ފެޓް (ސެޗުރޭޓެޑް ފެޓް)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: saturated fat) އަކީ ފެޓްގެ ތެރޭގައި ގިނައަދަދަކަށް ސެޗުރޭޓެޑް ފެޓީއެސިޑް އެކުލެވިގެންވާ ފެޓް އެވެ. ސެޗުރޭޓެޑް ފެޓީ އެސިޑް ގިނައިން ހުންނަ ބާވަތްތަކަކީ، ފިނިހޫނުމިން ދަށް ތަންތާގައި ދިޔާވެގެންނުދާ ވައްތަރުގެ ފެޓް އެވެ. މިސާލަކަށް ސަންފްލާވަރ އޮށުން ހޭނޭ ތެލަށްވުރެ، ގެރިމަހުގައި ހުންނަ ސަރުބީއާއި ބަޓަރު، ފިނިހޫނުމިން ދަށް ތަނެއްގައި ދިޔާވެގެން ނުގޮސް ހަރުވާނެއެވެ.

އާންމުގޮތެއްގައި ސެޗުރޭޓެޑް ފެޓް އެކުލެވިގެންވާ ކާނާގެ ތެރޭގައި ހިމެނެނީ އެއްގަމު މަސް، ކިރު އަދި ކިރުން އުފައްދާ ބާވަތްތަކެވެ. މިވައްތަރުން ލިބޭ ފެޓް އަކީ ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށް، ނާރުތަކުގެ ބައްޔާއި، ހިތުގެ ބަލިތަކަށް މީހާ ހުށަހަޅައިދޭ އެއްޗިއްސެވެ. މިވައްތަރުގެ ކޮލެސްޓްރޯލް އަށް ލޯޑެންސިޓީ ލިޕޯޕްރޮޓީން(އެލްޑީއެލް) ނުވަތަ ނުރަގަޅު ކޮލެސްޓްރޯލް އޭ ކިޔައެވެ.

ގިނަ ސެޗުރޭޓެޑް ފެޓީ އެސިޑް އިން ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމުގައިވިޔަސް، ހުރިހާ ވައްތަރެއްގެ ފެޓީ އެސިޑް އަކުން މިހެނެއް ނުވެއެވެ.

އުފެދޭގޮތް[އުނިއިތުރު ގެންނަވާ]

ފެޓް އުފެދިފައިވަނީ ފެޓީއެސިޑް(އިނގިރޭސި ބަހުން: fatty acid) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް އަކީ 3 ފެޓީއެސިޑް މޮލާރި(އިނގިރޭސި ބަހުން: molecule) އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް ތަކަކާއި، ގްލައިސެރޯލް ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ ކޮލެސްޓްރޯލް އެވެ. ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40 ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.

ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި(އިނގިރޭސި ބަހުން: Atom) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ. ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003