ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ހަލަވެލި ޢަބްދުލްޣަނީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ (ސ. ނަންބަރ:105) އަކީ 1960 ވަނައަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެމަޤާމް ފުރުއްވިއެވެ. އަދި ލެފްޓިނެންޓް، ފަސްޓްލެފްޓިނެންޓް، ކެޕްޓަން ކަމުގެ ގެމަޤާމުގެ އިތުރުން މޭޖަރ ގެމަޤާމްވެސް ފުރުއްވިއެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ. ހާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ހިތްވަރު ގަދަކަމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަޚިދުމަތުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީީގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި، ވިލިނގިލީ ޖަލު ބެލެހެއްޓުމާއި، މަސްބޯޓުގައި ޑިއުޓީ ކުރުމާއި، އެމް.ވީ މުލެޓް ބޯޓުގައި މަސްވެރިކަން ކުރުމާއި، ޑިއުޓީ ސެކްޝަނުގެ ޑިއުޓީ އެން.ސީ.އޯ އެއްގެ އިތުރުން ބޮޑުގޭ ޑިއުޓީމަރާ އެން.ސީ.އޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. މީގެ އިތުރުން ކޯސްޓްގާޑުގެ ލޯންޝްފަހަރުގެ ކަންތައްތައް ބަލަހައްޓަވާ އިސްބޭފުޅެއްގެ ގޮތުން ގިނަގުނަ ޚިދުމަތް ތަކެއް ކުރައްވާފައި ވެއެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި ހުވަދޫ ބަޣާވާތުގެ ދުވަސްވަރު ގދ. ތިނަދޫގައި 13 މަސްދުވަހު ޑިއުޓީ ގައި ހުންނެވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ގޮތުން ސިފައިން ކުރި ޕެޓްރޯލް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަތުމާއި، ބޯޓު ފުންކުރުމުގެ މަސައްކަތް ޙަރަކާތްތެރިވެ، އެކަމުން ޙާސިލުކުރެއްވި ތަޖުރިބާދެއަލީގައި އެކަންކަން މިއަދުގެ ޒުވާނުންނަށް ދަސްކޮށް ދެއްވުން ހިމެނެއެވެ. މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާ ގައި ސިފައިން ކުރަމުންގެންދިޔަ މަސައްކަތް ޢަމަލީގޮތުން މަސައްކަތް ކުރެއްވުމައި، މާލޭފަޅުން ބިންހިއްކުމައް ސިފައިންވެލިހަދިޔާ ކުރުމާއި، މަގުހެދުމަށް އަކިރިހަދިޔާ ކުރުމާއި، މާލޭގެ މަގުހެދުންފަދަ ކަންކަމުގައި ބައިވެރިވެ ލެއްވިކަން ފާހަގަ ކުރެވިފައިި ވެއެވެ. 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެމައިމަރުކަޒު ދިފާޢު ކުރުމުގެގޮތުން ދުޝްމިނުންނާ ހަނގުރާމަކުރުން ފާހަގަ ކޮށްލެވެއެވެ. އަދި މީގެ އިތުރުން ރާއްޖެ ތެރޭގެ އެކިކަންކޮޅުތަކުން ވާލުގެ އުދަގޫވެގެން ދިފެންސް މިނިސްޓަރީގައި ދެންނެވުމުން ސިފައިންގެ ފަރާތުން އެފަދަ ބައެއްރައްރަށަށް ވާމަރަށް ވަޑައިގެން މަސައްކަތް ކުރައްވާފައި ވެއެވެ. އަދި ފަހަކަށް އައިސް ރާއްޖެ ތެރޭގެ ބައެއްރައްރަށުން ފެންބޮޑުވެގެން އެހީތެރިކަމަށް އެދުމުން ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީގެ ބެލުމުގެދަށުން އެފަދަ ރައްރަށުގައި ފެން ހިއްކުމުގެ މަސައްކަތް ކުރެވިފައި ވާކަންވެސް ފާހަގަ ކުރަމެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީއަކީ ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. އަބްދުލްޣަނީގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ. އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ ރިޓަޔަރ ކުރެއްވުމުން ޢަބްދުލްޣަނީގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.