އަލްއިމާމު އަޙްމަދު ބްނު ޙަންބަލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
الْإِمَامُ أَحْمَدُ بْنُ حَنبَل ގެ ނަންފުޅު (ޢަރަބިބަހުން)

الْإِمَامُ أَحْمَدُ بْنُ حَنبَل އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 164 ވަނަ އަހަރު ބަޣުދާދުގައެވެ. އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤުހީ މަޛުހަބުތަކުގެ ތެރެއިން ޙަންބަލީ މަޛުހަބުގެ އިމާމެވެ. އެ ކަލޭގެފާނުގެ ތުއްޕުޅުއިރު ބައްޕާފުޅު އަވަހާރަވިއެވެ. މިހެންކަމުން އެ ކަލޭގެފާނު ބޮޑުފުޅުވީ ޔަތީމު ޙާލުކޮޅުގައެވެ.

الْإِمَامُ أَحْمَدُ ގެ ޢުމުރުފުޅުން ވަރަށް ކުރީކޮޅު ޤުރްއާން ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. އަދި ޢުމުރުފުޅުން ފަނަރަ އަހަރުފުޅުގައި ޢިލްމު ޙާޞިލުކުރެއްވުމަށް ފެއްޓެވިއެވެ. އެ ކަލޭގެފާނު ވަރަށް ގިނަ ބޭފުޅުންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އޭގެތެރޭގައި ޤާޟީ الْإِمَامُ أَبُو يُوسُف އާއި، الْإِمَامُ الشَّافِعِي އާއި، سُفْيَانُ بْنُ عُيَيْنَة އާއި، يَحْيَي بْنُ سَعِيدٍ الْقَطَّان އާއި، يَزِيدُ بْنُ هَارُون އާއި، يَحْيَي بْنُ مَعِين ހިމެނިވަޑައިގަންނަވައެވެ.

الْإِمَامُ أَحْمَدُ ގެ ދަރިވަރުންގެ ތެރޭގައި ދީނުގެ ބޮޑެތި ޢިލްމުވެރީން ހިމެނެއެވެ. އެގޮތުން الْإِمَامُ الْبُخَارِي އާއި، الْإِمَامُ مُسْلِم އާއި، الْإِمَامُ أَبُو دَاوُد ފަދަ ބޭކަލުން ފާހަގަކޮށްލެވެއެވެ.

الْإِمَامُ أَحْمَدُ بْنُ حَنبَل ލިޔުއްވި ފޮތްތަކުގެ ތެރޭގައި الْمُسْنَد ހިމެނެއެވެ. މި ފޮތް މަޝްހޫރުވެފައި ވަނީ مُسْنَدُ الْإِمَام أَحْمَد بْنُ حَنبَل ގެ ނަމުންނެވެ. މި ފޮތުގައި ތަކުރާރުވުމެއްނެތި ތިރީސްހާސް ޙަދީޘްވެއެވެ. ތަކުރާރުވެގެން ސާޅީސްހާސް ޙަދީޘްވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

އެ ކަލޭގެފާނު ލިޔުއްވި مُسْنَد

الْإِمَامُ أَحْمَدُ بْنُ حَنبَل އަވަހާރަވީ ހިޖުރައިން 241 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ހުކުރު ދުވަހެއްގައެވެ. އޭރު އެ ކަލޭގެފާނުގެ ޢުމުރުފުޅަކީ ހަތްދިހަ އަހަރުފުޅެވެ.