ލޭގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލިޔުކީމިޔާ (އިނގިރޭސި ބަހުން: Leukemia)އަކީ ކަށީގެ މަދަށްޖެހޭ ކެންސަރު އެވެ. ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލޭގެ ކެންސަރު ޖެހިއްޖެނަމަ ކަށީގެ މަދުން އުފައްދާ ލޭގެ ސެލްތައް އުފެއްދުން މަދުވެގެން ދެއެވެ. ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.

ލިޔުކީމިޔާ ޖެހިއްޖެނަމަ ބައެއް ފަހަރު ބަލީގެ މުއްދަތު ވަރަށް ކުރުވެ، މަރާ ކުރިމަތިލާން ޖެހެއެވެ. އަދި އަނެއްބައި ފަހަރު އެކަށީގެންވާ ދިގުމުއްދަތެއް ބަލީގައި ހޭދަކުރަން ޖެހެއެވެ. ބަލީގެ މުއްދަތުގެ ދިގުކުރުމިން ބިނާވެފައި އޮންނަނީ ބަލީގެ ސީރިއަސްކަން ހުރި ނިސްބަތެއްގެ މައްޗަށާއި، ބަލިޖެހިފައިވާ ލޭގެ ހުދު ސެލްގެ ބާވަތުގެ މައްޗަށެވެ. ލޭގެ ތެރޭގައި ހިމެނޭ ލޭގެ ހުދު ސެލް ހަރަކާތްތެރިވަނީ ބަލިބަލިން ހަށިގަނޑު ދިފާޢުކޮށް ދިނުމުގައެވެ. ލޭގެ ހުދު ސެލްގެ ވަރަށް ގިނަ ބާވަތްތައް ލޭގެތެރޭގައި ހިމެނެއެވެ. ލެޔަށް ޖެހިފައިވާ ކެންސަރު ބަހާލެވިފައިވަނީ މައިގަނޑު 2 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އެކިއުޓް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ބަލިޖެހޭތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބަލީގެ އަސަރުތައް ބޮޑުވެ، މީހާގެ ހާލު ދެރަވެ، ފުރާނަޔަށް ނުރައްކާވާގޮތް ވެއެވެ. ދެވަނަ ބަޔަކީ ކްރޮނިކް ލިޔުކީމިޔާ އެވެ. މިބާވަތުގެ ކެންސަރު ޖެހިއްޖެނަމަ ފުރާނަޔަށް ނުރައްކާވާގޮތް ވަނީ ވަރަށް ގިނަ ދުވަހުންނެވެ.

ކުޑަކުދިންނަށް ގިނައިން ޖެހޭ ލިޔުކީމިޔާއަށް ކިޔަނީ އެކިއުޓް ލިމްފޯބްލާސްޓިކް ލިޔުކީމިޔާ އެވެ. މިއީ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ލިމްފޮސައިޓް އަށް ޖެހޭ ކެންސަރެކެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ 3/1 އަކީ މިބާވަތުގެ ކެންސަރެވެ. މިއީ އުމުރުން 7-2 އަހަރާއި ދެމެދުގެ ކުދީންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. އުމުރުން 15 ވުމަށްފަހު މިބާވަތުގެ ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ބޮޑެތި މީހުންނަށް ޖެހޭ ލޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި ހިމެނޭ މައިލޮއިޑް ސެލްއަށްޖެހޭ ކެންސަރުއެވެ. މިބާވަތުގެ ކެންސަރު ޖެހުމަށް ކިޔަނީ އެކިއުޓް މައިލޯޖިނަސް ލިޔުކީމިޔާ އެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ލިޔުކީމިޔާ އުފެދުމާއި ގުޅުންހުރިކަމަށް ބެލެވޭ ކަންތައްތަކެއްވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި:-

  • ރޭޑިއޭޝަން ( އެކްސްރޭ ނަގާއިރު ފޮނުވައިދޭ ރޭޑިއޭޝަންގެ ބާވަތްތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާންގެ ހީރޯޝީމާ އަދި ނަގަސާކީ އަށް އެޅި ބޮމުން އުފައްދައި ދިންފަދަ، ރޭޑިޔޯއެކްޓިވް މާއްދާތައް މީގެ ތެރޭގައި ހިމެނެއެވެ. )
  • ދިގުމުއްދަތަކަށް ކެންސަރުގެ ބޭސް ބޭނުންކުރަންޖެހުން
  • ބެންޒިން ކިޔާ ކެމިކަލް
  • ރެޓްރޯ ވައިރަސް

އެކިއުޓް ލިޔުކީމިޔާ[އުނިއިތުރު ގެންނަވާ]

އެކިއުޓް ލިޔުކީމިޔާ އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ ބާވަތެކެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ވަރުބަލިވުން
  • އެކިއެކި ބަލިބަލި އަވަސް އަވަހަށްޖެހުން
  • ހުންކޮށި ދުޅަވުން
  • ކަށީގައި ރިހުން
  • ބަރުދަން ލުއިވުން
  • ކާހިތްނުވުން
  • ބަލިޖެހޭތާ ކުރީކޮޅުގައި ހުންފާޑުވެފައި ހުރުމާއެކު ވަރުބަލިވުން
  • ލޭމަދުވުން
  • ނޭފަތުންނާއި ހިރުގަނޑުން، ހަމުގެ ދަށުން އަދި ހަށިގަނޑުގެ އެކި ތަންތަނުން ލޭއައުން (މިހެން ދިމާވަނީ ލޭގަނޑުވުމަށް ބޭނުންވާ ޕްލޭޓްލެޓްސް ލޭގެތެރޭގައި މަދުވުމުންނެވެ.)

މިބާވަތުގެ ޓެސްޓް ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި އެކްސްރޭ ނަގައިގެން ބަލައެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ

ކްރޮނިކް ލިޔުކީމިޔާ[އުނިއިތުރު ގެންނަވާ]

ކްރޮނިކް ލިޔުކީމިޔާގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ އެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ވަރުބަލިވުން
  • ބަރުދަން ލުއިވުން
  • ކާހިތްކެނޑުން
  • ހުންއައުން
  • ހުންކޮށި ބޮޑުވުމުގެ ސަބަބުން ބަނޑުގައި ރިހުން
  • ހިރުގަނޑުންނާއި ނޭފަތުން އަދި ހަށިގަނޑުގެ އެކިތަންތަނުން ލޭއައުން

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން : އޮޕަރޭޝަންކުރަނީ ހަމައެކަނި ހުންކޮށި ބޮޑުވެ، ރިހޭގޮތްވުމުން ހުންކޮށި ނެގުމަށެވެ.
  • ރޭޑިއޭޝަން ދިނުން : ރޭޑިއޭޝަން ދެނީ ހުންކޮށި ބޮޑުވުމާއި ގުޅިގެން ހުންކޮށި އޮންނަ ހިސާބަށެވެ. މިކަމުގެ ސަބަބުން ހުންކޮށި ކުޑަވެއެވެ. އަދި ލޭގައި ލިޔުކީމިޔާގެ އަސަރު ހުންނަ ސެލްގެ އަދަދު މަދުވެއެވެ.
  • ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީ ދިނުމުން ހަށިގަނޑުގައި ހުންނަ ލިޔުކީމިޔާގެ އަލާމާތްތައް ފިލައިދެއެވެ. ބަލީގެ އަލާމާތްތައް ނުފެނި ގިނަ ދުވަސްތަކަކަށް ދެމިހުރެއެވެ. ހުންކޮށި ބޮޑުވެފައިވާނަމަ އޮޕަރޭޝަން ކުރުމުގެ ކުރިން ބައެއް ފަހަރު ކީމޯތެރަޕީ ދެވެއެވެ. މިއީ އޮޕަރޭޝަން ކުރުމަށްޓަކައި ކެންސަރުގެ އަސަރު ކުޑަކުރުމަށް ކުރާ ކަމެކެވެ

ކަށީގެ މަދު ބަދަލުކުރުން[އުނިއިތުރު ގެންނަވާ]

ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ނާރުގެ މަގުން ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި، ނުވަތަ އެއްބަނޑު ކުއްޖެކެވެ. ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005