މާޅޮސްމަޑުލު އުތުރުބުރި
| ޚުލާޞާ މަޢުލޫމާތު | |
| އިދާރީ ނަން: | Raa Atoll |
| އަތޮޅުގެ ނަން: | Maalhosmadulu |
| އޮތްތަން: | 5° 58' N and 5° 20' N |
| އިނގިރޭސި ކޯޑު: | E |
| އަކުރު: | R (ރ) |
| ވެރިރަށް: | Ungoofaaru |
| އާބާދީ: | 19003 |
| ރަށްތަކުގެ ޢަދަދު: | 88 |
| މިޙުން އުޅޭ ރަށްތައް: | 15 |
| އަތޮޅުވެރިޔާ: | Hamid Yoosuf |
| މީހުން އުޅޭ ރަށްތައް | |
| Alifushi Angolhitheemu Fainu Hulhudhuffaaru Inguraidhoo Innamaadhoo Kandholhudhoo Kinolhas Maakurathu Maduvvaree Meedhoo Rashgetheemu Rasmaadhoo Ungoofaaru Vaadhoo= | |
| ފަޅު ރަށްތައް | |
|
|
|
މާޅޮސްމަޑުލު އުތުރުބުރި އަކީ ދިވެހިރާއްޖޭގައި އުތުރުން ފެށިގެން އޮތް 5 ވަނަ އަތޮޅެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ އުނގޫފާރެވެ. މާޅޮސްމަޑުލު އުތުރުބުރިއަކީ މީހުންއުޅޭ 14 ރަށާއި މީހުން ނޫޅޭ 73 ރަށުގެ މައްޗަށް އެކުލެވިފައިވާ އަތޮޅެކެވެ
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އާބާދީ
އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު މާޅޮސްމަޑުލު އުތުރުބުރީގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ ސާދަހާސް ހަތްސަތޭކަ ފަންސާސް ހައެއް. މިއީ މުޅި ރާއްޖޭގެ އާބާދީގެ ހަތަރެއް ޕޮއިންޓް ނުވައެއް އިންސައްތަ. މުޅިއަތޮޅުގެ އާބާދީއަށް ބަލާއިރު އާބާދީގެ ވިހި އިންސައްތަ ދިރިއުޅެނި ވެރިރަށް އުނގޫފާރުގައި. އަތޮޅުގެ އާބާދީގެ ޖުމްލައަކީ ( އޯގަސްޓް 2005 ގެ ނިޔަލަށް ) 19113 އެވެ.
[އުނިއިތުރު ގެންނަވާ] އާބާދީ އިތުރުވާ މިންވަރު
ބޯހިމެނުމުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މާޅޮސްމަޑުލު އުތުރުބުރީގެ އާބާދީ އިތުރުވަމުން އަންނަ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ. މިގޮތުން އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ރަށަކީ އުނގޫފާރު. އުނގޫފާރުގެ އާބާދީ އިތުރުވެފައިވަނީ ގިނަ ކުދިންތަކެއް އުފަންވުމުގެ ބަދަލުގައި، ސުނާމީއާއި ގުޅިގެން އެރަށަށް ބަދަލުވި އެއަތޮޅު ކަނދޮޅުދޫ މީހުންގެ ނިސްބަތް އިތުރުވެފައިވާތީ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ. އެއަތޮޅުގައި އާބާދީ އެންމެ ބޮޑަށް މަދުވަމުންދާ ރަށަކީ އަނގޮޅިތީމް.
[އުނިއިތުރު ގެންނަވާ] ޖިންސްގެ ނިސްބަތް
މާޅޮސްމަޑުލު އުތުރުބުރީގެ އާބާދީގައި ގިނައީ އަންހެނުން. އެއީ ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ ސޯޅަ އަންހެނުން. އަތޮޅުގެ ރަށްރަށަށް ބަލާއިރު ޖިންސުގެ ނިސްބަތުން ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވޭ. މިގޮތުން އެންމެ ތަފާތު ބޮޑުކަމަށް ފާހަގަކުރެވެނީ އެއަތޮޅު އަނގޮޅިތީމުގައި. އެއީ ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ ތިރީސް އެއް އަންހެނުން. ޖިންސުގެ ނިސްބަތް އެންމެ ކުޑައީ ރަސްމާދޫގައި. އެއި ކޮންމެ ސަތޭކަ ފިރިހެނަކަށް ސަތޭކަ އެއް އަންހެނުން.
[އުނިއިތުރު ގެންނަވާ] ހިޖުރަކުރުން
މާޅޮސްމަޑުލު އުތުރުބުރިއަކީވެސް ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން މާލެއަށް ހިޖްރަކުރާ މީހުން ނިސްބަތުން ގިނަ އަތޮޅެއް. ބޯހިމެނި ދުވަސްވަރު އެއަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީވެފައިވާ ދެހާސް އަށްސަތޭކަ ސޯޅަ މީހުން މާލޭގައި ތިބިކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކާ. މީގެތެރޭގައި އެންމެ ގިނައީ އެއަތޮޅު ކަނދޮޅުދޫ މީހުން. އެއީ ހަސަތޭކަ ސާޅިސް ހަތަރު މީހުން.
[އުނިއިތުރު ގެންނަވާ] ތައުލީމް
[އުނިއިތުރު ގެންނަވާ] ލިޔަންކިޔަން ދަންނަ ނިސްބަތް
މާޅޮސްމަޑުލު އުތުރުބުރީގައި ލިޔަން ކިޔަން ދަންނަ ނިސްބަތަށް ބަލާއިރު އަތޮޅުގެ ނުވަދިހަަ ހަޔެއް އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަމީހުން. ޚާއްޞަކޮށް އިނގުރައިދޫގައި 99އިންސައްތަ މިހުންނަކީ ލިޔަންކިޔަން ދަންނަމީހުން. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އެއަތޮޅުގައި ލިޔަންކިޔަންދަންނަ ނިސްބަތް އެންމެދަށީ އިންނަމާދޫގައި. އެރަށުގެ ލިޔަންކިޔަންދަންނަ މީހުންގެ ނިސްބަތަކީ 94އިން ސައްތަ.
[އުނިއިތުރު ގެންނަވާ] ތައުލީމީ ފެންވަރު
މާޅޮސްމަޑުލު އުތުރުބުރީގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، ހައަހަރުން މަތީގެ އާބާދީގެ ތެރެއިން އެންމެ ގިނަ މީހުން ޙާސިލުކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ، ގްރޭޑް ހަތެއްގެ ފެންވަރު. އަދި އޯލެވެލް ޙާސިލުކޮށްފައިވާ މީހުންގެ ޢަދަދުވެސް ގިނަކަން ފާހަގަކުރެވޭ. މީގެއިތުރުން ގްރޭޑް ހަތެއް އަދި އޯލެވެލް ފެންވަރަށް ތަޢުލީމް ޙާސިލުކޮށްފައިވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ އިތުރު. ނަމަވެސް އޭލެވެލްއާއި، އެއަށްވުރެ މަތީ ފެންވަރަށް ތަޢުލީމް ޙާސިލުކޮށްފައިވާ ފިރިހެނުންގެ ނިސްބަތް އަންހެނުންނަށްވުރެ އިތުރުކަން ބޯހިމެނުމުގެ ނަތީޖާއިން ދައްކާ.
[އުނިއިތުރު ގެންނަވާ] އިގްތިޞާދު
މާޅޮސްމަޑުލު އުތުރުބުރީގައި އެންމެ ގިނަ މީހުން އާމްދަނީ ހޯދުމުގެ ގޮތުން ޙަރަކާތްތެރިވާ ދާއިރާއަކީ އުފެއްދުންތެރިކަމުގެ ދާއިރާ. ދެވަނައަށް ޙަރަކާތްތެރިވަނީ މަސްވެރިކަމުގެ ދާއިރާގައި. ތިންވަނައަށް ޙަރަކާތްތެރިވާ ދާއިރާއަކީ ތަޢުލީމީ ދާއިރާ. އެއަތޮޅުގެ ފިރިހެނުން އެންމެ ގިނައިން ޙަރަކާތްތެރިވާ މަސައްކަތްތަކުގެ ތެރޭގައި އަތްތެރި މަސައްކަތާއި، އެއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، މަސްވެރިކަން ހިމެނޭ. އަންހެނުން އެންމެ ގިނައިން ޙަރަކާތްތެރިވަނީ އަތްތެރި މަސައްކަތާއި، އެއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކުގައާއި، ސަނަދުވެރި މަސައްކަތްތެރިންކަމުގައި ބެލެވޭ މަސައްކަތުގައި.
މާޅޮސްމަޑުލު އުތުރުބުރީގައި އިޤްތިޞާދީގޮތުން ޙަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ ހަތްދިހަ ތިނެއް އިންސައްތަ. އަންހެނުންގެ ނިސްބަތަކީ ފަންސާސް ހަތެއް އިންސައްތަ. އެއަތޮޅުގެ ރަށްރަށަށް ބަލާއިރު، އިޤްތިޞާދީގޮތުން ޙަރަކާތްތެރިވާ އަންހެނުން އަދި ފިރިހެނުންވެސް އެންމެ ގިނައި ފައިނުގައި. ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މާޅޮސްމަޑުލު އުތުރުބުރީގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ ސަތާރަ އިންސައްތަ. މިފަދަ މީހުން އެންމެ ގިނައީ އެއަތޮޅުގެ އަނގޮޅިތީމުގައި. މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުޥާ އަންހެނުންވެސް އަތޮޅުގެ ނިސްބަތުން އެންމެ ގިނައީ އެރަށުގައި. އެއީ ހަތާވީސް ޕޮއިންޓް ފަހެއް އިންސައްތަ އަންހެނުންނާ އަށެއް ޕޮއިންޓް ތިނެއް އިންސައްތަ ފިރިހެނުން.
މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅުމަށްޓަކާ ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި،ދަނޑުވެރިކަމާއި ކިއްސަރު ވަޑާމާއި ތެދުއުއިވަޑާމުގެ މަސައްކަތެވެ. މީގެ އިތުރަށް ސިމެންތީގެ މަސައްކަތަކީވެސް އަތޮޅުގެ މީހުން ޢާއްމުކޮށް މައިގަނދު މަސައްކަތެއްގެ ގޮތުގައި ކުރަމުންގެންދާ މަސައްކަތެކެވެ. ކުރީޒަމާނުއްސުރެ މިއަތޮޅު މަޝްހޫރުވެފައިވަނީ ކިއްސަރުވަޑާމުގެ އަތޮޅެއްގެ ގޮތުގައެވެ.
[އުނިއިތުރު ގެންނަވާ] ކައިވެންޏާއި ދަރިމައިވުން
އެއަތޮޅުގައި އެވްރެޖްކޮށް ފިރިހެނުން އަލަތު ކައިވެނިކުރާ ޢުމުރަކީ ބާވީސް އަހަރު. އަންހެނުން އަލަތު ކައިވެނިކުރާ ޢުމުރަކީ އަށާރަ އަހަރު. ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު މާޅޮސްމަޑުލު އުތުރުބުރީގައި އެވްރެޖްކޮށް އަންހެނަކަށް ލިބިފައިވަނީ ދެ ކުދިން. އެއަތޮޅުގައި ގިނަ މީހުން ވިހަނީ ފަންސަވީސް އަހަރާއި، އޮނަތިރީސް އަހަރާއި ދެމެދުގެ ޢުމުރުފުރާގައި. އެއަތޮޅުގެ ރަށްރަށަށް ބަލާއިރު، މަޑުއްވަރި، ހުޅުދުއްފާރު، އަދި ރަސްމާދޫގައި ދަރިމައިވާ ރޭޓް ވަރަށް ބޮޑަށް ދަށްކަން ބޯހިމެނުމުގެ ނަތީޖާއިން ފާހަގަކުރެއްވޭކަމުގައި ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ.
[އުނިއިތުރު ގެންނަވާ] ތާރީކް
1942 ވަނަ އަހަރާއި ހަމައަށް އަތޮޅުގައި މީހުން ދިރިއުޅޭ 18 ރަށް އޮތެވެ. ނަމަވެސް މި18 ރަށުގެ ތެރެއިން ކުޑަފުށީގައި ދިރިއުޅުނު މީހުން 1944ވަނަ އަހަރުގެ ތެރޭގައި ކައިރި ރަށްރަށަށް ބަދަލު ކުރެވުނެވެ. ކުޑަފުށީގެ މީހުން ބަދަލުކުރުމުން 17 އޮކްޓޯބަރ 1968 އާއި ހަމައަށް އަތޮޅުގައި އޮތީ މީހުންއުޅޭ 17 ރަށެވެ. މި 17 ރަށުގެތެރެއިން 1968،1967ގައި ސަރުކާރުން ހިންގެވި މަޝްރޫޢެއްުގެ ދަށުން އުފުލަންދޫ ގެ މީހުން މިއަތޮޅު އަލިފުށްޓަށް ބަދަލު ކުރެއްވިއެވެ. އެ މަޝްރޫޢަކީ ހުކުރުވާޖިބުވާ ޢުމުރުގެ 50 މީހުން ހަމަނުވާ ރަށްރަށުގެ މީހުން މީހުންދިރިއުޅޭ އެހެން ރަށްރަށަށް ބަދަލުކުރެއްވުމަށް ހިންގެވި މަޝްރޫޢްއެކެެވެ. ކުޑަފުށިން މީހުން ބަދަލުކުރެއްވީ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗަށްދަތިވެ ބަނޑަށް ޖެހުމުގެ ސަބަބުންއެރަށުން މީހުން މަރުވަމުން ދިޔަލެއްގިނަވެ އެދުވަސްވަރު އެރަށުގައިތިބިމީހުންކޮޅު މީހުންއުޅޭ އެހެން ރަށަކަށް ބަދަލުކޮށް އެމީހުންނަށް އިތުރުއެހީ ލިބޭނެ ގޮތެއްހަމަޖައްސައިނުދެވިއްޖެނަމަަ މީހުންމަރުވަމުންގޮސް ރަށް ހުސްވެދާނެ ކަމަށް އެދުވަސްވަރު ހުންނެވި އަތޮޅުވެރިޔާ އަށާއި އަތޮޅުގައި ކުރިޔަށް ތިއްބެވި ބޭފުޅުންނަށް ފެނިވޑަައިގަންނަވައިގެންނެވެ. ކުޑަފުށީގެ މީހުން ބަދަލުކުރީ އެމީހުން އެދުނުގޮތުގެމަތީން އެމީހުންގެ ގާތްތިމާގެމީހުން ދިރިއުޅެމުންދާ ރަށްރަށަށެވެ. އެރަށްރަށަކީ މީދޫ، އުފުލަންދޫ، މަޑުއްވަރި އެވެ.
17 އޮކްޓޯބަރ 1968 ގައި އުފުލަންދޫގެ މީހުން އަލިފުށްޓަށް ބަދަލުކުރެއްވުމަށްފަހު 1969ވަނައަހަރުގެ ތެރޭގައި އެމީހުން މިއަތޮޅު މަޑުއްވަރިއަށް ބަދަލުވާން އެދި ސަރުކާރުގައި ދަންނަވައި ސަރުކާރުން އެކަމުގެ ހުއްދަ ދެއްްވުމާއި ގުޅިގެން އެއަހަރުގެ ތެރޭގައި އުފުލަންދާޫގެ މީހުން މަޑުއްވަރިއަށް ބަދަލުވެ މަޑުއްވަރީގައި ގެދޮރުއަޅާ އެއިރުއްސުރެ އެމީހުން ދިރިއުޅެމުން ދަނީ މަޑުއްވަރީގައެވެ. އުފުލަންދޫން މީހުން ފައިބާެ އެރަށް ފަޅުރަށަކަށް ވުމުން އަތޮޅުގައި އޮތް މީހުންއުޅޭ 16 ރަށުގެތެރެއިން އުނގުލާއި ގާއުނޑޫދޫ ގެ މީހުން ފަޅުގެ ދަތިކަމުން ލަފާފުރުމަށާއި ފުރާދުއްވާ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުންނާއި މީހުންދިރިއުޅުމަށްޓަކާ ގެދޮރުއަޅާނެ ބިންނެތި ބިންފުރިފައިވާތީ އެދެ ރަށުގައި އިތުރުވަމުންދިޔަ އާބާދީއަށް ފުރްޞަތެއްނެތުމުން މީހުންނަށް ދިރިއުޅުން ދަތިވެ ފަޅުގެ ދަތިކަން ކުޑަ ބިންބޮޑު ރަށަކަށް އެދެރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވާތީ އުނގުލާއި ގާއުނޑޫދޫގެ މީހުންގެ ގެދޮރަށާއި އެދެރަށުގައިހުރި އެމީހުންގެ އަމިއްލަ ރުއްގަހަށް ސަރުކާރުންބަދަލުދެއްވުމަށްފަހު އެދެރަށުގެ މީހުން، އެމީހުން އެދުނުގޮތުގެމަތީން މިއަތޮޅު ހުޅުދުއްފާރަށް ބަދަލުކޮށްދެއްވީއެވެ. މިކަމަށްްޓަކައި މިނިސްޓްރީއޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނުން 1992 ވަނަ އަހަރު ފެއްޓެވި މަޝްރޫޢުގެ މަސައްކަތް ނިމި ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމުގައި 13 މާރޗް 1995 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރަސްމީގޮތުން އިޢުލާނުކޮށްދެއްވައި ރަށްހުޅުވައިދެއްވިއެވެ.
އުނގުލާއި ގާއުނޑޫދޫގެ މީހުން ހުޅުދުއްފާރަށް ބަދަލުވެ އެދެރަށް ފަޅުރަށްރަށަށްވުމުން 26 ޑިސެންބަރ 2004 އާއިހަމައަށް އަތޮޅުގައި މީހުންއުޅޭ 15ރަށް އޮތެވެ. މި 15 ރަށުގެތެރެއިން ކަނދޮޅުދުއަށް 26ޑިސެންބަރ 2004 ގައި ރާާއްޖެއަށް ކުރިމަތިވި ސްނާމީކާރިޘާ ގައި ރާޅުއަރާ މީހުންގެ ގޯތިގެދޮރަށާއި މުދަލާއި ރަށުގެ އެކިތަންތަނަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަމާއިއެކު އެރަށުގައި މީހުންނަށް ދިރިއުޅެވެން ނެތުމުގެ ސަބަބުން ކަނދޮޅުދޫގެ ރައްޔިތުން ވަނީ އަތޮޅުގެ މީހުންއުޅޭ އެކިރަށްރަށަށް ހިޖްރަ ކޮށްފައެވެ. މިހެންކަމާއިއެކު ކަނދޮޅުދޫގެ ރައްޔިތުން އެދިފައިވާ ގޮތުގެމަތީން ކަނދޮޅުދޫމީހުން ދިރިއުޅޭ ރަށެއްކަމުގައި ސަރުކާރުން މިއަތޮޅު ދުވާފަރު ހަމަޖައްސަވައިދެއްވާ ސަރުކާރުން މިހާރުވަނީ ދުވާފަރުތަރަށްޤ ކުރެއްވުމުގެމަޝްރޫޢު ހިންގަވަން ފަށްޓަވާފައެވެ. ކަނދޮޅުދޫން މީހުން ފޭބުން އަތޮޅުގައި މިހާރު އޮތީ މީހުންދިރިއުޅޭ 14 ރަށެވެ.