ދަތްތޫނު ފުންނަ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ދަތްތޫނު ފުންނަ (ސައިންޓިފިކް ނަން: Meiacanthus smithi)ނުވަތަ (އިނގިރޭސި ބަހުން: Smith’s sabretooth blenny)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ވެންފުންނައިގެ ބާވަތެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިބާވަތުގެ މަސްހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ނޯވެއެވެ. ނަމަވެސް ދިރޭމަސް ހިފާ ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ވެންފުންނަ ހިފާއުޅެއެވެ. މިއީ މޫދުގައި ފަރި ހަރަކާތްތަކެއްކުރާ މަހެކެވެ. މަހުގެ ކުލައަކީ ފަނޑުއަލި ކުލައަކަށްދާ ކްރީމް ކުލައެކެވެ. މަހުގެ ލޮލުން ފެށިގެން މަތީ ކޮތަރިބައި ފެށިފައި ހުންނަ ހިސާބަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ދިގަށްވެސް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިއީ ގާތްގަނޑަކަށް 8 ސެންޓި މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 އާއި 5 އާއި ދެމެދުގެ އަދަދަކަށް ހަރުކައްޓާއެކު 24 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ސިފަޔާ، އަދި އިގިރޭސިނަމާ ގުޅުވައިގެން މިމަހަށް ދަތްތޫނު ފުންނަ ކިޔާފައި ވަނީ އެވެ.