ޕްރޮޓީން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޕްރޮޓީން(އިނގިރޭސި ބަހުން: Protein) އަކީ ދިރުންހުރި ހުރިހާ އެއްޗަކަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ. ގަސްގަހާގެއްސާއި، ޖަނަވާރުގެ ހަށިގަނޑުގައި ވެސް ޕްރޮޓީން އެކުލެވެއެވެ. ނަމަވެސް މިދެބާވަތުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ތަފާތެވެ. ޕްރޮޓީން(އިނގިރޭސި ބަހުން: Protein) އަކީ ހަށިގަނޑު ބިނާކުރުމަށާއި، މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ކަމުގައި ބެލެވެއެވެ. ހަށިގަނޑުގެ ހުރިހާ ސެލޯށި އެއްގައި އާއި، ދިރު ތަކުގައި ޕްރޮޓީން އެކުލެވިގެން ވެއެވެ. ހަށިގަނޑުގެ މަސްތަކާއި، ސެލޯށި ތަކާއި، ލޭފަދަ މުހިއްމު ހުރިހާ ދިޔަވަރު ހެދިފައިވަނީ ޕްރޮޓީން އެކުލެވިގެންނެވެ. މީގެ އިތުރުން އެންޒައިމް އާއި ހޯރމޯންގެ ގޮތުގައި އުފެދިފައިވާ ޕްރޮޓީންތައް ހަށިގަނޑުގެ އެކި ގުނަވަންތައް ހިންގުމުގެ މަސައްކަތުގައި ހަށިގަނޑުގެ ހުރިހާ ދިމާއެއްގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންކަމުން މިއީ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު ބައެވެ. އަދި ފުދޭ ވަރަށް ކާނާގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. ކާ ކާނާއެއްގެ ފޭރާން ހެޔޮވަރުތޯ ބަލަންގެންގުޅޭ އެންމެ މުހިއްމު މިންގަނޑަކީ އެކާނާއެއްގައި ޕްރޮޓީން އެކުލެވިގެންވާ މިންވަރެވެ.

ޕްރޮޓީން(އިނގިރޭސި ބަހުން: Protein) އުފެދިފައިވަނީ ނައިޓްރިޖަން، ކާބަން، ހައިޑްރިޖަން، އަދި އޮކްސިޖަން އެކުލެވިގެންނެވެ. ހަށިގަނޑުގައި ކޮށާރު ކުރެވިފައި ހުންނަ ކާބޯހައިޑްރޭޓް އާއި ފެޓް އަކުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އުފައްދައެއް ނުދެވެއެވެ. އެއީ މިދެބާވަތުގައި ނައިޓްރިޖަން އެކުލެވިފައި ނުވާތީ އެވެ.

ކޮންމެ ޕްރޮޓީން މޮލާރި(އިނގިރޭސި ބަހުން: Molecule) އެއް އުފެދިފައި ހުންނަނީ ގެތިފައިވާ އެމިނޯއެސިޑް(އިނގިރޭސި ބަހުން: Amino acids) ތަކަކުންނެވެ. އިންސާނާގެ ހަށިގަނޑުގައި އެމިނޯއެސިޑްގެ ތަފާތު 20 ވައްތަރު ހުރެއެވެ. ކޮންމެ ޕްރޮޓީން އެއް އުފެދިފައި ހުންނަނީ މީގެތެރެއިން ތަފާތު އެމިނޯއެސިޑް އެކިއަދަދަށް އެކިފަރުމާތަކަށް ގެތިގެންނެވެ. ކާބޯތަކެތި ހަށިގަނޑަށް އެތެރެވުމުން ހަޖަމުކުރުމުގެ ތެރޭގައި ޕްރޮޓީންގައި އެކުލެވޭ އެމިނޯއެސިޑް ތައް ބައިބައިވެގެން ގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށް ދެއެވެ. ލޭގެ ޒަރީޢާއިން އެމިނޯއެސިޑްތައް ދިރުތަކަށް ފޯރުމުން ތަފާތު އެމިނޯއެސިޑްގެ ފުއްތަކުން އިންސާނީ ޕްރޮޓީންގެ ހާރު ގަތާލައެވެ. އަދި ބޭނުންނުހިފޭ ފުއްތައް ނަޖިހާއެކު ހަށިގަނޑުން ބޭރުކޮށްލައެވެ.

ކާނާއިން ލިބޭ އެމިނޯއެސިޑް ބޭނުންކޮށްގެން، ހަށިގަނޑަށް ބޭނުންވާ ތަފާތު 20 އެމިނޯއެސިޑްގެ ތެރެއިން 11 ވައްތަރުގެ އެމިނޯއެސިޑް ދިރު ތަކުން އުފައްދައެވެ. މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު ނޫން އެމިނޯއެސިޑް(އިނގިރޭސި ބަހުން: Non-essential amino acids) އެވެ. ހަށިގަނޑުން އުފައްދައިނުދެވޭ 9 ވައްތަރެއްގެ އެމިނޯއެސިޑް ހުރެއެވެ. މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު އެމިނޯއެސިޑް(އިނގިރޭސި ބަހުން: Essential amino acids) އެވެ. މިބާވަތުގެ އެމިނޯއެސިޑް ޖެހެނީ ކާބޯތަކެތިން ހޯދާށެވެ.

އެކިބާވަތުގެ ކާނާއިން ހަށިގަނޑަށް ލިބޭ ޕްރޮޓީން ތަފާތެވެ. މިސާލަކަށް ހަނޑުލުން ލިބޭ ޕްރޮޓީން އާއި، ތަރުކާރީން ލިބޭ ޕްރޮޓީން ތަފާތެވެ. ޖަނަވާރުންގެ ހަށިގަނޑުން އުފައްދާ މުހިއްމު އެމިނޯއެސިޑްގެ އަދަދު، އިންސާނާއަށް ބޭނުންވާ ޕްރޮޓީންގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދާއި ދާދި އެއްވަރެވެ. މިހެންކަމުން ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް ބަހާހަމަ ޕްރޮޓީން އޭ ކިޔައެވެ. ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ގައި މުހިއްމު އެމިނޯއެސިޑް ގެ އަދަދު ޖަނަވާރުން ލިބޭ ކާބޯތަކެއްޗަށްވުރެ، ނުވަތަ އިންސާނާގެ ހަށިގަނޑުގައި އުފައްދާ ޕްރޮޓީން ގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދަށްވުރެ މަދެވެ. މިހެން ކަމުން ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް ބަހާއުނި ޕްރޮޓީން އޭ ކިޔައެވެ.


ވަޒީފާ[އުނިއިތުރު ގެންނަވާ]

ހަށިގަނޑަށް ޕްރޮޓީން ބޭނުންވަނީ ތިރީގައި މިދަންނަވާ ކަންތައްތަކަށެވެ.

  • އައު ސެލޯށި ތަކާއި ދިޔަވަރުތައް އުފެއްދުމަށް : މިއީ ޚާއްޞަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.
  • އުނިވާ އެމިނޯއެސިޑް ތައް އަނބުރާ ލިބިގަތުމަށް : ހަށިގަނޑުގައި ހުންނަ ބައެއް ދިރުތައް މަރުވުމުން އެދިރުތަކުގައިވާ އެމިނޯއެސިޑް ތަކުން ބައެއް ކުޑަކަމުދާ ތަކެއްޗާއި އެކުވެގެން ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަދި ބައެއް ބަލިޖެހުމުން ހަށިގަނޑުން އެމިނޯއެސިޑް ބޭނުންވާ މިންވަރު އިތުރުވެއެވެ. މިހެން ކަމުން ކޮންމެ މީހަކުވެސް ހަށިގަނޑުން އުނިވާ އެމިނޯއެސިޑް އަނބުރާ ހޯދުމަށް އިތުރު ޕްރޮޓީން ކާންޖެހެއެވެ.
  • ދިރު ތަކުގައި މަސައްކަތް ހިންގުމަށް : ހަށިގަނޑުގައިވާ ދިރު ތަކުގެ މަސައްކަތް އަދާކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އެކަމަށް ޚާއްޞަ ޕްރޮޓީން އެވެ.
  • ތަފާތު ބަލިތަކުން ހަށިގަނޑު ދިފާޢު ކުރުމަށް : އިންސާނާގެ ހަށިގަނޑަށް ވަންނަ އެކި އެކި ވައިރަސްތަކާއި، ބެކްޓީރިޔާ ނައްތާލުމަށް އުފައްދާ ހަށިދަމަނަ އަކީ އެކަމަށް ޚާއްޞަ ޕްރޮޓީން އެކެވެ.
  • ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް: ހަށިގަނޑަށް ބޭނުންވާ ހަކަތަ ފުރަތަމަ ހޯދަނީ ކާބޯސް އިންނެވެ. ދެން ފެޓް އިންނެވެ. މިދެބައި ކެއުމުގައި މަދުވެއްޖެނަމަ މަސްތަކުގައި ހުންނަ ޕްރޮޓީންތައް ވިރި ހަކަތަ އަށް ބަދަލުވެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވޭ ޕްރޮޓީން ހަށިގަނޑުގައި ކޮށާރުކުރަނީ ފެޓްގެ ގޮތުގައެވެ. ހަށިގަނޑު ހިންގުމަކީ ހަށިގަނޑު ބިނާކުރުމަށްވުރެ މުހިއްމުކަމަކަށްވާތީ ކާބޯހައިޑްރޭޓްގެ ގޮތުގައި ނުވަތަ ފެޓްގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ނުލިބޭނަމަ، ކޮށާރުކުރެވިފައި ހުރި ފެޓް އިން ހަކަތަ ހޯދައެވެ. މިބައި ހުސްވުމުން ދެން ހަކަތަ ހޯދަނީ މަސްތަކުގައި ހުންނަ ޕްރޮޓީން އިންނެވެ. ކެއިންބުއިން މާމަދުކޮށްލުމުން ހަށިގަނޑު އަނަރޫފަވަނީ މިހެން ވެގެންނެވެ. އަދި ކާން ފުދޭވަރަށް ނުލިބޭކުދިން ބޮޑުނުވަނީ ވެސް މިހެން ވެގެންނެވެ.

ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ޖިންސާއި، ސައިޒެއްގެ މައްޗަށެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު އިތުރުވާނެއެވެ. އެއީ އައު ދިރުތައް އަވަހަށް އިތުރުކުރަން ބޭނުން ޖެހިފައިވާތީ އެވެ. އެމީހެއްގެ ކެއުމުގައި އެކުލެވޭ ކާނާގެ ބާވަތުން ވެސް ދުވާލެއްގެ ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު ތަފާތު ވެއެވެ. ޖަނަވާރު ތަކުން ލިބޭ ބަހާހަމަ ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު މަދުވާނެއެވެ. ނަމަވެސް ގަސްގަހާ ގެހިން ލިބޭ ބަހާއުނި ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ކާންޖެހޭ ވައްތަރާއި މިންވަރު އިތުރުކުރަންޖެހެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ގޮތަށްބަލާއިރު، ކާނާގައި ހިމަނަން ޖެހޭ ޕްރޮޓީން އެކަށައެޅުމުގައި ކާނާގެ ބާވަތަށް ވެސް ބަލަންޖެހެއެވެ. އެއީ ތަފާތު ކާނާގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންކުރެވޭ ޕްރޮޓީންގެ މިންވަރު ތަފާތުވާތީ އެވެ. ތަފާތު ކާނާއިން ލިބޭ ޕްރޮޓީން މިނަންގެންގުޅޭ ނާޅިއަކަށް ބޭނުންކުރަނީ ކުކުޅު ބިހެވެ. އެއީ އިންސާނުންގެ ޕްރޮޓީން އާއި ބިހުގެ ޕްރޮޓީން އުފެދިފައި ހުންނަނީ ދާދި އެއް އެމިނޯއެސިޑް ތަކަކުން ކަމަށްވާތީ އެވެ. ކުކުޅު ބިހުގެ ޕްރޮޓީން އިން ލިބޭ އެމިނޯއެސިޑް ތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާލުމަށްފަހު، އެންމެ ފުކެއް ނޫނީ ބާކީވެގެން ނުދެއެވެ. ނަމަވެސް ތަރުކާރީ ޕްރޮޓީން އިން ލިބޭ އެމިނޯއެސިޑް ތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާއިރު ވަރަށް ގިނަ ފުއް ބާކީވެއެވެ. މިހެންވީމާ ބޮޑުމީހަކަށް ދުވަހަކަށް، ހަށިގަނޑުގެ ބަރުމިނުގެ ކޮންމެ ކިލޯގްރާމް އަކަށް ބިހުގެ ޕްރޮޓީންގެ 0.7ގްރާމް އިން ފުދޭއިރު، ޖުމުލަ ގޮތެއްގައި ތަރުކާރީ ޕްރޮޓީންގެ 1 ގްރާމް އިން ނޫނީ ނުފުދެއެވެ.

ކެއުމުގައި އެކުލެވޭ ފައިބަރު ގެ މިންވަރުންވެސް ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރަށް ބަދަލު އާދެއެވެ. އެއީ އެމިނޯއެސިޑް އުފެދެނީ ޕްރޮޓީން ހަޖަމުކުރެވިގެންކަމަށްވާތީ އެވެ. ކެއުމުގައި ފައިބަރު މަދުނަމަ، ޕްރޮޓީން ހަޖަމުކުރެވޭލެއް ގިނަވާނެއެވެ. އަދި ފައިބަރު ގިނަ ކެއުމެއް ކައިފިނަމަ ޕްރޮޓީން ހަޖަމުކުރެވޭލެއް މަދުވާނެއެވެ. މިކަން މިހެން ހުއްޓަސް ފައިބަރު އިން ލިބޭ ފައިދާ ގިނަކަމުން ކެއުމުގައި ފައިބަރު ހިމެނުން މަދުކޮށްގެން ނުވާނެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003