އިންފުލުއެންޒާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އިންފުލުއެންޒާ(އިނގިރޭސި ބަހުން: Influenza) އަކީ އަރިދަފުސް ރޯގާ ފަދައިން އެއާއި އެއްގޮތް އަލާމާތްތަކެއް ފެންނަމުން އަންނަ ބައްޔެކެވެ. މިއީ ފަސޭހަ ކަމާއެކު ފެތުރޭ ބައްޔެކެވެ . މިއީ އާރްއެންއޭ ވައިރަސް އެއް ކަމުގައިވާ އޯރތޮމިކްސިވިރިޑޭ ކިޔާ ވައިރަހުގެ އާއިލާ އަކުން ޖެހޭ ބައްޔެކެވެ. އިންފުލުއެންޒާ މިނަން ނެގިފައިވަނީ އިޓަލީ ބަހުންނެވެ.

އިންފުލުއެންޒާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، އަރުތެރެ ދުޅަވުން، ކެއްސުން، ވަރުދެރަވުން، ނުތަނަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ނުރައްކާތެރި ހާލަތްތަކުގައި ނިއުމޯނިޔާ ފަދަ ބައްޔެއް ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.

އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާ[އުނިއިތުރު ގެންނަވާ]

ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ. އަރިދަފުސް ރޯގާގެ ސަބަބުން ވަރަށް އާދައިގެ ކުދިކުދި އުދަގޫތައް ކުރިމަތިވާއިރު، އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ތަހައްމަލު ކުރަން ދަތިވާކަން ފާހަގަ ކުރެވެއެވެ. އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، އަދި ހިކި ކެއްސުން ފަދަ އުދަގޫތައް ހިމެނެއެވެ. ނަމަވެސް ދެބަލީގެ އުދަގޫތަކާއި އަލާމާތްތައް އެއްގޮތްކަމުން ބޭރުފުށުން ބަލާ ބެލުންތަކުން މިދެބަލި ދެނެގަތުން ވަރަށް ގިނަފަހަރު އޮންނަނީ އުދަގޫކަމަކަށް ވެފައެވެ.