ފިޝަރ ބިލްޑިންގ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފިޝަރ ބިލްޑިންގ

އެމެރިކާގެ މިޗިގަންގެ ޑެޓްރޮއިޓްގައި ހުންނަ ފިޝަރ ބިލްޑިންގަކީ ދުނިޔޭގެ އެންމެ ރީތި އޮފީސް އިމާރާތުގެ ގޮތުގައި މަޝްހޫރުވެފައިވާ ބިނާއެވެ. 1927 ވަނަ އަހަރު ބިނާކުރަން ފަށައި 1928 ވަނަ އަހަރު ނިންމާފައިވާ މިޢިމާރާތުގެ ފާރުތައް ރާނާފައިވަނީ ލައިމް ސްޓޯން، ގްރެނައިޓް އަދި ސަންގުމަރުމަރު ހިލަބޭނުންކޮށްގެނެވެ. އަދި އެތަނުގެ މަތީގައިވާ ގުއްބު ކުރިން ހުރީ ރަނުން ޒީނަތްތެރިކޮށްފައެވެ. ނަމަވެސް ރަނުން ހަދާަފއިވާ ބައިތައް ވަނީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނަގާފައެވެ.

އޮޓޯމޯޓިވް ކުންފުންޏެއްކަމަށްވާ ފިޝަރ ބޮޑީ ކުންފުނިން ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ ފިޝަރ ބިލްޑިންގގައި ހުންނަނީ ޖުމްލަ 30 ފަންގިފިލައއެވެ. އަދި އުސްމިނުގައި ހުންނަނީ 428 ފޫޓެވެ. އެމެރިކާގެ ގިނަ އިމާރާތްތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ތިރި ތަނެއްކަމުގައި މިތަން ވިޔަސް މިއީ އަދިވެސް ދުނިޔޭގައި ވިޔަފާރީގެ ގޮތުން ބޭނުންކުރަމުންދާ އެންމެ ރީތި ޢިމާރާތެވެ.

ފިޝަރ ބިލްޑިންގ މިހާރީތިކޮށް ފަރުމާކުރީ ޖޯސެފް ނެދިއެލް ފްރެންޗްގެ އެހީގައި އަލްބަޓް ކާން އެންޑް އެސޯސޮއޭޓްސް ކުންފުނިންނެވެ. މިޢިމާރާތް ބިނާކޮށް ނިމުނު އަހަރު އާކިޓެކްޓަރަލް ލީގް އޮފް ނިއުޔޯކްގެ ފަރާތުން އެންމެ ރީތި ޢިމާރާތުގެ ގޮތުގައި މިތަން ފާހަގަކުރިއެވެ.

ފިޝަރ ބިލްޑިންގ ގެ 3 ފަންގިފިލާ ހިމެނޭ ލޮބީ ޒީނަތްތެރިކުރުމަށްޓަކައި 40 ވައްތަރުގެ ސަންގުމަރުމަރު ހިލަ ބޭނުންކޮށްފައިވެއެވެ. މިތަން ފަރުމާކުރި އަލްބަޓްކާން ފުރަތަމަ ޤަސްދުކޮށްފައި އޮތީ އެއްވައްތަރަކަށް ހުންނަ 30 ފަންގިފިލާގެ ދެޓަވަރު ހިމެނޭގޮތަށް މިތަން ފަރުމާކުރުމަށެވެ. ނަމަވެސް އެއަހަރު ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ބޮޑު ދަތިކަމެއްގެ ސަބަބުން އެކަން ހުއްޓާލަން ޖެހުނީއެވެ.

ފިޝަރ ބިލްޑިންގ އެންމެ މަތީގައި ހުންނަނީ ރޭޑިއޯ އެންޓަނައެކެވެ. މިއެންޓަނާ އެންމެ ފުރަތަމަ ބޭނުންކުރި ކަމަށްވަނީ މިޢިމާރާތް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭނުންކުރަމުން އައި ޑަބްލިއު.ޖޭ ރޭޑިއޯ ސްޓޭޝަނުންނެވެ. އެގޮތުން އެދުވަސްވަރު މިރޭޑީއޯ ސްޓޭޝަނުްގެ އެނައުންސަރުން ބުނާކަމުގައި ވެއެވެ. " އަހަރެމެން މި ޕްރޮގްރާމް ގެނެސްދެމުން މިދަނީ ފިޝަރބިލްޑިންގގެ ރަން ޓަވަރުންނެވެ.

ފިޝަރ ބިލްޑިންގގައި ހިމެނޭ އެހެން ބައެއް ތަންތަނުގެ ތެރޭގައި ކުންފުނިތަކުގެ އޮފީސްތަކާއި ފިޝަރ ތިއޭތަރު ނަމަކަށްކިޔާ ތިއޭޓަރެއް ހިމެނެއެވެ.

ނަމަވެސް ފިޝަރ ބިލްޑިންގަށް ދުނިޔޭގެ އެންމެ ރީތި ޢިމާރާތުގެ މަޤާމް ވަރަށް އަވަހަށް ގެއްލިގެންދާނެއެވެ. އެއީ ދުބާއީގައި މިހާރު ބިނާކުރަމުންދާ ރީތި ޢިމާރާތްތައް ނިމުމުންނެވެ.