ ވާހަކަ ދެއްކުން ތެރިއެކެވެ. މިއުޒިކްގެ ރޮނގުން ޚާއްޞަ ބޭފުޅެކެވެ. ހަރުދަނާ އަޚްލާޤެއްގެ ވެރި ޚާއްޞަ ޝަޚްޞިއްޔަތެކެވެ.
[އުނިއިތުރު ގެންނަވާ] ގައުމީ ޚިދުމަތް
އަލްއަމީރު ޙަސަން ފަރީދު ދީދީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލިސްގެ މެންބަރަކަށް ވެވަޑައިގަތުމުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ހިޖުރައިން 1350 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހުއެވެ. ބައެއް ލިޔުންތަކުގައި ޝައްވާލުމަހުގެ 8 ވަނަ ދުވަސް ކަމަށް ވެސް ލިޔެފައި ވެއެވެ. ހިޖުރައިން 1351 ވަނަ އަހަރުގެ ޝައުބާން މަހުގެ 23 ވަނަ ދުވަހު ގާނޫނު އަސާސީ ފާސްވެ އަލަށް އުފެދުނު ވަޒީރުންގެ މަޖުލިސްގައި ވަޒީރުލް މާލިއްޔާކަން ލިބިވަޑައިގަތީ އެމަނިކުފާނަށެވެ. ބައެއް ލިޔުންތަކުގައި ފުރަތަމަ އުފެދުނު ގާނޫނީ ޙުކޫމާގައި ވަޒީރުލް ޚާރިޖިއްޔާ ކަމާއި، ވަޒީރުލް މާލިއްޔާކަން ލިބިވަޑައިގަތީ އެމަނިކުފާނަށް ކަމަށް ލިޔެފައި ވެއެވެ. މަހުކަމާ ތަކުގެ ގާނޫނު ލިޔުއްވި ކޮމިޓީގެ ރައީސް އަކީ ވެސް ޙަސަން ފަރީދު ދީދީ އެވެ. އަދި އޭގެ ފަހުން ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި، ވަޒީރުއް ދާޚިލިއްޔާކަން، ވަޒީރުލް އަޝްޣާލްކަން، ވަޒީރުއްޒިރާޢާކަން، މަޙްކަމަތުލް އަމަން އާންމުގެ ވެރިކަން، ވަޒީރުލް އަޢުޒަމްގެ ނާއިބުކަން، ކުރެއްވި އެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުމާއި ގުޅިގެން، ރައްޔިތުން މަޖުލީހުން ފާސްކުޅަ ފާސްކުރުމާއި ގުޅިގެން ދައުލަތް ހިންގުމުގެ އެންމެ މަތީ ބާރާއި އެމަނިކުފާނު ޙަވާލުވެ ވަޑައިގެންނެވި އެވެ.
އަލްއަމީރު ޙަސަން ފަރީދު ދީދީ ދިވެހި ދައުލަތާއި ގައުމަށް ކުރެއްވި ޚިދުމަތް ތަކުގެ ތެރޭގައި ، ތަނުގެ އަމަން ހިފެހެއްޓުމުގެ ގަވާޢިދުތައް ހަރުދަނާ ކުރެއްވުން، ރައްޔިތުންގެ ޙައްޤުތައް ލިބިގަތުމުގައި އެމީހެއްގެ ލިޔާގަތާއި، ގާބިލިއްޔަތުގެ މަތިން، އެންމެން ހަމަހަމަކުރެއްވުމަށް ބާރު އެޅުއްވުން، ދީނުގެ ނަމުގައި ރާއްޖޭގައި ކުރެވެމުންދިޔަ އެކަށީގެންނުވާ ކަންތައްތައް ހުއްޓުވަމުން ގެންދިއުން، އަދި ދިވެހި ޘަޤާފަތް ދިރުވުމުގެ ޚިދުމަތް ހިމެނިގެން ދެއެވެ.
[އުނިއިތުރު ގެންނަވާ] ފާހަގަކުރެވޭ ސިފަތައް
އަލްއަމީރު ޙަސަން ފަރީދު ދީދީ އަކީ ވަރަށް ނާދިރު އާދެ ވަރަށް ކުލަގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ. އިސްކޮޅުން މެދުމިން، ވަރަށް ދޮން، އަދި ހަށިގަނޑާ ގުޅޭ ރޫފައެއް ހުރި، ރީތި ބޭފުޅެކެވެ. ހަށިކޮޅު ވަރުގަދަ އާލާސްކަންފުޅެއް ނެތް، ފުރިހަމަ ޞިއްޙަތެއްގެ ވެރިއެކެވެ. ސަމާސާ ވެރިކަން އޭގެ ނިހާޔަތަށް ގެންދަވާ ބޭފުޅެކެވެ. މިއުޒިކްގެ ފަންނުތައް ދެނެވަޑައިގަންނަވާ އަޑުފުޅާއި މަޚްރަޖު ރީތި ރާގުހުރި ބޭފުޅެކެވެ. އެއީ އެކިދަރަޖައިގެ މީހުންނާއި ވާހަކަދައްކަވައި އުޅުއްވުން ގިނަ، އެކި ދަރަޖައިގެ ގެތަކަށް ވަދެވަޑައިގެން އުޅުއްވި، ރޭގަނޑު އަވަހާރަފުޅު މަދު، ސަޔާއި ސިގިރޭޓް ހިއްޕެވުން ގިނަ، ތާސްބައިގެ ކުޅިވަރުތަކުގެ ތެރެއިން ނީލަން ކުޅުއްވުން ގިނަ ބޭފުޅެކެވެ. ސާފުތާހިރު ހެދުން ކޮޅު ތުރުކުރައްވާ ސާފު ތާހިރު ބޭފުޅެކެވެ. ލިބާސް ކޮޅުގެ ގިރުވާނު ފެޝަން އާގޮތެއްގައި ބެހެއްޓެވި، ބޭފުޅެކެވެ. އާންމުން އޭރު އަދެ އުޅޭވަރަށްވުރެ މަތީގައި މުންޑު އެދެވަޑައިގަތް ބޭފުޅެކެވެ. ފެންކުޅިއަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
އަލްއަމީރު ޙަސަން ފަރީދު ދީދީ ހަޔާތްޕުޅު ނިމިގެން ދިއުމުގައި އެމަނިކުފާނަކީ ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚްދުށް ލާމަސީލު ބަޠަލެކެވެ. ގައުމީ ޚިދުމަތުގައި ފުރާނައިން ގުރުބާންވި ދިވެހި ދަރިއެކެވެ. ތާރީޚް ހެކިދޭފަދައިން އެމަނިކުފާނު އަވަހާރަވީ ހަނގުރާމައިގެ ދަތިކަމުން ބަނޑަށް ޖެހިފައިވާ ދިވެހިންނަށް ކާބޯތަކެއްޗާއި ދައުލަތުގެ އެންމެހާ ޚާރިޖީ ކަންތައް ތަކާއިގެން އޮޅުދޫކަރައާއި މިރާއްޖެއާއި ދެމެދު މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ދަތުރުތަކުގައި ދުޝްމަނުން ދިން ހަމަލާއެއްގެ ސަބަބުންނެވެ. އެމަނިކުފާނު ދަތުރުކުރެއްވި އުޅަނދު އެޗްއެމްއެސް މާލޮއީ ދުޝްމިނުން ފައްތާލި ޚަބަރު ލިބުނީ 1 އެޕްރީލް 1944 ގައެވެ. ބައެއް ލިޔުންވުން ތަކުގައި ޙަސަން ފަރީދު ދީދީ އަވަހާރަވީ 31 މާރޗް 1944 ގައި ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. މިއީ ތަކުރާރުކޮށް މިފަދަ ބިރުވެރިކަން ފެނިވަޑައިގަތް އެތައް ދަތުރެއްގެ ތެރެއިން އެންމެ ފަހުން އެމަނިކުފާނު ނެތިގެން ހިގައްޖެކަމުގެ ޚަބަރު ލިބުނު ދަތުރެވެ. ބުނެވޭގޮތުގައި މިދަތުރުގައި ކޮޅުބަށް ދިއުމަށް ޙަސަން ފަރީދުދީދީ ފުރާވަޑައިގަތީ ތ.އަތޮޅުންނެވެ. އެއީ އިގިރޭސީންގެ ކުޑަ މަނަވަރެއްގައެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
- ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
- ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ފަތްތޫރަ - އެޕްރީލް 1980 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު