ފިތް ދުޅަވުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފިތް ދުޅަވުން (އިނގިރޭސި ބަހުން: Cholecystitis)އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. ގިނަ ފަހަރު ފިތް ދުޅަވާން މެދުވެރިވަނީ ފިތުގައި ހިލައުފެދުން ކުރިމަތިވެފައިވާނަމަ އެވެ.

ވަގުތީ ސިފައެއްގައި ފިތް ދުޅަވެއްޖެނަމަ ފިތް ދުޅަވެ، ބޮޑުވެ، ފިތާ ދިމާލުން (ބަނޑުގެ ކަނާތްފަރާތުން މަތީގައި) ބީހިލުމުން ނުވަތަ އަތް ޖައްސާލުމުން ތަދު އިހްސާސް ވާނެއެވެ. އަދި މިހާލަތުގައި ފިތުގެ ބައެއް ހަލާކުވެ ނުވަތަ މަރުވެ، އެތަނެއްގައި ދޮސް ޖަމާވުމަކީ އެކަށީގެންވާ ކަމެކެވެ. ދާއިމީ ސިފައެއްގައި ފިތް ދުޅަވެއްޖެނަމަ ފިތް ދުޅަވެ ބޮޑުވުމުގެ ބަދަލުގައި އިންނާނީ ފިތި، ހިނދިފައެވެ. އަދި ފިތުގެ ފާރު ބޯވެ، އޭގެ ކުލަ އަޅި ކުލައަކަށް ބަދަލު ވެއެވެ.

ފިތް ދުޅަވުން ބައެއް ފަހަރު ފިތުގައި ހިލައުފެދުމާއެކު ކުރިމަތިވާއިރު، އަނެއްބައި ފަހަރު ކުރިމަތިވަނީ ފިތުގައި ހިލައުފެދުމަކާ ނުލައެވެ. ފިތުގައި ހިލައުފެދުމަކާ ނުލައި ފިތް ދުޅަވުން ކުރިމަތި ކުރުވާ ބައެއް ބެކްޓީރިޔާ ތަކުގެ ތެރޭގައި ، ސަލްމޮނެއްލާ'، ސްޓްރެޕްޓޮކޮކަސް، ސްޓެފައިލޮކޮކަސް، އަދި ލެޕްޓޯސްޕައިރޯސިސް ޖައްސާ ބެކްޓީރިޔާ ހިމެނެއެވެ. ފިތުގައި ހިލައުފެދުމާއެކު ފިތް ދުޅަވުން ކުރިމަތިވަނީ ފިތުގައި ހިލައުފެދުމުގެ ފުރުޞަތު އޮތް މީހުންނަށެވެ. މިސާލަކަށް މާބޮޑަށް ފަލަމީހުން އަދި ހިމޮލިސިސް ( ލޭގެ ރަތް ސެލްތައް ބައިވެ ހަލާކުވުން) ކުރިމަތިވެފައިވާ މީހުންނަށް މިކަމުގެ ފުރުޞަތު ބޮޑެވެ.

ފިތް ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ބަނޑުގެ ކަނާތް ފަރާތުން މަތީގައި ރިހުން، ހޮނޑުލުން، މޭނުބައިކުރުން، ރީނދޫވުން ، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން، އަދި ހީކެރުވުން ފަދަ އުދަގޫތައް ހިމެނެއެވެ.

ފިތް ދުޅަވުން ކުރިމަތިވެފައިވާ މީހުން ތެޔޮ އެއްޗެތި ކެއުމުން އުދަގޫތައް އިހްސާސް ކުރެވޭނެއެވެ. އަދި ތެޔޮ ތަކެތި ހަޖަމުކުރުމަށް ވެސް އުދަގޫވާނެއެވެ. އަދި އެފަދަ ތަކެތި ބޭނުންކޮށްފިނަމަ އެއާއި ވިދިގެން، ބަނޑުގައި ރިހި، މޭނުބައިކޮށް ހޮނޑުލެވުމަކީ ވެސް ވެދާނެ ގޮތެކެވެ. ފިތް ދުޅަވުން ކުރިމަތިވެފައިވާކަން ދެނެގަނެވޭނީ:-

  • ހަށިގަނޑު ބަލައި ފާސްކުރާކުރުންތަކުން
  • ބައެއް ލެބޯޓްރީ ތަޙްލީލް ތައް ހަދައިގެން
  • އެކްސް-ރޭ ނަގައިގެން

ފިތް ދުޅަވުމުން ބެލޭ ބެލުންތަކުގައި ފިތުގައި ހިލައުފެދުން ކުރިމަތި ވެފައިވާނަމަ އޮޕަރޭޝަންކޮށްގެން ފިތް ނަގަން ޖެހެއެވެ. މިއޮޕަރޭޝަނަށް ކިޔަނީ ފިތް ނެގުން އެވެ.

ފިތް ދުޅަވުމަށް ފަރުވާ ގޮތުގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމަށް އެންޓިބަޔޮޓިކް ދިނުން، ފިތް ފިތި ހިނދުނަ ނުދިނުމަށްޓަކައި ބޭސް ބޭނުންކުރުން، ތަދުކަނޑުވާ ބޭސް ބޭނުންކުރުން، އަދި އޮޕަރޭޝަންކޮށްގެން ފިތް ނެގުން ހިމެނެއެވެ.