ލައްޓި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ލައްޓި

ލައްޓި (އިނގިރޭސި ބަހުން: Euthynnus affinis)ނުވަތަ (އިނގިރޭސި ބަހުން: Kawakawa) އަކީ ކަނޑުމަހުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި މާކަނޑުތަކުގައި އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ.ރާއްޖޭގެ ފަރުފަރުގެ ބޭރަށް އެން އަރައިގެން އުޅޭއިރު، އެން ކެއުމަށް ފަރުފަރުގެ ވަރަށް ކައިރީގައި ލައްޓި އުޅެއެވެ. މިއީ ދޮށީގެ މަސްވެރިކަމުގައި އެން އުކައިގެން ދޮށިންނާއި، ވަދު މަސްވެރި ކަމުގައި ގިނައިން ބޭނޭ، ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ލައްޓި އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1 މީޓަރަށެވެ.

ލައްޓީގެ ބުރަކަށިމަތީ ދެކޮތަރިބައި ނުގުޅި ހުންނަނީ ވަރަށް ކުޑަކުޑަ ތަންކޮޅެކެވެ. މަހުގެ މަތީބައިގައި ގަދަ ނޫކުލައިގެ ފުޅާ ރޮނގުތަކެއް ކަތިކޮށް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލަ އެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ ކަންފަތްގަނޑާއި ދިމާލުން ބަނޑު ދަށުގައި ކަޅު ކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތައް ފާޅުކޮށް ފެންނަން ހުރުމާއި، ލައްތަކުގެ އަދަދު މިބާވަތުގެ އެކިމަސްމަހުގައި ތަފާތެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 11އާއި 14 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގެ ފަހަތުގައި ވަކިވަކިން ހުންނަ ކުދި ކޮތަރިބައިތަކެއް ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ފަހަތުގައި ވެސް ވަކިވަކިން ހުންނަ ކުދި ކޮތަރިބައިތަކެއް ހުރެއެވެ. މަހުގެ ކާނާއަކީ ކުދިމަހާ، ކަކުނި ފާނޑުގެ ސޫތްޕާއި، ޑިނގާއެވެ.