އަތާއި،ފައި، އަދި އަނގައިގެ ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

އަތާއި،ފައި، އަދި އަނގައިގެ ބަލި (އިނގިރޭސި ބަހުން: Hand, foot، and mouth disease )އަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން އަނގައިގެ ތެރޭގައި ފޮޅުނަގާ ފާރުވެ، އަތްތިލަ އަދި ފައިތިލައިގައި ކުދިކުދި ފެން ބިހި ތަކެއް ނަގާނެއެވެ.


ބަލި ޖައްސާ ޖަރާސީމް[އުނިއިތުރު ގެންނަވާ]

އަތާއި، ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމަކީ ކޮކްސަކީ އޭ ވައިރަސް، ކޮކްސަކީ ބީ ވައިރަސް، އަދި އެންޓީރޯވައިރަސް 71 އެވެ. މި 3 ވައިރަސް އަކީ ވެސް އެންޓީރޯވައިރަސްގެ ގުރޫޕްގައި ހިމެނޭ ވައިރަސް ތަކެކެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ލަފާކުރެވެނީ ކޮކްސަކީ ވައިރަސް އޭ 16 ވައިރަސް އެވެ.

ބަލި ފެތުރުން[އުނިއިތުރު ގެންނަވާ]

އަތާއި،ފައި، އަދި އަނގައިގެ ބަލި ޖެހިފައިވާ ކުއްޖެއްގެ އަރިދަފުސް، ކުޅު، އަދި ފޮޅުން ނިކުންނަ ދިޔައިގައި މިޖަރާސީމް ހުންނާނެއެވެ. ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގިނަ އަދަދަކަށް ކުއްޖާގެ ނަޖިހުގައި މިޖަރާސީމް ހުންނާނެއެވެ. މިހެންކަމުން ސާފުތާހިރުކަން ކުޑަވެއްޖެނަމަ ހެޔޮ ހާލުގައި ތިބި ކުދިންގެ އެތެރެހައްޓަށް ކާބޯތަކެތީގެ ޒަރީޢާއިން މިޖަރާސީމް ފަސޭހަ ކަމާއެކު ވާޞިލް ވެއެވެ. ކެއްސާ ކިބިހި އަޅާއިރު ވައިގެ ތެރެއަށް ނިކުންނަ ތަކެތީގައި ވެސް މިޖަރާސީމް ހުރެއެވެ.

ބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، ބޮޑުކަމުދާ ތަކެތި، އަރިދަފުސް، އަދި ގައިގާ ނަގައިފައިވާ ބިހިފަދަ ތަކެތިން ބޭރުވާ ދިޔައިގެ ޒަރީޢާއިންނެވެ. މިހެން ދިމާވާ ސަބަބަކީ އެތަކެތި ވައިގެ ތެރެއަށް ފެތުރުމުން ވައިގެ ޒަރީޢާއިން އަނެކާގެ ހަށިގަނޑަށް ވާޞިލްވެ ބަލިޖެހުމެވެ. ބަލީގެ ޖަރާސީމް ހޭކިފައި ހުންނަ ތަންތަނުގައި އަތްލެވިގެން ނުވަތަ ގެންގުޅޭ ތުވާލި، ބާލީސް، ރަޖާ ، މޭޒު، ގޮނޑި، ފަދަ ތަކެތީގައި ހޭކިފައި ހުންނަ ޖަރާސީމުން ބަލި ފެތުރެއެވެ.

ބަލިޖެހުމުން ވާގޮތް އަދި ބަލީގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ޖަރާސީމު ހަށިގަނޑަށް ވާޞިލްވުމާއި ބަލީގެ އަލާމާތްތައް ފެނުމާއި ދެމެދު 3-7 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ހުންއައުން އެވެ. އެއަށްފަހު ކަރު އަދި އަދި އަނގައިގައި ރަތްކޮށް ހުންނަ ކުދި ބިހިތަކެއް ނަގާ ފާރުކޮޅު ތަކަކަށް ބަދަލުވެއެވެ. މިފޮޅުތައް ދުލުގައި ކޮލުގައި އަދި ތުންފަތު އެތެރޭގެ ދުލިފަށުގައި ، ހިރުގަނޑުގައި އަދި މަތީ ތަލީގައި ފެންނަށް ހުންނާނެއެވެ.

ދެދުވަހެއްގެ ތެރޭގައި އަތްތިލައިގައި އަދި ފައިތިލައިގައި ކުދިކޮށް ހުންނަ ރަތްބިހިތަކެއް ނަގާ ކުދިކުދި ފެން ބިހިތަކަކަށް ބަދަލުވެއެވެ. މިބިހިތައް ފޫކޮޅުގެ މަސްގަނޑުގަޔާއި، އުޅަބޮށީގައި ވެސް ނަގާފާނެއެވެ.

އާންމު ގޮތެއްގައި ބަލި ޖެހެނީ 5 އަހަރުން ދަށުގެ ތުއްތު ކުދިންނަށެވެ.

ފެންނަ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ހުންއައުން
  • ކާހިތްނުވުން
  • ވަރުބަލިވުން
  • ކަރުތެރެފާރުވުން އަދި ކަރުގައި ރިހުން
  • ގައިގައި ރިހުން، ބޮލުގައި ރިހުން، އަދި ބަނޑުގައި ރިހުން
  • ކެއުން ބުއިމާ ދުރުވެ، ވަރުބަލިވުން
  • ދޫ އަދި އަނގައިގެ ތެރޭގައި ފޮޅުތަކެއް ނަގައި ފާރުވުން : ދޫ، ތުންފަތުގެ އެތެރެފުށް، ކޮލުތެރެ، ހިރުގަނޑު އަދި މަތީ ތަލީގައި މިފޮޅުތައް ފެންނަން ހުރެއެވެ.
  • އަތްތިލަ، ފައިތިލައިގައި ރަތްކުލައިގައި ހުންނަ ފޮޅުތަކެއް ނެގުން. މިފޮޅުތަކުގައި އަތްލުމުން ތަދުވާނެއެވެ.
  • އަތްތިލަ އާއި ފައިތިލައިގައި ކުދިކުދި ބިހިތަކެއް ނެގުން
  • ފައި އަދި ފޫކޮޅު މަސްގަނޑުގައި ބިހިނެގުން

ބަލީގެ ނުރައްކާ[އުނިއިތުރު ގެންނަވާ]

އަތާއި،ފައި، އަދި އަނގައިގެ ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެއްނޫނެވެ. ހުމާއި ބިހިތައް ދެތިން ދުވަހުގެ ތެރޭގައި ފިލައެވެ. އަނގައިގެ ފާރުތައް ރަގަޅުވުމަށް ހަފްތާއެއްހާ ދުވަސް ނަގައެވެ. ނަމަވެސް ނުރައްކާވެދާނެ ސަބަބުތަކަކީ :-

  • ހުންއައިސް ފިޓްޖެހޭ ކުއްޖެއްނަމަ ފިޓްޖެހޭގޮތްވުން ނުވަތަ ފިޓްޖެހުން
  • އަނގައިގައި ފާރުވެފައިވާ ތަންތަނަށް ތަދުވުން : މީގެ ސަބަބުން ކުޑަކުދިންނަށް އެއްޗެތި ދިރުވަން އުދަގޫވެ، ވަރުދެރަވާގޮތްވެއެވެ. މިފަދަ ޙާލަތެއްގައި ނަމަ ޑޮކްޓަރާއި މަޝްވަރާކުރަންވާނެއެވެ.
  • ވައިރަސް ގެ ޒަރީޢާއިން ސިކުނޑިއަށް އަދި ހިތުގެ މަސްގަނޑަށް އަސަރުކުރުން
  • ބަލިވެ އިންނަތާ ފުރަތަމަ ދުވަސްކޮޅު މިބަލިޖެހިއްޖެނަމަ :-
    • ބައިގެންދިއުން
    • ދަރިފުޅު ބޮޑުވާންވީވަރަށް ބޮޑުނުވުން

މިބައްޔަކީ އިތުރު މައްސަލަތަކާއި ކުރިމަތިނުވާނަމަ ދެތިން ހަފްތާގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ.


ކަރު އަދި އަނގައިގެ ތެރެއަށް ތަދުވާތީ ތުއްތު ކުދިން ކެއުމާ ދުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ހަށިގަނޑުން ފެންމަދުވެ، ވަރުދެރަވާގޮތް ދިމާވެއެވެ. ދެތިން ދުވަހުގެ ތެރޭގައި ކެއިން ބުއިން ރަގަޅުވާން ފަށައެވެ. ހަފްތާއެއްގެ ތެރޭގައި ގައިގައި ހުރި ބިހިތައް، ފިލައިދެއެވެ. ފައިތިލަ އާއި އަތްތިލައިގައި ނަގާފައި ހުރި ބިހިތައް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފިލައިގެން ދެއެވެ.

މަދު ފަހަރަކު އަތާއި،ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމް ތުއްތު ކުދިންގެ ސިކުނޑި، ހިތް، އަދި ފުއްޕާމޭ، ގައި އިންފެކްޝަން އުފައްދާނެއެވެ. ބަލިވެ އިންތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާބަނޑު މީހާގެ ހަށިގަނޑަށް މިޖަރާސީމް ވާޞިލްވެއްޖެނަމަ، ދަރިފުޅު ބޮޑުވާވަރަށް ބޮޑު ނުވާކަމަށާއި، ބައެއް ފަހަރު ބައިގެން ދިއުން ވެސް އެއީ އެކަށީގެންވާ ކަމެއްކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

ހުންގަދަވުމުން ބައެއް ކުދިން ފިޓްޖެހުން ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު މިބައްޔަކީ ކުރުމުއްދަތެއްގެ ތެރޭގައި އެހެން މައްސަލަތަކެއް ކުރިމަތި ނުވެ މުޅިން ފަސޭހަވާ ބައްޔެކެވެ. ދެވަނަ ފަހަރު މިބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.


ބަލިން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • ފާޚާނާ ބޭނުންކުރުމަށްފަހު ( ނެޕީ ބަދަލުކޮށްފައި ވެސް ) ސައިބޯނިލައިގެން ރަގަޅަށް އަތްދޮންނާށެވެ.
  • ކާއެއްޗެތި ތައްޔާރުކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ( ކާންދިނުމުގެ ކުރިން ) ސައިބޯނި ލައިގެން ރަގަޅަށް އަތްދޮންނާށެވެ. ގޭތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން އަތްލާ އުޅޭތަންތަން ( އަދި ތުއްތު ކުދިން އަގަޔަށްލާ ތަކެތި ) ބްލީޗް އަޅާފައި ހުރި ފެންފޮދަކުން ދޮވެ ސާފުކޮށްފައި ބަހައްޓާށެވެ.
  • ތުއްތު ކުދިންނަށް ސާފުތާހިރު ކަމުގެ މުހިއްމުކަން ދަސްކޮށްދޭށެވެ. އަނގަޔަށް އަތްލުން ފަދަ ކަންތައް ހުއްޓުވޭތޯ މަސައްކަތްކުރާށެވެ.
  • ހުން އަންނަކުދިން ނުވަތަ ބަލީގެ އަލާމާތްތައް ހުރި ކުދިން ސުކޫލަށް ނުފޮނުވާށެވެ. ސުކޫލަށް ފޮނުވާނީ އަނގައިގައި ހުރި ފާރު ރަގަޅުވުމުންނެވެ.
  • ބަލިކުއްޖަކު ގެންގުޅޭ ބެލެނެވެރިން މަސައްކަތު ނިކުތުން އެއީ ރަގަޅު ކަމެއްނޫނެވެ.
  • ބަލިޖެހިފައިވާ ކުދިން ވީވަރަކުން ވަކިން ގެންގުޅުން: ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ބަލިޖެހިފައިވާ ކުދިން އެހެންކުދިންނާއި ވަކިން ގެންގުޅުން މުހިއްމެވެ. ބަލި ރަގަޅުވަންދެން ސުކޫލް އަށާއި، އެހެންކުދިންގެ ތެރެއަށް ނުފޮނުވައި ގެންގުޅުން ރަގަޅެވެ.
  • އެހެންމީހުންނަށް ޖަރާސީމް ވާޞިލްވާނެ ފަދަ ގޮތްތަކާއި ދުރުހެލިވެ އުޅުން: ފާޚާނާއަށްދިއުމާއި، ނޭފަތްފޮޅުން، ނެޕީބަދަލުކުރުން، ފަދަ ކަންތައްތަކަށް ފަހު ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން،.ޖަރާސީމް އަތުގައި ހުރެ ތަންތަނުގައި އަތްނުލުން ފަދަ ކަންކަމަށް ސަމާލުވުން މުހިއްމެވެ.
  • ގެންގުޅެ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން
  • ސާފުތާހިރުކަމަށް ބާރުއެޅުން: ކުއްޖާ ބަލިން ރަގަޅުވި ނަމަވެސް ވައިރަސް މަހެއްހާ ދުވަސްވަންދެން ބޮޑުކަމުދާ ތަކެތީގައި ހުރެއެވެ. އެހެންކަމުން ސާފުތާހިރުކަމަށް ސަމާލުކަން ދޭންވާނެއެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

އަތާއި، ފައި، އަދި އަނގައިގެ ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ވައިރަސް ގެ ސަބަބުން ޖެހޭ ބަލިބައްޔަކީ ރަގަޅުވާން ނަގާ މުއްދަތު ހަމަވުމުން އަމިއްލައަށް ރަގަޅުވާނެ ބަލިބައްޔެވެ. ވީމާ މިބައްޔަށް އިތުރު ބޭހެއް ދިނުން ބޭނުމެއް ނުވެއެވެ. ބަލިވެއްޖެނަމަ ސަމާލުކަންދޭންޖެހޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

  • އަރާމުކުރުން،
  • ގިނަގިނައިން ދިޔާތަކެތި ދިނުން: އެގޮތުން ދިޔާތަކެތި ފިނިކޮށްފައި އެތިފޮދުން ދިނުން. ކުޑަކޮށް ފިނިތަކެތި ދިނުމުން އަނގަޔަށް ފަސޭހަވާނެއެވެ.
  • ހުން މަޑުކުރުމަށް ޕެނަޑޯލް ބޭނުންކުރުން، އަދި ހުން ގަދަވާނަމަ ގައިގައި ފެންފޮތި ހޭކުން
  • ކާންދިނުމުގައި ފަސޭހައިން ދިރުވޭގޮތަށް ހުންނަ ކާތަކެތި ދިނުން: އެގޮތުން ފިނިކޮށްފައި ހުންނަ ޔޮގަޓް، ކަސްޓަޑު، ކިރު ފަދަ ހަފަން ނުޖެހޭ ސާދާތަކެތި ދިނުން
  • އިރުއިރުކޮޅުން ފިނި ލޮނުފެން ފޮދަކުން އަނގަތެރެ ދޮވެ ސާފުކުރުން
  • ހުތް އެއްޗެތި ދިނުމުން އަނގަ ކަރާނެއެވެ. ފޮޅުތައް ތުއްވުން އެއީ ރަގަޅު ކަމެއް ނޫނެވެ.
  • އެއްވެސް އެންޓިބަޔޮޓިކް އެއް ނުވަތަ އެންޓި ވައިރަލް އެއް ބޭނުންކުރުން ރަގަޅެއް ނޫނެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]