ދަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދަތް(އިނގިރޭސި ބަހުން: Teeth) އަކީ އަނގައިގެ ތެރޭގައި ކާތަކެތި ހެފުމަށް، ހުންނަ ހަރު ޓިޝޫތަކެކެވެ. ކޮންމެ އިންސާނެއްގެ އަނގައިގެ ތެރޭގައި 32 ދަތް ހުރެއެވެ. 32 ދަތް ހުންނާނީ ދަތްތައް ރަގަޅަށް އުފެދި ފުރިހަމަވެފައިވާ މީހުންގެ އެވެ. ކިރުބޯ ދަތްތައް ފަޅާ ނިމޭއިރު ހުންނާނީ 20 ދަތެވެ. ނަމަވެސް ކިރުބޯ ދަތްތައް ވެރި ހުސްވުމަށް ފަހު ދެން އުފެދޭ ދާއިމީ ދަތްތައް ފަޅާނިމޭއިރު 32 ހުންނާނެއެވެ. އެންމެ ފަހުން ފަޅާ ދަތަކީ އެންމެ އެތެރެ ކޮލުދަތެވެ.


ދަތުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ދަތުގެ 4 ވައްތަރެއް ހުރެއެވެ.

މެދު ދަތްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މެދު ދަތްތައް

މެދު ދަތްތައް(އިނގިރޭސި ބަހުން: Incisors) އަކީ ދެދަތް ޕިލައިގެ ވެސް މެދުން ހުންނަ ދަތްތަކެވެ. މިދަތްތަކުގެ ކޮޅު ހުންނަނީ ސީދަލަށް ތޫނުކޮށެވެ. އަދި ދަތްތައް ހުންނަނީ ވަޑާންކަށި ހުންނަ ބައްޓަމަށެވެ. އަދި ދަތުގެ މޫ އިންނަނީ އެންމެ ބަޔަކަށެވެ. ނުވަތަ އެންމެ މުލެއްގެ ސިފަޔަށް ކޯކަށިގަނޑުގެ ތެރެއަށް ފެތިފައެވެ. މެދުދަތްތަކުގެ އަދަދަކީ 8 އެކެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. ކާތަކެތި ބައިބައިކޮށް ކޮށައި ހެދުމަކީ މިދަތްތަކުގެ މަސައްކަތެވެ.

އަރިމަތީ ދަތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަރިމަތީ ދަތް

އަރިމަތީ ދަތް(އިނގިރޭސި ބަހުން: Canines) އަކީ މެދު 4 ދަތް ޖެހިގެން ކޮންމެ ދަތްޕިލައެއްގެ ދެފަރާތުގައި އިންނަ ދަތެކެވެ. މިދަތް އިންނަނީ ކޯން އެއްގެ ބައްޓަމަށެވެ. އަދި ދަތުގެ މޫ ލާފައި އިންނަނީ ބޮޑު އެންމެ މުލެއްގެ ސިފަޔަށެވެ. މިދަތްތަކުގެ އަދަދަކީ 4 އެކެވެ. އެއީ މަތީ ދަތްޕިލައިގައި 2 ދަތާއި، ތިރީ ދަތްޕިލައިގައިވާ 2 ދަތެވެ. ކާތަކެތި ބައިބައިކޮށް ކޮށައި ހެދުމުގައި މެދުދަތްތަކަށް މިދަތްތައް އެހީތެރި ވެދެއެވެ.

ބޭރު ކޮލުދަތްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޭރު ކޮލުދަތްތައް

ބޭރު ކޮލުދަތްތައް(އިނގިރޭސި ބަހުން: Premolars) އަކީ އަރިމަތީ ދަތް ޖެހިގެން ކޮންމެ ދަތްޕިލައެއްގެ ކޮލުތެރޭގައި ހުންނަ ދަތްތަކެކެވެ. މިއީ ފުޅާކޮށް ބޮޑުކޮށް ހުންނަ ދަތްތަކެވެ. މިދަތްތަކުގެ މޫ ލާފައި އިންނަނީ އެކެއް ނުވަތަ ދެމުލަށް ވާގޮތަށެވެ. މިދަތްތަކުގެ އަދަދަކީ 8 އެކެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. މިއީ ބައިބައިކޮށް ކޮށުނު ކާތަކެތި އިތުރަށް ކުދިކުދި ކުރުމުގައި އެހީތެރިވެދޭ ދަތްތަކެކެވެ. ބޭރު ކޮލުދަތްތައް ހުންނާނީ ހަމައެކަނި ދާއިމީ ދަތްތައް ފަޅައި ނިމޭއިރު އެވެ. ކިރުބޯ ދަތްތަކުގެ ތެރޭގައި ބޭރު ކޮލުދަތްތަކެއް ނުހުންނާނެއެވެ.

އެތެރޭ ކޮލުދަތްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެތެރޭ ކޮލުދަތްތައް

އެތެރޭ ކޮލުދަތްތައް(އިނގިރޭސި ބަހުން: Molars) އަކީ ކޮލުގެ އެންމެ އެތެރޭގައި ހުންނަ ދަތްތަކެވެ. މިދަތްތައް ކޮލުގެ އެތެރެއަށް ދާވަރަކަށް ސައިޒުން ބޮޑުވާނެއެވެ. މިދަތްތަކުގެ ތެރެއިން ބައެއް ދަތްތައް ހުންނަނީ ދެމޫލައިގެން ކަށިގަނޑުގެ ތެރެއަށް ފެތިފައެވެ. އަނެއްބައި ދަތްތައް ހުންނަނީ ތިންމޫ ލައިގެން ކަށިގަނޑުގެ ތެރެއަށް ފެތިފައެވެ.

ކިރުބޯ ދަތްތައް ފަޅައި ނިމޭއިރު އެތެރޭ ކޮލުދަތްތަކުގެ 8 ދަތް ހުރެއެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. ނަމަވެސް ދާއިމީ ދަތްތައް ފަޅައި ނިމޭއިރު އެތެރޭ ކޮލުދަތްތަކުގެ 12 ދަތް ހުރެއެވެ. އެއީ މަތީ ދަތްޕިލައިގައިވާ 6 ދަތާއި، ތިރީ ދަތްޕިލައިގައިވާ 6 ދަތެވެ.

ކިރުބޯ ދަތްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކިރުބޯ ދަތް

ކިރުބޯ ދަތްތައް(އިނގިރޭސި ބަހުން: Milk Teeth) އަކީ އެންމެ ފުރަތަމަ ފަޅާ ދަތްތަކެވެ. ކިރުބޯ ދަތްތަކުގެ ޢަދަދަކީ 20 އެވެ. އެއީ ކޮންމެ ދަތްޕިލައެއްގައި، މެދު 4 ދަތް، އަރިމަތީ 2 ދަތް، އަދި އެތެރޭ 4 ކޮލުދަތް އެވެ. ކިރުބޯ ދަތްތައް ދާއިމީ ދަތްތަކަށްވުރެ ސައިޒުން ކުޑަވާނެއެވެ. ކިރުބޯ ދަތްތައް ފަޅަން ފަށަނީ 6 ވަނަ މަހުން ފެށިގެންނެވެ. އަދި ކިރުބޯދަތްތައް ފަޅައި ނިމެނީ އުމުރުން 2 އަހަރުގައެވެ. ކިރުބޯ ދަތްތައް ވެރެން ފަށަނީ އުމުރުން 6 ގައެވެ. އެއީ ދާއިމީ ދަތްތައް ފަޅަން ފަށާ އުމުރު ވެސް މެއެވެ.


ދާއިމީ ދަތްތައް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ދާއިމީ ދަތް

ދާއިމީ ދަތްތައް(އިނގިރޭސި ބަހުން: Permanant Teeth) އަކީ ކިރުބޯ ދަތްތައް ވެރެން ފެށުމުން ފަޅަން ފަށާ ދަތްތަކެވެ. ދާއިމީ ދަތްތަކުގެ އަދަދަކީ 32 އެވެ. އެއީ ކޮންމެ ދަތްޕިލައެއްގައި، މެދު 4 ދަތް، އަރިމަތީ 2 ދަތް، ބޭރު 4 ކޮލުދަތް، އަދި އެތެރޭ 6 ކޮލުދަތް އެވެ. ދާއިމީ ދަތްތައް ފަޅަން ފަށަނީ އުމުރުން 6 އަހަރު ގައެވެ. އަދި ފަޅައި ނިމެނީ އުމުރުން 12 އަހަރު ގައެވެ. ނަމަވެސް އެންމެ އެތެރެ ކޮލުދަތް ފަޅައި ނިމެނީ މީހާގެ އުމުރުން 21-18 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. އެންމެ އެތެރެ ކޮލުދަތް އަށް ވިސްޑަމް ޓޫތު(އިނގިރޭސި ބަހުން: Wisdom tooth) އޭ ކިޔައެވެ. ވިސްޑަމްގެ މާނައަކީ ވިސްނުން ނުވަތަ ބުއްދި އެވެ. ބައެއް ފަހަރު މިދަތް އެއްގޮތަކަށް ނުފަޅައިވެސް ހުރެދާނެއެވެ.


ދަތުގެ އެހީގައި ދެނެގަނެވިދާނެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ދަތުގެ އެހީގައި މަރުވެފައިވާ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެވެ. އެކަމަކު އެއީ އެމީހެއްގެ ދަތުގެ ރިކޯޑްތައް ބަރާބަރަށް ބެލެހެއްޓިފައިވާ ނަމައެވެ. މީގެ އިތުރުން ޑީއެންއޭ ޓެސްޓު ދަތުގެ ޓިޝޫކޮޅެއް ބޭނުންކޮށްގެން ވެސް ހެދިދާނެއެވެ.
  • އުމުރުން 25 އަހަރު ވަންދެން މީހެއްގެ ޢުމުރު ބެލިދާނެއެވެ.
  • މީހަކު ގައިގައި ދަތްއަޅާފައިވާ ނިޝާން ފާހަގަކޮށްގެން އެމީހަކުގެ ގައިގައި ދަތްއެޅީ ކާކުކަން ދެނެގަނެވިދާނެއެވެ.
  • ބައެއް ކަހަލަ ވިހަވުން ދެނެގަނެވިދާނެއެވެ. މިސާލަކަށް ތިމަރައަށް ވިހަވުން ކުރިމަތި ވެއްޖެނަމަ ހިރުގަނޑުގެ ކުލަ ނޫކުލަ އަކަށް ނުވަތަ ނޫކުލައިގެ ރޮނގެއް ހިރުގަނޑުގައި އުފެދޭނެއެވެ. އަދި ދިރޭރަހައަށް ވިހަވުން ކުރިމަތިވެއްޖެނަމަ އަޅިކުލައިގެ ރޮނގެއް ހިރުގަނޑުގައި އުފެދޭނެއެވެ.