ގްރޭންޑް ކެންޔަން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގްރޭންޑް ކެންޔަން އަކީ އެމެރިކާގެ އުތުރު އެރިޒޯނާގެ ކޮލޮރާޑޯ ކޯރުގައި ދެފަރާތުން ފަރުބަދަތައް ހުރެފައި މެދުން ހަނިކޮށް އޮންނަ ފުން ވާދީ އެކެވެ. ނުވަތަ އުސް ފަރުބަދަ ތަކުގެ މެދުން ތިރީގައި އުފެދިފައި އޮންނަ ކޯރުގެ ބައެކެވެ. ކެންޔަންގެ މާނައަކީ ފެން އޮންނަ ފުން ވަޅުގަނޑު އެވެ. މިވާދީގެ ބޮޑު ބައި އޮންނަނީ އެރިޒޯނާގެ ގްރޭންޑް ކެންޔަން ނޭޝަނަލް ޕާރކްގެ ތެރޭގައެވެ. މިއީ އެމެރިކާގައި އެންމެ ކުރިން ހެދުނު ޕާރކް ތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ގްރޭންޑް ކެންޔަން ހިމެނޭ ހިސާބުގައި އެންމެ ފުރަތަމަ އުޅުނު ކަމަށް ހެކިދެނީ ޕޫބްލޯ ދަރިކޮޅު ނުވަތަ ގަބީލާގެ މީހުންނެވެ. މިގަބީލާގެ މީހުން އެހިސާބުގައި އުޅުނު ކަމަށްވަނީ 13 ވަަނަ ގަރުނުގެ ތެރޭގައެވެ. މިއަދު މިހިސާބުގައި ގާތްގަނޑަކަށް 200 ވަރަކަށް ގަބީލާގެ މީހުން އުޅޭކަމަށް ވެއެވެ. އޭގެ ތެރޭގައި ހަވާސް ޕާއީ، ހުވަލާ ޕާއީ، ޕައިޔުޓިސް، ޑިނޭހް، އަދި ސިނައުގާ އޭ ކިޔޭ ގަބީލާތަކުގެ މީހުން ހިމެނެއެވެ.

ގްރޭންޑް ކެންޔަން.

ގްރޭންޑް ކެންޔަންގެ ދިގުމިނުގައި 446 ކިލޯ މީޓަރު ހުރެއެވެ. ފުން މިނުގައި 1620 މީޓަރު ހުރެއެވެ. މިކެންޔަން ހިމެނޭ ހިސާބުގައި ވަށައިގެންވާ ފަރުބަދަ ތަކާއި، އުސްގަނޑުތަކުގައިވާ އާއްމު ކުލައަކީ ރަތް ކުލައެވެ. ނަމަވެސް އަޅި ބަނަފްސާ، ފެހި އަދި ޗޮކްލެޓް ކުލައިގެ ހިލަތައް ވެސް މަދުން ނަމަވެސް ހުންނަ ކަމަށްވެއެވެ. އިރުގެ އަލި އެޅިފައި ހުންނަ ގޮތަކުން ހިލަތަކުގެ ކުލަ ބަދަލުވެފައި ހުންނަހެން ހީވުމަކީ ވެދާނެ ގޮތެކެވެ.

ގްރޭންޑް ކެންޔަން ހިމެނޭ ހިސާބަށް ޔޫރަޕުން ފުރަތަމަ ޒިޔާރަތް ކޮށްފައިވަނީ 1540 ވަނަ އަހަރު ސްޕޭންގެ ގާސިއާ ލޯޕޭޒް އެވެ. އެހެން ކަމުން ގްރޭންޑް ކެންޔަން ހޯދި މީހާގެ ލަގަބު ލިބެނީ ގާސިއާ ލޯޕޭޒް އަށެވެ. އެއަށްފަހު 1776 ވަނަ އަހަރާއި ހަމައަށް ގްރޭންޑް ކެންޔަން އަށް މީހަކު ޒިޔާރަތް ކޮށްފައެއް ނުވެއެވެ. 1860ގެ އަހަރުތަކުގެ ފަހުކޮޅު އެމެރިކާގެ ޖޯންސް ވެލީ ޕަވަލް މިސަރަހައްދު ދިރާސާކޮށް ބަލައި ހޯދާފައި ވެއެވެ.

ގްރޭންޑް ކެންޔަންގެ އުތުރު ބިތުން ލެވިފައިވާ ފަރުބަދަތަކުގެ އުސްމިން ދެކުނު ބިތުން ލެވިފައިވާ ފަރުބަދަތަކަށްވުރެ 300 މީޓަރު އުސްކަމަށް ވެއެވެ. އެހެން ކަމުން އުތުރު ބިތުގައި ފިނިހޫނު މިން ދަށްކަމަށް ވެއެވެ. އުތުރު ބިތް ކަނޑުގެ ސަތަހައަށްވުރެ 8000 ފޫޓް އުސްކަމަށް ވެއެވެ.

ގްރޭންޑް ކެންޔަންގެ އެންމެ ތިރީގައި އުފެދިފައިވާ ކޯރުގެ އަޑީގައި ނުވަތަ ތަޅުމުގައި ގްރެނައިޓް ހިލަ ހުންނަ ކަމަށް ވެއެވެ. އަދި އެހިލަތަކުގެ ޢުމުރު ގާތްގަނޑަކަށް 400 މިލިއަން އަހަރު ވެދާނޭ ކަމަށް ވެއެވެ.