ޑރ މަޙުމޫދު ޝައުގީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑރ. މަޙްމޫދު ޝައުޤީ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރެވެ.

ޑރ. މަޙްމޫދު ޝައުޤީ ވަނީ ބެޗްލަރ އޮފް އެޑިޔުކޭޝަން (ބަޔޮލޮޖީ) އަދި ބެޗްލަރ އޮފް އާރޓްސް (އިކޮނޮމިކްސް) ހާސިލުކުރައްވައިފައެވެ. މާސްޓާރސް އޮފް އެޑިޔުކޭޝަން ހާސިލުކުރެއްވީ ކެނެޑާގެ ޔުނިވަރސިޓީ އޮފް މަނިޓޮބާއިންނެވެ. އެއަށްފަހު ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ. ޑރ. މަޙްމޫދު ޝައުޤީ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި އުޅުއްވި ދުވަސްވަރު އެ ޔުނިވަރސިޓީގެ ސެނެޓުގެ އެކަޑަމިކް ކޮމެޓީގެ މެންބަރުކަން ވަނީ ކުރައްވައިފައެވެ. ޑރ. މަޙްމޫދު ޝައުޤީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބުކަމާއި، އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޓޫރިޒަމް މިނިސްޓަރުކަން ހިމެނެއެވެ. އަދި 2007 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުގެ އިކޮނޮމިކް ކޮމެޓީގެ ރައީސްކަން ޑރ. މަޙްމޫދު ޝައުޤީ ވަނީ ކުރައްވައިފައެވެ. 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްގެ ސްކައުޓް ޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމު ޑރ. މަޙްމޫދު ޝައުޤީ ވަނީ އަދާކުރައްވައިފައެވެ. މީގެއިތުރުން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ވެސް އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.