ޢަބުދުﷲ ޝިހާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ. ޢަބުދުﷲ ޝިހާމް (މއ. ނައިބުގެ) އަކީ ގާނޫނީ ދާއިރާ އިން ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވާފައިވާ ބޭފުޅެކެވެ. ޑރ ޢަބުދުﷲ ޝިހާމް ފާހަގަ ވެގެންދިޔައީ 2007 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޢަދާލަތު ޕާޓީ އިން ބޭއްވި ޖަލްސާއެއްގައި އިސްލާމީ ބޭންކާއި އޭގެ ފައިދާ މިމައުޟޫ އަށް ދެއްވި ތަޤުރީރެއްގެ ސަބަބުންނެވެ.

ޑރ. ޢަބްދުﷲ ޝިހާމް ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެގްޒެކެޓިވް ޑިޕްލޮމާ ހާސިލުކޮށްފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ކިންގް ސަޢުދު ޔުނިވަރސިޓީގައި ޢަރަބިބަހުގެ ދާއިރާއިން ވެސް ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. ޝަރީޢާގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ ނައިޖީރިއާގައި ހުންނަ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައެވެ. އަދި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގުރީ (އެލް.އެލް.ބީ) ޔުނިވަރސިޓީ އޮފް ޓެސްމޭނިއާގައި ހާސިލުކުރެއްވިއެވެ. އެއަށްފަހު ޤާނޫނީ ދާއިރާއިން މާސްޓާރސް ޑިގުރީ އާއި ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ.

ޑރ. ޢަބްދުﷲ ޝިހާމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ވަގުތީ ހައިކޮމިޝަނަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލީގަލް ކޮންސަލްޓަންޓްކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކެޑަމީގެ މެންބަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރކަމާއި، އެ ފެކަލްޓީގެ ލޯ ޑިޕާޓްމެންޓްގެ އިސްވެރިޔާކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމާއި، އަމާނާ ތަކާފުލްގެ ބޯޑު ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީހަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އައްޔަންކުރެއްވި މެންބަރެއްގެ ހައިސިއްޔަތުން އެ މަޖިލީހުގައި މަސައްކަތްކުރައްވައިފައިވެއެވެ. މީގެއިތުރުން ޑރ. ޢަބްދުﷲ ޝިހާމަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 1997 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޑރ. ޢަބްދުﷲ ޝިހާމަކީ ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. މި ރޮނގުން ޑރ. ޝިހާމް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ދަރުސް ދެއްވުމާއި، ޚުޠުބާ ދެއްވުމާއި، ކޮލެޖު/ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވުމާއި، ދީނީ ޕްރޮގްރާމުތައް ހުށަހަޅުއްވައިދެއްވުން ހިމެނެއެވެ.