ހޮނޑުލުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހޮނޑުލުން (އިނގިރޭސި ބަހުން: Vomitting) އަކީ މައިދާ ގައި ހުރި ތަކެތި އަނގައިގެ ޒަރީޢާއިން ބޭރުކޮށްލުން ނުވަތަ ބޭރުވުމެވެ. ޢާންމު ގޮތެއްގައި ހޮނޑުލުމުގެ ކުރިން މޭނުބައިކުރާ ގޮތްވެއެވެ. ބައެއް ހާލަތް ތަކުގައި މިސާލަކަށް ދަތުރުފަތުރު ކުރާއިރު ބޯއަނބުރާގޮތް ވެއެވެ. އަދި ހޮނޑުލެވުމުގެ ކުރިން އޯކަށްދެމޭ ގޮތްވެއެވެ.


ހޮނޑުލެވެނީ ކީއްވެ؟[އުނިއިތުރު ގެންނަވާ]

ހޮނޑުލުމުގެ މަސައްކަތް އަދާކުރުމުގެ ބާރު ކޮންޓްރޯލް ކުރަނީ ސިކުނޑީގައިވާ މެޑައްލާ އޮބްލޮންގާޓާ އޭކިޔޭ ހިސާބުގައިވާ ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު އިންނެވެ. މިމަރުކަޒު ހީވާގިކުރުމުން ސިކުނޑިއާއި، ސްޕައިނަލް ކޯޑުން ނިކުމެފައިވާ ނާރުތަކުގެ އެހީގައި ހޮނޑުލުމުގެ މަސައްކަތް ފުރިހަމަވެގެން (ނިމިގެން) ދެއެވެ. މިގޮތުން މިބުނި މަރުކަޒު ހީވާގިކުރުމުން އަންނަނިވި ކަންތައްތައް ކުރިމަތިވެއެވެ.

  • އެތެރެއަށް ނޭވާލުން: ހޮނޑުލެވެން އުޅޭހިނދު އެތެރެއަށް ވަރުގަދަ ނޭވާއެއް ލެވެއެވެ. އެކަމުގެ ސަބަބުން ޑައަފްރަމް ތިރިއަށްދާގޮތްވެއެވެ. އަދި ނޭވާ އެހާލުގައި ހިފެހެއްޓިފައި ހުރެއެވެ.
  • އަޑުފޮށީގެ ތުން ނުވަތަ އޭގެ ހުޅުވިފައިވާ ލޯވަޅު ބަންދުވެ، މަޑުތަލި ނުވަތަ ތަލި މައްޗަށް އުފުލިގެން ދެއެވެ. އޭގެ ސަބަބުން ވައިނޮޅި އަދި ނޭފަތުގެ ހިނދުރި އަށް ހޮނޑު ވާޞިލްވުން މަނާކުރެއެވެ. ނުވަތަ އެކަމަށް ހުރަސް އަޅައެވެ.
  • މައިދާގެ މައިބަޔާއި، މައިދާ އަދި ކާތަކެތި ހިގާ ހޮޅި ގުޅޭ ހިސާބުގައިވާ ކާޑިއެކް ސްފިންކްޓަރ އެއްކޮށް ހަމައަކަށް އެޅިދެއެވެ. ހަމަ އެހިނދު ޕައިލޮރިކް އެންޓްރަމް، އިންސިސިޔުރާ އެންގިޔުލާރިސް އޭ ކިޔާ ހިސާބުން ފިތި ކުރުގެޅިގެން ދެއެވެ. ޕައިލޮރިކް އެންޓްރަމް އަކީ މައިދާ ނިމޭ ހިސާބާއި ކުޑަ ގޮހޮރު ފެށޭ ހިސާބުގައިވާ ތަނެކެވެ.
  • މައިދާގެ ފާރުގައިވާ މަޑުމަސްތައް އެތެރެއަށް ފިތި ކުރުގެޅެއެވެ. މިގޮތަށް މައިދާގެ އެތެރޭގެ މަޑުމަސް ފަށަލަ ކުރުގެޅުން، އަދި ޑައަފްރަމް ތިރިއަށްދާ ދިއުން އެކުވުމުން މައިދާގެ އެތެރޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެގެން ދެއެވެ.
  • މަތިވެގެންދާ މައިދާގެ އެތެރޭގެ ޕްރެޝަރު ގެ ސަބަބުން ހަމައަކަށް އެޅިފައިވާ މައިދާ ފިއްތާލުމުން އަންނަނިވި ދެކަންތައް މެދުވެރިވެއެވެ.
    • މައިދާގެ މަތީބައި މޭމައްޗާއި ހަމައަށް އުފުލުން
    • މައިދާގައި އެކުލެވޭ ތަކެތި ކާތަކެތި ހިގާ ހޮޅިއާއި ހަމައަށް ވާޞިލްވެ، އެއަށްފަހު އަނގައިގެ ޒަރީޢާއިން ބޭރުކޮށްލުން


ހޮނޑުލުމުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ތިމާގެ ބާރަކާއި ނުލައި ހޮނޑުލެވުން[އުނިއިތުރު ގެންނަވާ]

ޒާތީ ހޮނޑުލެވުން (ހޮނޑުލުން) ނުވަތަ ތިމާގެ ބާރަކާއި ނުލައި ހޮނޑުލެވުން އަކީ ވަކި ހާލަތަކާއި ގުޅިގެންނާއި، އަދި ވަކި ހާލަތަކާއި ނުގުޅި ވެސް އޭގެ ޒާތުގައި ހޮނޑުލެވުމެވެ.

  • ވަކި ޙާލަތަކާއި ގުޅިގެން ހޮނޑުލުން: މިސާލަކަށް ފެންނަ އެއްޗެއްގެ ސަބަބުން ނުވަތަ ދުވާ ވަހެއްގެ ސަބަބުން މޭނުބައިކޮށް ހޮނޑުލެވިދާނެ އެވެ.
  • ވަކި ޙާލަތަކާއި ނުގުޅި ހޮނޑުލުން: މިއީ ތަފާތު ކަންކަމުގެ ސަބަބުން ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު ހީވާގިވެ، މުރާލިވުމުން ހޮނޑުލެވޭގޮތް ވުމެވެ. އޭގެ ބައެއް މިސާލުތައް ތިރީގައި މިވަނީއެވެ.
    • މައިދާގެ އެތެރެ ހިލިގަތުން، ހަޖަމުކުރާ ނިޒާމްގެ ގުނަވަންތަކުގެ ވަށައިގެންލެވިފައިވާ ދުލިފަށަލަ ދުޅަވުން، ކުޑަ ގޮހޮރު ބެދުން ފަދަ ކަމެއްގެ ސަބަބުން ހޮނޑުލެވިދާނެއެވެ.
    • ދުލުގެ ފަހަތުބައި އަދި ކަރުތެރެ އެއްޗެއްގެ ސަބަބުން ހިލިގަތުން: މިސާލަކަށް ކަރުބުޑަށް އަތް ނުވަތަ އެއްޗެއް ލައިފިނަމަ ހޮނޑުލެވޭގޮތް ވެއެވެ.
    • ދަތުރުފަތުރު ކުރާއިރު ދޯނި ފަހަރު ފަދަ ތަކެތި މާބޮޑަށް ރާޅާ ތެޅުވުމުން ހޮނޑުލެވޭގޮތްވެއެވެ.

މަރުކަޒީ ހޮނޑުލެވުން[އުނިއިތުރު ގެންނަވާ]

މަރުކަޒީ ހޮނޑުލެވުން (ހޮނޑުލުން) އަކީ ބައެއް ކަހަލަ ބަލިތަކާއި ބޭސްތަކުގެ ސަބަބުން، ސިކުނޑީގައިވާ ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު ހީވާގިވެ، ހޮނޑުލެވޭގޮތް ވުމެވެ. މިގޮތުން ހޮނޑުލުން ކުރިމަތިކުރުވާ ބައެއް ބޭސްތަކުގެ ތެރޭގައި އެޕޯމޯރފިން، އަދި ޑިޖިޓާލިސް ފަދަ ބޭސްތައް ހިމެނެއެވެ. އަދި ބަލިތަކުގެ ތެރޭގައި ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން، ސިކުނޑީގެ އެތެރޭގެ ޕްރެޝަރު މަތިވުން، ބޮލުގެ އެއްފަޅީގައި ރިހުން، އަދި މިނޫނަސް ތަފާތު އެތައް ބަލިތަކެއް ހިމެނެއެވެ.

ކުރިން ބަޔާންކުރެވުނު ބޭސްތައް ސީދާގޮތެއްގައި ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު ހީވާގީ އެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެބޭސްތައް ފުރަތަމަ ހީވާގީކުރަނީ ސިކުނޑީގައިވާ މެޑައްލާ އޮބްލަންގާޓާ އޭ ކިޔާ ހިސާބުގައިވާ ކީމޯރިސެޕްޓަރ ޓްރިގަރ ޒޯން އެވެ. އެއަށްފަހު އެހިސާބުގެ ކައިރީގައިވާ ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު ހީވާގިކުރަނީ އެވެ. މާބަނޑުވުމުންނާއި، އަދި ހަކުރު ބަލީގެ ސަބަބުން ހޮނޑުލުން އާންމު ގޮެތެއްގައި ކުރިމަތިވަނީ މިބުނި އޭރިޔާ މުރާލިވެ ހީވާގިވުމުންނެވެ.

ހޮނޑުލެވެން މެދުވެރިވާ ސަބަބުތައް[އުނިއިތުރު ގެންނަވާ]

ހަޖަމުކުރާ ނިޒާމްގެ ބަލިތައް[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލި[އުނިއިތުރު ގެންނަވާ]

ހަރަކާތުގެ ބަލި އަކީ ދަތުރުފަތުރުކުރާ އިރު ހޮނޑުލުން ކުރިމަތިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ކަންފަތުގެ އެތެރޭގައި ހުންނަ ދިޔަވަރު ތެޅުމުން ހަށިގަނޑުގެ ހަމަ ހިފެއްހެޓުން ގެއްލި، ބޯއަނބުރާ ހޮނޑުލެވޭގޮތް ވުމެވެ.

ސިކުނޑީގެ ބަލިތައް[އުނިއިތުރު ގެންނަވާ]

  • ސިކުނޑީގެ ލޭހިލުން
  • ސިކުނޑީގެ އެތެރޭގެ ޕްރެޝަރ މަތިވުން
  • ސިކުނޑިއަށް ކެންސަރު ޖެހުން
  • ބަނގުއާތްވަށް ވިހަވުން
  • ނަފްސާނީ ބަލިތައް

ގުރުދާގެ ބަލިތައް[އުނިއިތުރު ގެންނަވާ]

  • ގުރުދާގައި ހިލައުފެދުން
  • ގުރުދާއަށް ޖެހޭ ދާއިމީ ބައެއް ބަލިތައް

ހަށިގަނޑުގައި ހިމެނޭ ބައެއް މާއްދާތަކަށް ބަދަލުއައުން[އުނިއިތުރު ގެންނަވާ]

  • ލޭގައި ކެލްސިއަމް ގިނަވުން
  • ޔޫރިއާ ޖަމާވުން ( ގުރުދާ ފޭލްވުން )
  • ލޭގައި ހަކުރުގެ މިންވަރު ދަށްވުން

ހެދުނުގެ ބަލި[އުނިއިތުރު ގެންނަވާ]

ހެދުނުގެ ބަލި(އިނގިރޭސި ބަހުން: Morning sickness) އަކީ ބަލިވެއިންނަތާ ކުރީކޮޅު މާބަނޑު އަންހެނުންނަށް ކުރިމަތިވާ މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަށް ކިޔާ ނަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. އިގިރޭސިބަހުން މޯރނިންގ ސިކްނެސް(ހެދުނުގެ ބަލި)އޭ ކިޔަނީ މިސަބަބާހުރެއެވެ.

އެހެނިހެން ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ގަޔާނުވާ ވަހެއް ދުވުން ނުވަތަ ތަނެއް ފެނުން : މިސާލަކަށް ކުނިވެ ދުވަސްވެ ހަލާކުވެ، ނުބައިވެފައިހުރި ކާތަކެތި ފެނުމުންނާއި، އޭގެ ވަސްދުވުމުން ބައެއް ފަހަރު އޯކަށްދެމި ހޮނޑުލެވޭގޮތް ވެއެވެ.
  • ބޭނުންކުރެވޭ ބޭހެއްގެ ސަބަބުން : ބޭނުންކުރެވޭ ބޭހަކުން ކުރިމަތިވާ ނޭދެވޭ އަސަރެއްގެ ގޮތުގައި ވެސް ބައެއް ފަހަރު ހޮނޑުލެވިދާނެއެވެ. އެގޮތުން ހޮނޑުލެވުން މެދުވެރިކުރުވާ ބޭސްތަކުގެ ތެރޭގައި:-
    • ދޭތެރެދުރުކުރުމަށްދީ އުޅޭ ބޭސް
    • ބައެއް އެންޓިބަޔޮޓިކްތައް
    • ހިތުގެ ބަލިތަކަށް ދީއުޅޭ ބޭސްތައް
  • ކާނާ ވިހަވުން : މިގޮތަށް ދިމާވަނީ ހަލާކުވެ ނުބައިވެފައިވާ ކާނާއެއް ކެވިއްޖެނަމައެވެ.
  • ވިހަ މާއްދާއެއްކެވުން: ވިހަމާއްދާއެއް ކެވިއްޖެނަމަ އޭގެ އަސރު ދުއްވާލުމަށް ޓަކައި ގަދަކަމުން ހޮނޑުލައްވައެވެ.
  • އޮޕަރޭޝަނަށް ފަހު ހޮނޑުލެވުން: ބައެއް ކަހަލަ އޮޕަރޭޝަނަށް ފަހު ބައެއް ފަހަރު ހޮނޑުލެވޭގޮތް ވެއެވެ.
  • ބައެއް ކަހަލަ ފަރުވާ : ރޭޑިއޭޝަންގެ ފަރުވާ އަދި ކީމޯތެރަޕީގެ ފަރުވާ ނަގަމުންދާ ދުވަސްވަރު ބައެއް ފަހަރު ހޮނޑުލުން މެދުވެރި ކުރުވައެވެ.

ހަށިގަނޑުން ފެންހުސްވުން[އުނިއިތުރު ގެންނަވާ]

މޭނުބައިކޮށް ހޮނޑުލެވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ފަސޭހައިން ހަށިގަނޑުން ފެން ހުސްވުން މެދުވެރިވާ ކަމެކެވެ. ހަށިގަނޑުން ފެން ހުސްވުން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި :-

  • އެކަށޭނަ ވަރަށް ފެންނުބުއިން : މިހެން ދިމާވަނީ އުމުރުން ދުވަސްވުމުން ކަރުހިއްކުން އިހްސާސްވާލެއް ޒުވާންއުމުރަށްވުރެ ކުޑަވާތީ އެވެ.
  • ގުރުދާ އެކަށޭނަ ގޮތުގައި މަސައްކަތްނުކުރުން: އުމުރުން ދުވަސްވުމުން މުޅި ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި ގުރުދާ މަސައްކަތް ހިންގުންވެސް ލަސްވެގެން ދެއެވެ.
  • ފެންބުއިމަށް އިދިކޮޅު ހެދުން: މިގޮތަށް ފެންބުއިމަށް އިދިކޮޅު ހަދަނީ އުމުރުން ދުވަސްވުމުން ބައެއް މީހުންނަށް ކުޑަކަމުދިއުމުގެ ކޮންޓްރޯލުން ނެއްޓި ފަހަރުވާ ނުހިފެހެއްޓުން މެދުވެރިވާތީ އެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ބާރަކާއި ނުލައި ބައެއް ފަހަރު ކުޑަކަމުދެވޭގޮތް ވެއެވެ.
  • ޖިސްމާނީ ބައެއް މައްސަލަތައް : މިސާލަކަށް ތަށީގައި ހިފަން އުދަގޫވުން، ގޮނޑިން ތެދުވަން އުދަގޫވުން، ވަރުބަލިކަމުގެ ސަބަބުން ފާޚާނާއަށް ދާން އުދަގޫވުން ފަދަ ކަންކަމަކީ މުސްކުޅިންނަށް ފެން ބުއިމާއި އެފަދަ އެހެން ކަންކަމަށް ހުރަސް އަޅާ ކަންކަންކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.


ހޮނޑުލުމަށްދެވޭ ފަރުވާ[އުނިއިތުރު ގެންނަވާ]

ހޮނޑުލުމަކީ ހަށިގަނޑުން ފެން ހުސްވުން މެދުވެރިކުރުވާ ކަމެއްކަމަށްވުމާއެކު، އެންމެ ފުރަތަމަ ވެސް އެކަން މެދުވެރިވެފައިތޯ ބެލުމަށްފަހު އެކަމަށް ފަރުވާ ލިބިގަންނާށެވެ. ގިނަފަހަރު ހޮނޑުލުން މެދުވެރިވި ސަބަބަކާއި ދުރުހެލިވުމުން އެކަން ރަގަޅުވެދެއެވެ. ބައްޔެއްގެ ސަބަބުން ނަމަ ބަލި ރަގަޅުވުމުން ހޮނޑުލެވުން ފިލައިދެއެވެ. ބައެއް ކަހަލަ ބޭސްތައް ހޮނޑުލެވުމުން ދީއުޅެއެވެ.

ހޮނޑުލެވުން ކުރިއަށް ދާނަމަ[އުނިއިތުރު ގެންނަވާ]

  • ހޮނޑުލެވުން ރަގަޅުވަންދެން ތަނެއްގައި އިށީދެ އިންނާށެވެ.
  • އެއްގަޑިއިރު ހޮނޑުނުލެވި ފާއިތުވެއްޖެނަމަ، ކޮންމެ 20 މިނިޓަކުން ގަޑިއިރެއް ވަންދެން 30މލ ގެ ދިޔާތަކެތި ބޯށެވެ. މިގޮތުން އާފަލް ޖޫސް، މަދު މިންވަރަކަށް ސައިފަތް އަޅައިގެން ހަދާފައި ހުރި ސައި، އަދި ލޮނު ޕެކެޓް ފަދަ އެއްޗެއް ތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެއެވެ. އޮރެންޖް ޖޫސް، ޓޮމާޓޯ ޖޫސް، ލެމަނޭޑް ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. ހަމަ މިހެން ކިރާއި ސޮޑާ ފަދަ ކާބޮނޭޓް އެކުލެވޭ ބުއިންތަކާއި ދުރުހެލިވާށެވެ.
  • އިތުރަށް ހޮނޑުނުލެވޭނަމަ އަނެއްކާވެސް ގަޑިއިރެއް ވަންދެން ކޮންމެ 20 މިނިޓަކުން 237މލގެ ދިޔާތަކެތި ބޮމުން ގެންދާށެވެ. ދެވަނަ ދެގަޑިއިރު ނިމުމުން އިތުރަށް ހޮނޑު ނުލެވޭނަމަ، ވެސް ދިޔާތަކެތި ބުއިން އިތުރުކުރާށެވެ.
  • އިތުރަށް ރަގަޅުވާހެން ހީވާނަމަ ސުރުވާ ފަދަ ތަކެތި ބޭނުންކުރަން ފަށާށެވެ. މިގޮތުން ދިޔާތަކެއްޗާއި އެކު ހަޖަމުކުރަން ފަސޭހަ ކާނާގެ ބާވަތްތައް އެއްދުވަސް ވަންދެން ބޭނުންކުރާށެވެ.
    • ނޯޓް މަތީގައި މިބަޔާންކުރީ އުމުރުން 4 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ހޮނޑުލެވުން ކުރިމަތިވުމުން ޢަމަލުކުރެވިދާނެ ގޮތްތަކެކެވެ.