އަލްއިމާމު އަބޫ ޙަނީފާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަބޫ ޙަނީފާގެ ނަންފުޅު (ޢަރަބިބަހުން)

الْإِمَامُ أَبُو حَنِيفَة އަކީ އިސްލާމީ އުއްމަތުގެ ވަރަށް ބޮޑު ޢިލްމުވެރި ބޭކަލެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ عَبْدُ اللَّهِ بْنُ مَرْوَان ގެ ޚިލާފަތުގައި ހިޖުރައިން 80 ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ النُّعْمَانُ بنُ ثَابِتِ بنِ المَرْزُبَان التَّيْمِيُّ، الكُوْفِيُّ (އައްނުޢުމާނު ބިން ޘާބިތު ބިން އަލްމަރްޒުބާން އައްތައިމީ އަލްކޫފީ) އެވެ. "أَبُو حَنِيفَة" އަކީ އެ ކަލޭގެފާނުގެ ކުންޔާއެވެ. އެކަލޭގެފާނަކީ ސުންނަތް ޖަމާޢަތުގެ ފިޤުހީ މަޛުހަބުތަކުގެ ތެރެއިން ޙަނަފީ މަޛުހަބުގެ އިމާމެވެ. الْإِمَامُ أَبُو حَنِيفَة އުޅުއްވީ ރަސޫލާ ﷺ ގެ ޞަޙާބީ ބޭކަލުންގެ ތެރެއިން ހަގު ޞަޙާބީ ބޭކަލުންގެ ޒަމާނުގައެވެ. أَنَسُ بْنُ مَالِك (رَضِيَ اللَّهُ عَنْه) ކޫފާއަށް ވަޑައިގެންނެވިއިރު الْإِمَامُ أَبُو حَنِيفَة އަނަސްގެފާނު ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އަނަސްގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންފައެއްނުވެއެވެ.

الْإِمَامُ أَبُو حَنِيفَة ތުއްޕުޅުއިރުގައި ޤުރްއާން ހިތްޕުޅުން ދަސްފުޅުކުރެއްވިއެވެ. ޢުމުރުފުޅުން 16 އަހަރުފުޅުގައި ޙައްޖުވެވަޑައިގެންނެވިއެވެ. ޢިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނު ދަސްކުރައްވަން ފެއްޓެވީ ދީނުގެ އުޞޫލުތަކުގެ ޢިލްމެވެ. އަދި އެއަށްފަހު ފިޤުހު ޢިލްމު ހޯއްދެވިއެވެ. މިގޮތުން ފިޤުހު ޢިލްމު އުނގެނިވަޑައިގަތް ޢިލްމުވެރިންގެ ތެރެއިން  حَمَّادُ بْنُ أَبِي سُلَيمَان (رَحِمَهُ اللَّه) ފާހަގަކޮށްލެވެއެވެ. ހިޖުރައިން 120 ވަނަ އަހަރު حَمَّادُ بْنُ أَبِي سُلَيمَان އަވަހާރަވުމުން ފިޤުހު އުނގަންނައިދެއްވުމަށާއި ފަތުވާދެއްވަން الْإِمَامُ أَبُو حَنِيفَة ފެއްޓެވިއެވެ.

الْإِمَامُ أَبُو حَنِيفَة ވަރަށް ގިނަ ބޭކަލުންގެ އަރިހުން ޢިލްމު ހާސިލުކުރެއްވިއެވެ. އޭގެތެރޭގައި حَمَّادُ بْنُ أَبِي سُلَيمَان އާއި، إبْرَاهيم بن مُحمّدُ المُنتَشرُ الكُوفِيْ އާއި، إبْرَاهِيمُ بن يَزِيدُ النّخَعِي الكُوفِيْ އާއި، أَيُّوبُ السَّخْتِيَانِيْ البَصَرِيْ، (رَحِمَهُمُ اللَّه) ހިމެނިވަޑައިގަންނަވައެވެ. އަބޫ ޙަނީފާގެ ދަރިވަރުންގެ ތެރޭގައި الشَّيْخُ أَبُو يُوسُفُ يَعقُوبُ بن إِبْرَاهِيم  އާއި مُحَمِّدُ بُن الحَسَنُ الشَّيْبَانِي (رَحِمَهُمُ اللَّه) ފާހަގަކޮށްލެވެއެވެ. الشَّيْخُ أَبُو يُوسُف އަކީ ޢައްބާސީ ދައުލަތުގެ ޤާޟީކަން ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ޤާޟީކަމަށް އައްޔަންކުރެއްވުމާއެކު ޢައްބާސީ ދައުލަތުގެ މަޛުހަބަކީ ޙަނަފީ މަޛުހަބުކަމުގައި ވެގެންދިޔައެވެ. އަދި އެހެނިހެން ބައެއް ދައުލަތްތަކުގެ ވެސް ރަސްމީ މަޛުހަބުކަމުގައި ޙަނަފީ މަޛުހަބު ފަހުން ކަނޑައެޅުނެވެ.

އެކަލޭގެފާނު ކުރައްވައި އުޅުއްވި މަސައްކަތްޕުޅަކީ ވިޔަފާރިކުރެއްވުމެވެ. ކިޔަވައިވިދާޅުވާން އުޅުއްވިއިރު ވެސް ވިޔަފާރިކުރައްވަމުންގެންދެވިއެވެ. ކޫފާގައި އެ ކަލޭގެފާނުގެ ފަށުވި ފޭރާން ވިއްކާ ފިހާރައެއް ހުއްޓެވެ.

ބަޣުދާދުގައި ހުންނަ ޖާމިޢުލް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ

ޢައްބާސީ ޚަލީފާ أَبُو جَعْفَر الْمَنْصُور، އިސްލާމީ އުއްމަތުގެ ޤާޟީއަކަށްވެވަޑައިގަތުމަށް الْإِمَامُ أَبُو حَنِيفَة އަށް ދެންނެވިއެވެ. އެ ކަލޭގެފާނު މި ކަމަށް އިންކާރު ކުރެއްވުމުން ބަޣުދާދުގެ ޖަލަށް ލައްވައި އަދަބު ދެއްވިއެވެ. ދެން ވެސް އެ ކަލޭގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. الْإِمَامُ أَبُو حَنِيفَة އަވަހާރަވީ އެ ގޮތަށް ޖަލުގައި އޮންނަވައި ކަލޭގެފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި ހިޖުރައިން 150 ވަނަ އަހަރު ބަޣުދާދުގައެވެ. އެއީ الْإِمَامُ الشَّافِعِي ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރެވެ. الْإِمَامُ أَبُو حَنِيفَة ފަސްދާނުލެވިފައިވަނީ ބަޣުދާދުގެ ޚައިޒަރާން މަޤުބަރާގައެވެ. جامع الإمام الأعظم أبو حنيفة (ޖާމިޢުލް އިމާމުލް އަޢުޡަމް އަބޫ ޙަނީފާ) ކިޔާ މިސްކިތް ބިނާކުރެވިފައި ވަނީ މިތަނުގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

https://mansooradam.blogspot.com/2020/05/blog-post_5.html

https://dhisalafiyyah.net/article/21195