ގްލޯބަސް ފެރިންޖިއަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަރުތެރޭގައި އެއްޗެއް އިނުން(Lump in throat) ނުވަތަ ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމު(Lump in throat sensation)ގެ ޝަކުވާ އަކީ ކޮންމެ އުމުރެއްގެ އަދި ކޮންމެ ޖިންސެއްގެ މީހަކު ވެސް ކޮށްދާނެ ޝަކުވާ އެކެވެ. ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވާތީ އެއީ ކިހިނެއްވެގެން ވާކަމެއްތޯ ބެލުމަށް ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކައި ހަދައެވެ. ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވާ ހީވުން ގިނަފަހަރު ކުރިމަތިވަނީ އެހިސާބުގައި ތަދު ހުރުމަށްވުރެ ބޮޑަށް (ތަދުވުމުގެ ބަދަލުގައި އުދަގޫވާ) ކަރުތެރެއަށްވާ އުދަގުލެއްގެ ސިފައިގައެވެ. ނުވަތަ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުދަގޫވުމާއި ހިތް ނުތަނަވަސްވުން ކުރިމަތިވާ ކަމެއްގެ ގޮތުގައެވެ. ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވާތީ ވާއުދަގޫ އެއްޗެއް ދިރުވާން އުޅޭއިރު (ކައިބޮއި ހަދާއިރު) އިތުރުވެދާނެ އެވެ. އަދި ބައެއް ފަަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެ އެވެ. މާނައަކީ ކާތަކެތި ދިރުވާއިރު ( އޮއްޓަރު ހުރި ތަކެތި ނުވަތަ ދިޔާތަކެތި ވިޔަސް) ތަދުވުމަކީ މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގޮތެކެވެ. ކާއެއްޗެއް ކަމުން ނުވަތަ ބޮމުން ގެންދަނިކޮށް މިފަދަ އިހްސާސެއް ކުރެވުމުން ދެވަނަ ފަހަރަށް އެއެއްޗެއް ބޮއި ނުވަތަ ކައިލައިގެން ކަރުގައިވާ ތަކެތި ތިރިއަށް ފޮނުވާލެވޭތޯ ބައެއް މީހުން މަސައްކަތް ކުރެއެވެ. ކަރުގައި އެއްޗެއް އިންނަހެން ހީވުން ކުރިމަތިވުމުން ކަރުގައި އިންނަ އެތީގެ ސައިޒަށް ބަލާއިރު ބައެއް ފަހަރު ބޮޑުވެގެން ގޯލްފް ބޯޅައެއްގެ ސައިޒުގެ އެއްޗެއް އިންނަހެން ހީވެދާނެ އެވެ. އަދި ކުޑަވެގެން ގޮސް ވިޓަމިން ގުޅައެއްގެ ސައިޒުގެ އެއްޗެއް އިންނަހެން ހީވެދާނެ އެވެ.

ކަރުގައި އެއްޗެއް އިންނަހެން ހީވުމުގެ ސަބަބުތަކަށް ދިއުމުގެ ކުރިން ކަރުގެ ކުރިމަތި ގުދުރަތީގޮތުން އުފެދިފައިވާ ގޮތަށް ބަލާލަމާ ހިގާށެވެ. ކަރުގެ ބޭރުފުށުން މެދުން މަތިން ތިރިއަށް ހިމެނޭ ބައިތައް ތަރުތީބުން ތިރީގައި މިވަނީ އެވެ. - ދަތްދޮޅި - ހައިއޮއިޑް ބޯން އޭ ކިޔާ ކަށިގަނޑު (Hyoid bone) - ލަގޮނޑިވަޅު (Adam’s Apple) - ތައިރޮއިޑް ކާޓިލޭޖް (Thyroid cartilage) - ކްރިކޮއިޑް ކާޓިލޭޖް (Cricoid cartilage): މިމައްސަލަ ދިމާވާ މީހުން އާންމުގޮތެއްގައި އެއްޗެއް އިންނަކަމަށް ބުނަނީ ކްރިކޮއިޑް ކާޓިލޭޖް އާއި ދިމާލުން އެތެރޭގައެވެ. - ވައިނޮޅީގެ ވަށައިގެން ލެވިފައިވާ ވަށްބުރުތައް (Rings of trachea) - މޭކަށިގަނޑު ނުވަތަ އުރަމަތީ ކަށިގަނޑު (Sternum) ކްރިކޮއިޑް ކާޓިލޭޖްގެ ފަހަތުން މަސްގަނޑާއި ޖެހިފައި އިންނަ ގޮތަށް ކްރިކޯފެރިންޖިއަލް މަސްލް(Cricopharyngeal muscle) އޭ ކިޔާ މަސްގަނޑެއް ވެއެވެ. މިމަސްގަނޑު އިންނަނީ ކާތަކެތި ހިނގާހޮޅި ވަށައިގެން ސްލިންގ އެއްގެ ސިފައިގައެވެ. މިއީ ސްފިންކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރާ މަސްގަނޑެކެވެ. ސްފިންކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މާނައަކީ ވަކި އުސޫލަކުން މަސްގަނޑު ހަނިވެ،ފިތި ކުރުގެޅި ހަމައެއުސޫލުން މަސްގަނޑު ފުޅާވެ ހަމައަކަށް އެޅުމެވެ. މިމަސްގަނޑުގެ ބޭނުމަކީ ކާތަކެތި ދިރުވުމަށްފަހު މައިދާއަށް ގޮސްފައިވާ ކާތަކެތި އަނބުރާ މައްޗަށް އެރިޔަނުދިނުމެވެ. ސަބަބުތައް - ރިފްލެކްސް(Reflux) : ރިފްލެކްސް ގެ މާނައަކީ މައިދާގައި ހުރި ތަކެތި (މައިދާ އެސިޑްއާއެކު) ތިރިއަށް ކުޑަގޮހޮރަށް ދިއުމުގެ ބަދަލުގައި މައްޗަށް (އަނގަޔާ ދިމާލަށް) އެރުމެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ މަތިން އެރުމެވެ. މަތިން އެރުން ކުރިމަތިވާއިރު ކުރިން ބުނި މަސްގަނޑަށް ބާރުވެ، ކަރުގައި އެއްޗެއް އިންނަހެން ހީވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި މެއިން ދިލަނެގުން ކުރިމައްޗެއް ނުވެދާނެ އެވެ. ގިނަ ފަހަރު ރިފްލެކްސް އާއި ދެކޮޅަށް ދެވޭ ބޭސްތައް ބޭނުންކުރުމުން ލުއިވެ ރަގަޅުވެއެވެ. - ސްޓްރެސް އިތުރުވުން(Increased Stress): ސްޓްރެސް ގެ މާނައަކީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އެވެ. ޖުމުލަގޮތަކަށް ބުނާނަމަ މިއީ ހާސްވެ، ކަންބޮޑުވެ، ވިސްނައި ފިކުރުކުރުން ފަދަ ކަންތައްތަކެވެ. ސްޓްރެސް އިތުރުވުމުން ކުރިން ބުނި މަސްގަނޑު ކުރުގެޅޭލެއް ވަރުގަދަވެ، ކަރުތެރޭގައި އެއްޗެއް އިންނަހެން ( މަސްގަނޑު ކުރުގެޅޭލެން ބޮޑުކަމުން އެއްޗެއްގެ ސިފަޔަށް ފުއްޕުމުން) ބަލިމީހާއަށް އިހްސާސް ކުރެވިދާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމުގެ މައްސަލަ ވަރަށް ގިނަ ފަހަރު ވަރިކޮށްފައިތިބޭ އަންހެނުންނާއި، އިމްތިހާނުތަކުން ފޭލްވާ މީހުންނަށް، އަދި އާއިލާގެ މެންބަރަކު މަރުވުމުން އެއާއިލާގެ މެންބަރުންނަށް އަދި މަސައްކަތުގެ މާހައުލުގައި އެކުގައި އުޅޭ މީހުންނާއި މައްސަލަ ޖެހުމުން އެފަދަ މީހުންނަށް ދިމާވާލެއް އިތުރެވެ. - ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުމުގެ އެންމެ އާންމު ދެސަބަބަކީ ރިފްލެކްސް އަދި ސްޓްރެސް އެވެ. ވަރަށް މަދު ފަހަރަކު ކްރިކޯފެރިންޖިއަލް މަސްގަނޑު ނުވަތަ ކާތަކެތި ހިނގާހޮޅީގައި ހުންނަ ކަމެއްގެ ސަބަބުން މިމައްސަލަ ކުރިމަތިވެދާނެ އެވެ. އެގޮތުން އެމަސްގަނޑުގައި ލަކުނުލުން، މަސްގަނޑުގެ ސައިޒުން ބޮޑުވުން، މަސްގަނޑު ދާއިމީ ގޮތެެއްގައި ހަރުއެރުން ނުވަތަ ހަރުވުން، ނުވަތަ މަސްގަނޑު ގުޅަކެއުން، ކާތަކެތި ހިނގާ ހޮޅީގެ އެތެރޭ ފަށަލައިގައި މައްސަލައެއް ހުރުން، ނުވަތަ ކާތަކެތި ހިނގާހޮޅި ހަނިވުން ފަދަ ކަމަކުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. ވަރަށް ނާދިރު ފަހަރަކު ޒެންކާރސް ޑައިވާޓިކިޔުލަމް އަދި އީސިނޮފިލިކް އީސަފޭޖައިޓިސް އޭ ކިޔޭ ކާތަކެތިހިނގާހޮޅި ދުޅަވުން ގެ ވައްތަރެއް ކުރިމަތިވުމުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. - ކާތަކެތިހިނގާ ހޮޅީގެ އެތެރޭގެ ތެތް ދުލިފަށަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވެސް ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވެދާނެ އެވެ. މިސާލަކަށް ކަރުތެރޭގައި ކައްޓެއް ތާށިވުން ނުވަތަ ކައްޓެއް ހެރުން، އަދި ކަރުތެރެ ހަލާކުވެ ކަރުތެރެ ފާރުވުން ފަދަ ކަމެއްގެ ސަބަބުން މިގޮތަށް ދިމާވެދާނެ އެވެ. - ތަފާތު ވައްތަރުގެ ގަނޑު ގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. އެގޮތުން ކެންސަރު، ސިސްޓް، ތައިރޮއިޑް ބޮޑުވުން، އަދި އެހެނިހެން ވައްތަރުގެ ގަނޑުތަކުގެ ސަބަބުން ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވެދާނެއެވެ. ފަރުވާ މިކަމަށް ފަރުވާ ފެށުމުގެ ކުރިން އޭގެ ސަބަބު ހޯދައި ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ރިފްލެކްސްގެ ސަަބަބުން ދިމާވާ ކަމެއްތޯ ބެލުމަށް ހެދޭ ޓެސްޓަކީ ފައިބަރއޮޕްޓިކް އެންޑޮސްކޮޕީ (Fiberoptic endoscopy)އެވެ. ރިފްލެކްސްގެ ސަބަބުން ދިމާވާ ކަމެއްކަމުގައިވާނަމަ އެކަމަށް ހުންނަ ބޭސް 1 މަސް ދުވަހުގެ މުއްދަތަކަށް އަދި ބައެއް މީހުންނަށް 6-3 މަހާއި ދެމެދުގެ މުއްދަތަކަށް ބޭނުންކުރުމުން އެކަމަށް އެކަށޭނަ ހައްލެއް ލިބެއެވެ. ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެއްނަމަ އެކަން ދިމާވަނީ ސްޓްރެސްގެ ސަބަބުންކަން ކިޔައިދީ އޮޅުން ފިލުވައިދިނުމުން ފުދެއެވެ. ރިފްލެކްސް އާއި ދެކޮޅަށްދޭ ބޭސް އެކަށޭނަ މުއްދަތަކަށް ބޭނުންކުރުމަށްފަހު، އަދި ސްޓްރެސްގެ މައްސަލަ ހައްލުވުމުން ވެސް މިކަން ކުރިމަތިވެފައިވާނަމަ، އަޕަރއީސަފޭޖިއަލް މެނޯމެޓްރީ (Upper Esophageal manometry)ކިޔޭ ޓެސްޓެއް ހެދެއެވެ. މިއީ ކްރިކޯފެރިންޖިއަލް މަސްގަނޑުގައި އާދަޔާ ޚިލާފު ކަމެއްހުރިތޯ (ލަކުނުހުރުން، ސައިޒުން ބޮޑުވުން ފަދަ ކަމެއް) ބެލުމަށް ކުރެވޭ ޓެސްޓެކެވެ. މީގެ އިތުރުން ބައެއް ފަހަރު 24 hours Ph probe multichannel intraluminal impeding test ކިޔޭ ޓެސްޓެއްވެސް ހަދަން ޖެހިދާނެ އެވެ. އަދި ބޭރިއަމް ސްވެލޯ (Barium swallow)ކިޔާ ޓެސްޓެއްވެސް ހަދަން ޖެހިދާނެ އެވެ. ބޭރިއަމް ސްވެލޯ ހަދާއިރު،އަންނަ ތަކެތި ރަގަޅު ނޫންނަމަ، ނުވަތަ ތަބީޢަތާ ޚިލާފުނަމަ، އީޖީޑީ ކިޔާ ޓެސްޓެއް ހަދަން ޖެހެއެވެ. ކްރިކޯފެރިންޖިއަލް މަސްގަނޑުގައި ލަކުނުލުން، ސައިޒުން ބޮޑުވުން، އަދި ހަރުވުން ނުވަތަ ގުޅަކެއުން ފަދަ ކަމެއް ހުރެއްޖެނަމަ އެކަން ރަގަޅުކުރަން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކާތަކެތި ހިނގާހޮޅި ފުޅާކޮށްލުން(Esophageal dilatation)، އަދި ކްރިކޯފެރިންޖިއަލް މަޔޯޓޮމީ (Cricopharyngeal myotomy)ފަދަ ކަންތައްތައް ހިމެނެއެވެ. މަޔޯޓޮމީ ހެދުމާއެކު އެމަސްގަނޑަށް ބޮޓޮކްސް އިންޖެކްޝަން(Botox Injection) ޖެހުމަކީ ކްރިކޯފެރިންޖިއަލް މަސްގަނޑު ގުޅަކެއުން ފަދަ ކަންތައް ކުޑަކޮށްދީފާނެ ކަމެކެވެ. މަޔޯޓޮމީގެ މާނައަކީ މަސްގަނޑުން ބައެއް ވަކިކުރުން ނުވަތަ ބައިކުރުން އެވެ. އެއްވެސް ކަހަލަ ގަނޑެއް ނުވަތަ ޓިއުމަރެއް އުފެދިފައިވާނަމަ ޖެހޭނީ އޮޕަރޭޝަންކޮށްގެން ނަގާށެވެ.