ޗައިނާގެ ބޮޑު ފާރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޗައިނާގެ ބޮޑު ފާރަކީ ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ފެށިގެން މީލާދީގެ 16 ވަނަ ގަރުނާއި ދެމެދު ޗައިނާގެ އުތުރު ސަރަހައްދީ ބޯޑަރުގައި ބޭރުގެ ޙަމަލާތަކުން ޗައިނާ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ބިނާކުރެވުނު ފާރެކެވެ. ޗައިނާގެ ބޮޑު ފާރުގެ ތެރޭގައި ގުނާލެވޭ ފާރުގެ އެތަކެއް ބައިތަކެއް ޢީސާގެ ފާނުގެ 5 ގަރުނު ކުރިން ބިނާކުރަމުން އައިސްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު ބައި ބިނާކުރެވިފައިވަނީ ޢީސާގެ ފާނުގެ ކުރިން 200 ވަނަ އަހަރާއި، 220 ވަނަ އަހަރާއި ދެމެދު އޭރު ޗައިނާގެ ރަސްކަލަކަށް ހުރި ޗިން ޝީ ހުއަންގ އެވެ. ފާރުގެ މިބައި ބިނާކޮށްފައިވަނީ މިހާރު ފެންނަށް ހުރި ފާރަށްވުރެ މާ އުތުރު ގައެވެ. މިހާރު ފެންނަށް ހުރި ފާރު ބިނާކޮށްފައިވަނީ މިންގ ދަރިފަސް ކޮޅުގެ ފަރާތުންނެވެ.

ޗައިނާގެ ބޮޑު ފާރު.

ޗައިނާގެ ބޮޑު ފާރަކީ އިންސާނީ އަތްތަކުން އުފައްދާފައިވާ އެންމެ ދިގު ސްޓްރަކްޗަރ އެވެ. އަދި އެއީ ދުނިޔޭގައިވާ އެންމެ ބޮޑު ސްޓްރަކްޗަރ ވެސް މެއެވެ. މިފާރު އިރުމަތިން ޝެންހާއީ އިންފެށިގެން ހުޅަގަށް ދަތުރު ކުރަމުން ލޮޕް ނޫރު އަށް ވާޞިލް ވެފައިވެއެވެ. މިދެބައި ދޭތެރޭގައި ފާރުގެ ދިގުމިނަކީ 4 ހާސް މޭލެވެ.

ޗިން ޝީ ހުއަންގ ގެ ވެރިކަމުގައި ޢީސާގެ ފާނުގެ 221 އަހަރު ކުރިން ޗައިނާގެ ޝަހަރުތަކުގެ ދެެމެދުގައި އޮތް ނުތަނަވަސްކަން ނައްތަވާލައްވައި ޗައިނާ އެއްކުރައްވައި، ޗިން ދަރިފަސްކޮޅު އުފެއްދެވި އެވެ. އަދި ވަކިވަކި ޝަހަރުތައް ވަކިކުރުމަށް ހަދާފައިވާ ބޯޑަރުތައް ނެތިކޮށްލައި އަލުން ބޮޑު ފާރެއް އެޝަހަރުތައް ހިމާޔަތް ކުރުމަށް ބިނާކުރެއްވުމަށް އަމުރު ކުރެއްވި އެވެ. ފާރު ބިނާކުރުމަށް ފަރުބަދަތަކުން ހިލަ ނެގިފައި ވެއެވެ. ޗިން ދަރިފަސްކޮޅުގެ ފަރާތުން ބިނާކުރި ފާރުގެ ބޮޑު މިން އެގޭނެ ރިކޯޑެއް ފެންނާކަން ނެތެވެ. ޗިން ދަރިފަސް ކޮޅު ފަރާތުން ބިނާކުރި ފާރުގެ ބޮޑު ބައެއް ވަނީ ޒަމާންތަކާއެކު ވީރާނާވެ ގޮސްފައެވެ. މިއަދު މިފާރުން ފެންނަށްހުރީ މަދު ބައިތަކެއް ކަމަށް ވެއެވެ.

ޗިން ދަރިފަސް ކޮޅުގެ ފަހުން އައި، ހަން، ޝުއީ، ނޯރތަން، އަދި ޖިން ދަރި ފަސްކޮޅު ތަކުގެ ފަރާތުން ވަނީ ފާރު އަލުން ބިނާކުރުމަށް މަސައްކަތްތައް ކޮށްފައެވެ. 1449 ވަނަ އަހަރު މިންގ ދަރި ފަސްކޮޅުގެ ސިފައިން މޮންގޯލިއާ މީހުންނާއި ކުރި ޓޫމޫ ހަގުރާމަ އިން ބަލިވުމުން އަލުން ފާރު ވަރުގަދަ ބިނާކުރުމަށް ނިންމި އެވެ. މިގޮތުން ބިނާކުރެވުނު ބައިތައް ކުރިން ޗިން ދަރި ފަސްކޮޅުގެ ދުވަސްވަރު ބިނާކުރެވުނު ބައިތަކަށްވުރެ އެތަކެއް ގުނައެއް ވަރުގަދަ ކަމަށް ވެއެވެ. ޚާއްޞަކޮށް ވެރިރަށް ބީޖިންގ ކައިރީގައިވާ ފާރުގެ ބައި އާދަޔާ ޚިލާފަށް ވަރުގަދަކޮށް ރަގަޅު ކުރެވުނެވެ.