ފަތްމިނި ބިބީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފަތްމިނި ބިބީ

ފަތްމިނި ބިބީ(ސައިންޓިފިކް ނަން: Chaetodon bennetti)ނުވަތަ (އިނގިރޭސި ބަހުން: Bluelashed butterflyfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ބިބީ އާއިލާގެ މަސްތަކުގެ ތެރެއިން ވަރަށް ރީތި އެކަމަކު ވަރަށް މަދުން ފެންނަ މަހެކެވެ. މިމަސް އުޅެނީ އެކަހެރިކޮށް ފަރުފަރުގެ ބޭރުން ގުންޑޮޅީގެ ނިވަލުގައި ގާތްގަނޑަކަށް 5 މީޓަރަށްވުރެ ފުނުގައެވެ. ވުމާއެކު ސްނޯކްލް ކުރާ ފަރާތްތަކަށްވުރެ ބޮޑަށް ޑައިވަރުންނަށް މިމަސް ފެނިފައި ހުރެއެވެ.

ފަތްމިނި ބިބީ އަކީ ދިވެހިރާއްޖޭގެ ފަރުފަޅުގައި މަދުން އުޅޭ މަހަކަށްވެފައި، މަހުގެ ރީތިކަމާ ލަދުރަކިކަމުން، އަދި ދިރޭމަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވެސް ލިބުން ތަދު މަހަކަށްވެފައި އެކްއޭރިއަމް ތަކުގައި ގެންގުޅެން އެހާމެ އުދަގޫ މަހެކެވެ. ދިވެހިންގެ ތެރޭގައި ރީތީގެ ގޮތުން އެފަދަ ދެވަނައެއް ނުވާ ހުރިހާ ސިފައެއް ފުރިހަމަކޮށް ތިބޭ ފަތްމިނީގެ ނަމާ ގުޅޭގޮތުން މިމަހަށް ފަތްމިނި ބިބީ ކިޔާ ނަންދީފައި ވަނީ އެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރު 14 ކަށި، އަދި 16 ނުވަތަ 17 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، އަދި 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 15 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަ ރީނދޫ ކުލައެވެ. މަހުގެ ހުރަސްކޮށް އަދުން ކުލައިގެ ރޮނގެއް ހުރެއެވެ. މިރޮނގުގެ ކައިރިފަށް ހުންނަނީ މަޑު ނޫކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މިލަފުގެ ވަށައިގެން ހުދުކުލައިގެ ރޮނގެއް ހުރެއެވެ. މަހުގެ ލޮލަށްވުރެ މަތީން ލޮލުގެ ފަހަތުން ފެށިގެން މަހުގެ ކަންފަތުގެ ދެފަރާތުން ތިރިއަށް މަޑު ނޫކުލައިގެ ދެރޮނގު ހުރެއެވެ.