ތަލަކަޅު ބިބީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ތަލަކަޅު ބިބީ

ތަލަކަޅު ބިބީ(ސައިންޓިފިކް ނަން: Chaetodon oxycephalus)ނުވަތަ (އިނގިރޭސި ބަހުން: Spot-nape butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުމަތީގައި އާދައިގެ ވަރަކަށް ގިނައިން އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނަސް ފީނައިގެން މަސްހިފައި ރާއްޖެއިން ބޭރުކޮށް އުޅެއެވެ. މިއީ އެހެނިހެން ބިބީ ތަކަށް ވުރެ ބޮޑުވާ މަހެއްކަމުން މިމަސް ދިރުވައިގެން ގެންގުޅެން ޖެހެނީ ބޮޑެތި މަސް ޓޭންކް ތަކުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ނުވަތަ 12 ހަރުކައްޓާއެކު، 22 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، އަދި 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.

މަހުގެ އަރިމަތީގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ތަލައިގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ. މިލައް ހުންނަނީ ލޮލުގެ ހުރަހަށް ހުންނަ ކަޅުކުލައިގެ ފުޅާ ރޮނގާ ނުގުޅި އެވެ. ބުރަކަށިމަތީ ކޮތަރިބައިގެ މަޑުކަށި ތަކުގެ ބުނޑުން ފެށިގެން ހަނދުފަޅި ބުރަށް ކަޅުކުލައިގެ ފުޅާ ރޮނގެއް މަހުގެ ނިގޫފަތުގެ ބުޑަށް ހުރެއެވެ. އަދި މިކަޅު ރޮނގު ބަނޑުދަށް ފަރާތު ކޮތަރިބައިގެ އެންމެ ފަހަތުގައި ހުންނަ މަޑުކަށި ތަކުގެ ބުޑާއި ހަމައަށް ދިގުވެފައި ވެސް ހުރެއެވެ. ކޮތަރިބައިގެ ކުލައަކީ ރީނދޫ ކުލައެވެ. ނަމަވެސް ވަރަށް ހިމަކޮށް ކަޅާއި ރަތްކުލައިގެ ރޮނގުތަކެއް ކޮތަރިބައިގައި ހުރެއެެވެ. މަހުގެ އަރިމަތީގައި ހުރަހަށް ފަނޑުކޮށް ހުންނަ ރޮނގުތަކެއް ހުރެއެވެ. މިއީ 10 އިންޗި ވަރަށް ބޮޑުވާ މަހެކެވެ.