ދުންފަތް މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދުންފަތް މަސް

ދުންފަތް މަސް(ސައިންޓިފިކް ނަން: Zebrasoma desjardinii)ނުވަތަ (އިނގިރޭސި ބަހުން: Desjardini sailing fish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ ރީތި މަހެކެވެ. ގިނައިން އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. ދުންފަތް މަހަކީ ފަތިހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ތުންކޮޅު ހުންނަނީ އޫކޮށެވެ. އަނގަ ވަރަށް ކުޑައެވެ. މިއީ ދިވެހިން އާންމުކޮށް ކައިއުޅޭ މަހެއް ނޫނެވެ. މިމަސް 40 ސެންޓި މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިމަހުގެ އާންމު ކާނާއަކީ މޫދު ފެއްސެވެ. މިއީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގެންގުޅޭ ހިތްވާ ގިނަ ދުވަހު މަސްޓޭންކުތަކުގައި ގެންގުޅެވޭ މަހެކެވެ. އަދި ރާއްޖެއިން ދިރޭމަހުގެ ގޮތުގައި ގިނައަދަދަަކަށް މިމަސް ބޭރުކުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮަތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ ވަރަށް އުސްކޮށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 4 ހަރުކައްޓާއެކު 27 އާއި 31 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 22 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. މަހުގެ ހުރަހަށް އޮރެންޖް ކުލައެއްގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތައް ބަނޑުދަށް ފަރާތުގައި ހުންނަނީ ކެނޑިކެނޑިފައެވެ. މަހުގެ ބޮލުގައި ދޮން ފެހިކުލައަކަށްދާ ކުލައެއްގެ ތިކިތަކެއް ފަނޑުކޮށް ހުރެއެވެ. މަހުގެ ކޮތަރިބައިގައި ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިބާވަތުގެ މަސް ޅައިރު ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ހުދުކުލައިގެ ގަޅިތަކެއް ދެއަރިމަތީގައި ހުރެއެވެ.