މަނަދޫ ޙަސަން އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަނަދޫ ޙަސަން އިބްރާހީމުގެ މަންމައަކީ މަނަދޫ ކަތީބު މޫސަބޭގެ ފާތުމަ (ފާތުމަތު މޫސާ) އެވެ. ބައްޕައަކީ ރ. މާކުރަތު ޙަސަންބެގެ އިބްރާހީމު (އިބްރާހީމް ޙަސަން) އެވެ. މަނަދޫ ޙަސަން އިބްރާހީމުގެ އެއްބަޑު އެއްބަފާގައި ތިބީ މަނަދޫ މާލްރޯޑް ޒުލޭޚާ އިބްރާހީމް (ދޮން ކަނބުލޮ) އާއި މަނަދޫ ނޫމުރަކަ ޢަބްދުﷲ އިބްރާހީމް (ބޮކިބެ) އާއެވެ. މަނަދޫ ޙަސަން އިބްރާހީމަކީ މަނަދޫގެ ކަތީބުކަމާއި ކުޑަކަތީބުކަން އަދި މަނަދޫ އޮފީހުގެ ކާތިބުކަންކޮށް މަނަދޫއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ޒަވާޖީ ހަޔާތް[އުނިއިތުރު ގެންނަވާ]

މަނަދޫ ޙަސަން އިބްރާހީމް ކުރެއްވީ އެންމެ ކައިވެންޏެކެވެ. އެއީ މަނަދޫ ފޫޅުމާގޭ ޙަލީމާ ޙަސަން (ހަލިންތަ) އާ ކުރި ކައިވެންނެވެ. ޙަލީމާ ޙަސަންގެ ބައްޕައަކީ ކެލާ ޙަސަންބެއެވެ.

ދަރިން[އުނިއިތުރު ގެންނަވާ]

މަނަދޫ ޙަސަން އިބްރާހީމަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ ނަޝީދާއެވެ. ނަޝީދާއަކީ މަންމަން ކުއްޖެކެވެ. ނަޝީދާ ކައިވެނިކުރީ މަނަދޫ ނޫރާނީގޭ ދަލޭކާފުޅުގެ ރަޝީދުއާއެވެ.

ޒުވާން ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ޙަސަންބެއަކީ ކުޑައިރު ޙަސަންބެގެ ބައްޕަ (އަޅުގަނޑުގެ ކާފަ) އާއެކު ވަދާގޮސް އުޅުނު ކުއްޖެކެވެ. އެކަމަކު އެންމެ ފުރަތަމަ ވަދާދިޔަ ދުވަސް ޙަސަންބެގެ ހަނދާނަކުން ނުފިލައެވެ. ކާފަ ވަދާދާއިރު ގެންދާށޭ ކިޔާތާ ކިތަންމެ ދުވަހެކެވެ. ކާފަ އެއްބަހެއް ނުވެއެވެ. އެންމެފަހުން ޔަޤީނުން ވެސް ދެވޭނެގޮތް ޙަސަންބެ ޚިޔާރުކުރިއެވެ. އެ ދުވަހަކީ ކާފައާއި ރާގޭ އަލިބެއާ ދެމީހުން ވަދާދިޔަ ދުވަހެކެވެ. ކާފަމެންނަށްވުރެ ކުރިން ޙަސަންބެ އޮތީ ދޯނީގެ މަޅުދޮށަށް ވަދެއެވެ. ޙަސަންބެ ތެދުވީ ފަޅުން ނުކުމެ ކަނޑަވަޅިއަށް ވެސް ނިކުންފަހުންނެވެ. ޙަސަންބެ ތެދުވުމުން ކާފައަށް ލިބުނީ ހައިރާން ކަމެކެވެ. މަނަދޫ މީހުން ހޮވި ބޮޑުމަސް ހޮވި ދުވަހެވެ. އެ މާވަހަރު ބޮޑުމަސް ފުރަތަމަ ފެނުނީ ޙަސަންބެއަށެވެ. މަހުގެ ބިޔަކަމުންނާއި ބޮޑުކަމުން ޙަސަންބެއަށް ފެށުނީ ރޯށެވެ. އެ ވާހަކަ ކާފަ ހެދި ބޮޑުމަސް ރައިވަރު ބައިގައި ސިފަކޮށްފައިވެއެވެ. އެ ރައިވަރުބައި ގައި ޙަސަންބެއަށް ވެސް ރައިވަރެއް އޮވެއެވެ. އެ ރައިވަރު އޮތްކަން އެނގުނަސް ރައިވަރު ދަންނަ މީހަކާ އަދި ދިމާލެއް ނުވެއެވެ. ޙަސަންބެގެ ނަން ނެތަސް އަންނަނިވި ރައިވަރުގައި ވެސް އޮތީ ޙަސަންބެގެ ވާހަކައެވެ.

"ރެންއަހު މިލިޔެ ގޮވާ

އެންމެ ހުރި ކުޑަދަރިފުޅާ

ޔެއް ނުރޮއި ގަދައަޑުންފާ

ދެންއޮތީ މަސް މަރުވެފާ

ޅެންބަހުން އަޅެ ބުނަމެ ކީދޮ

ގެއްފަހެ ނޫނެ މިއަކީދޮ"


ޙަސަންބެގެ ކުޑައިރުގެ ހަޔާތް ވޭތުކުރީ މަނަދޫ ކުދިލުބޯމާގޭގައެވެ. އެއީ ކުރީގެ ބޮޑުކާށިގެއެވެ. ނިޔާޒީ އެދުބޭ ނިޔާވުމުން ޤުރުއާން ކިޔެވީ ގޭގައި ހުރެެގެންނެވެ. އޭރު ބަލައިގެން ކިޔަން އެނގޭތީ ޚަތިމުކޮށް ނިންމީއެވެ. އެހެން ނަމަވެސް އޭރު އޮންނަ ގޮތުން އެގޮތަށް ޚަތިމުކުރިޔަސް ޚަތިމުކުރި ކަމަކަށް ނުވެއެވެ. ކޮންމެވެސް އެދުރެއް ކައިރިން "ދަލީލު ކިޔަން" ޖެހެއެވެ. ޙަސަންބެގެ މަންމަ (އަޅުގަނޑުގެ މާމަ) ގޮސް ހާރޫނު މޫސާ (ކަތީބު ހާރޫނުބޭ) އާ ވާހަކަ ދެއްކުމުން ޙަސަންބެއަށް ދަލީލު ކިޔައިދީ، ހިތްހަލާލު ދިނީ ހާރޫނުބެއެވެ. ދަލީލުކިޔުމަކީ ޚަތިމު ނިންމުމުން ޚަތިމު ދުޢާކިޔައިދިނުމެވެ. އެ ޒަމާނުގައި އެއީ ފާހަގަކުރާ ކުޑަ މުނާސަބަތެއް ވެސް މެއެވެ. ޙަސަންބެ ޚަތިމުކުރުން ކާފަ ދިން ހަދިޔާއަކީ ރާޅާ އަޅާ ކަނދެކެވެ. ރީތިކޮށް އޮމާންކޮށް މަށާފައި އޮތް އެ ކަނދުގައި އެހެން މީހަކު އަތްލުން މަނައެވެ. ޙަސަންބެ ކުޑައިރު މުނިފޫހި ފިލުވުމަށް ކޮށްއުޅުނު އެއް ކަމަކީ ދޫނި ހިފުމެވެ. ރަތަފަޔާއި އިލޮޅިއާއި ބޮނޑަނަ ފަދަ ރީތި ދޫނިތައް މަޅިފަތި ޖަހައިގެން ހިފުމެވެ. ގޭގެ ބޮޑުއަށި ދޮށުގައި އޮންނަ ކަށިވެލިގަނޑު މަތީގައި އެސޮރުމެން ދުވެލަދުވެލާ އުޅެއެވެ. އިރުއިރުކޮޅުން ގޮވާލާއެވެ. ދޫނިތަކަށް ކާން ދިނުމާއި އެ ސޮރުމެން އުޅޭނޫޅޭގޮތް ބަލަން ޙަސަންބެ އުޅެއެވެ.

ތަޖުވީދުގެ ހަމަތަކާއެކު ކީރިތި ޤުރުއާން ކިޔަވައި އެހެނިހެން މާއްދާތަކާއެކު ދުނިޔެވީ ތަޢުލީމު ޙަސަންބެއަށް ލިބިގެން ދިޔައީ މަކުތަބުއް ޖަލާޢު ގައެވެ. މަނަދޫގައި ހުންނަ ނ. އަތޮޅުގޭގެ ކުރިމަތީގައި އޮންނަ ކޮށީގައާއި ޑޯރެންސީވިލާ ގައާއި ކާޑުގޭގައި އެ މަކުތަބު ހިންގިއިރު ވެސް ޙަސަންބެ އެތަނުގައި އުޅެއެވެ. ދޭތެރެދޭތެރެއިން މުދައްރިސުން ބަދަލުވިޔަސް ޙަސަންބެގެ ތަޢުލީމީ ހަޔާތުގައި އެންމެ މުހިންމު ދުވަސްވަރަކީ ޖަލާޢުގައި ތަޢުލީމު ހާސިލުކުރި ދުވަސްވަރެވެ. އެ މަކުތަބުގެ ތިންވަނަ ކުލާހަކީ އެންމެ މަތީ ގުރޭޑެވެ. އެ ކުލާހުން ކިޔަވާ ނިމުނުއިރު ޙަސަންބެއަށް ހުރީ ޒުވާނެއްގެ ފައިވާނުގައި ހިނގަން ދަސްވެފައެވެ. ދުނިޔެއަށް ހޭލެވިފައެވެ. މަކުތަބުގެ ދުވަސްވަރުން ފެށިގެން ޒުވާން އުމުރުގައި ވެސް ޙަސަންބެގެ އެއްފުރާ ކުދިންނާއެކު އުޅެމުން އައީ ވަރަށް އުފާވެރި، މަޖާ، އެކުވެރި ވެށްޓެއްގައެވެ. އެ ދުވަސްވަރު މަނަދޫގައި ހިނގާދިޔަ "އަދަބީ ފިނި ހަނގުރާމަ" ގެ ތެރޭގައި ޙަސަންބެއަކީ މުހިންމު ދައުރެއް އަދާކުރި ޒުވާނެކެވެ. އަދަބީ ވާދަވެރިކަމުގައި "މިބަގަ" މި ނަން ދެވުނު ޒުވާން ގުރޫޕުގެ މެންބަރެކެވެ. އަދި އެ ދުވަސްވަރު އަޅުގަނޑުގެ ކާފަ (މަނަދޫ ދޮންކަމަނަ އިބުރަބޭ ނުވަތަ އިބްރާހީމް ޙަސަން) ހެދި ޅެންތަކާއި ރައިވަރުތައް ލިޔެދިން ސިއްރު ކާތިބަކީ ވެސް ޙަސަންބެއެވެ.

ޙަސަންބެމެން ޒުވާން ދުވަސްވަރު ދެ ޖިންސުގެ ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅުވާ ކިޔުން އޮތެވެ. ޙަސަންބެއާ ވެސް އަޅުވާ ކިޔާ ކުދިން ތިއްބެވެ. އަދި އޭރު އޮންނަ މުއާސަލާތީ ނިޒާމުގެ ތެރެއިން ނޯޓާއި ސިޓީބިޓީ ބަދަލުކޮށް ވެސް ހެދިއެވެ. ލޯބިގެ ހާއުފާވެރި ދައުރު ޙަސަންބެ ނިންމާލީ ކުއްލިއަކަށެވެ. މަނަދޫ ފޫޅުމާގޭ ޙަލީމާ ޙަސަން (ހަލިންތަ) އާ ޒަވާޖީ ހަޔާތުގެ ގޮށް ޖަހާލައިގެންނެވެ. އެ ދެމަފިރިންގެ މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރީ ދުވާލު ޙަސަންބެއުޅޭ ކުދިލުބޯމާގޭގައެވެ. ރޭގަނޑު ނިދަން ދަނީ ހަލިންތަމެން ގެ (ފޫޅުމާގެ) އަށެވެ. ދުވަސްކޮޅަކުން އެއްކޮށް އެގެއަށް ދިރިއުޅުން ބަދަލުކުރީއެވެ.

ދިރިއުޅުމަށް ކުރި މަސައްކަތް[އުނިއިތުރު ގެންނަވާ]

އޭރަކީ ދިރިއުޅުމަށް ކުރާނެ މާގިނަ މަސައްކަތްތަކެއް ރަށްފުށުގައި އޮތް ދުވަސްވަރެއް ނޫނެވެ. އޮންނަނީ މަސްވެރިކަމެވެ. ޙަސަންބެއަށް ވެސް އާމުދަނީއެއް ލިބޭ މަސައްކަތަކަށް އެންމެ ފުރަތަމަ ކުރެވުނީ މަސްވެރިކަމެވެ. މާބޮޑު އެއްޗެއް ނުލިބުނަސް އޭރު އެހެން ގޮތެއް ނެތެވެ. ޒަވާޖީ ހަޔާތެއް ފެށިތާ މާގިނަ ދުވަހެއް ނުވެ ޙަސަންބެ ދަތުރުވަރިއެއްގައި މާލެ ޖައްސާލިއެވެ. މަނަދޫ މުތީބައްތެލީގައި މާލެއަށް ކުރި ދަތުރަކީ އެއް ގޮތަކަށް ވެސް މާލެފައިބަން ކުރި ދަތުރެއް ނޫނެވެ. އެކަމަކު އެ ދަތުރުގައި މާލެއާދެވުމުން ދެން ރަށަށް ދާކަށް ބޭނުމެއްނުވިއެވެ. ރަނގަޅު އާމުދަނީއެއް ލިބޭތޯ މަސައްކަތްކުރަން މަޑުކުރީއެވެ.

އެ ދަތުރުގައި ޙަސަންބެ މާލެ އައިތަނުން ދިމާވީ ޙަސަންބެގެ ދޮންބެއާއެވެ. މ. ފްލޮރަންސް ޙުސައިން ޙަސަން މަނިކު (ބޮޑުކާށި ދޮންބެ)އާއި ޙަސަންބެއަކީ އެއްބަނޑު ވަކި ބަފާ ދެމީހުންނެވެ. ދޮންބެ އެދުނީ ދޮންބެގެ ގެ ހެދުމުގައި މަސައްކަތް ކޮށްލަ ދިނުމަށެވެ. ރާނާ މީހަކު ގެންނަނީ މުސާރައަށެވެ. ސަރުކާރުގެ ކުލީބައިން އަތްގާޑިއަލެއްގައި ސާމާނު އުފުލައި، ގާތަޅައި، ރާނާ މީހާއަށް އަތްގާތްކޮށްދީ، ސިމެންތި ގަށާ ހަދަން އުޅުނީ ޙަސަންބެ އާއި ކުޑަބެ (މަނަދޫ ލިނެޓް، އިބްރާހީމް ޙަސަން މަނިކު) އާ ދެމީހުންނެވެ. މި މަސައްކަތް ހިނގިއިރު މަސައްކަތްކުރާ މީހުންނަށް ކައްކާ ކާންދޭން ޙަސަންބެގެ އަންހެނުން ހަލިންތަ ވެސް މާލެ ގެންދިޔައެވެ. ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހުން ގެ ރާނާ ނިންމާ ހިޔާކުރިއެވެ. އޭރުއޮތީ ރޯދަމަސް ޖެހިފައެވެ.

ހަލިންތަ ރަށަށް ފޮނުވާލުމަށްފަހު ޙަސަންބެ މާލޭގައި މަޑުކުރީއެވެ. ޙަސަންބެ މާލޭގައި ހުރީ ޢާއިލީ ގޮތުން އެއްވެސް ގުޅުމެއްނެތް އެކަމަކު ވަރަށް އޯގާތެރި ހިތްހެޔޮ ދެމަފިރިއެއްގެ ކައިރީގައެވެ. ދަރިއެއްގެ ދަރަޖައިގައެވެ.

ދޮންބެގެ ގެ ރޭނުމުގެ މަސައްކަތް ނިންމާފައި ކުޑަބެ ވަޒީފާއަކަށް ވަނެއެވެ. އެއީ ވެލާނާގޭ ވަޒީފާއެކެވެ. މަސައްކަތަކީ ޓީވީ މޯލްޑިވްސްގެ އިމާރާތް އެ ކޮށީގައި އިމާރާތްކުރުމެވެ. އޭރު އެ ކޮށްޓަކީ މާލޭ ފަޅުތެރެއިން ހިއްކައި ގާބާޑި ޖަހާފައި ފަޅުތެރޭގައި ރަށުގެ ފަސްގަނޑުން ނުކުމެފައިއޮތް ކޮށްޓެކެވެ. ކުޑަބެގެ އެދުމުގެ މަތިން ޙަސަންބެ ވެސް ސިޓީ ލައިގެން އެތަނުން ވަޒީފާ ހޯދިއެވެ. ޙަސަންބެގެ ފުރަތަމަ ވަޒީފާގެ މުސާރައަކީ 160 ރުފިޔާއެވެ.

ޙަސަންބެ މާލެ ގޮސް އެހުރި ހުރުމުގައި ވެލިގަލަށް ވެސް ދިޔައެވެ. ޙަސަންބެގެ ކޮއްކޮ މަނަދޫ ޢަބްދުﷲ އިބްރާހީމް (ދުއްލޯބެ) އޭރުދަނީ ރަށު ބަޔަކާއެކު ވެލިގަލަށެވެ.

މަނަދޫގެ ކަތީބުކަން[އުނިއިތުރު ގެންނަވާ]

މަނަދޫގައި ޙަސަންބެ އެންމެ ފުރަތަމަ އަދާކުރި ސަރުކާރުގެ ރަސްމީ ވަޒީފާއަކީ މަނަދޫ އޮފީހުގެ ކާތިބުކަމެވެ. އެއީ މަނަދޫ އޮފީހަށް ފުރަތަމަ ލެއްވި ކާތިބެވެ. މުސާރައަކީ 60 ރުފިޔާއެވެ. ޙަސަންބެއަށް މަނަދޫ އޮފީހުގެ ކާތިބުކަން ލިބުނީ 1979 ވަނަ އަހަރުއެވެ. އެއީ ރައީސް މައުމޫނުގެ ރައީސްކަމުގެ ކުރީކޮޅެވެ. އޭރު ރަށްރަށުގެ ވެރިންނަށާއި ކާތިބުންނަށް ވެސް މުސާރަ އޮވެއެވެ. ރަށްރަށުގެ ވެރިންނަށް އުޖޫރައެއްގެ ގޮތުގައި އެރަށެއްގައި މަހަށްދާ އޮޑިދޯނި ފަހަރުން މަސްބައިދިން ޒަމާން ފާއިތުވީ 1959 ޖަނަވަރީން ފެށިގެންނެވެ.

ރަށުގެ ވެރިންނަށާއި ކާތިބަށް ސަރުކާރުން މުސާރަ ދެއްވިޔަސް ރަށު އޮފީސް ހިންގާކަށް ބަޖެޓެއް، ނުވަތަ ޚަރަދު ކުރާނެ ފައިސާއެއް ނުދެއްވައެވެ. އޭރު އޮފީހުގެ ލިޔެކިޔުމުގެ ޚަރަދުތައް ބަލަހައްޓަނީ ހުކުރު މިސްކިތު ގޯތިތެރޭގައި ހުންނަ ދެ ލިބޯ ގަހުން ލިބޯ ވިއްކައިގެންނެވެ. އޭރު މަނަދޫ ކަތީބަކީ މަނަދޫ ކަރަންކާވިލާ ހާރޫނު މޫސާ (ހާރޫނުބޭ) އެވެ. ކުޑަ ކަތީބަކީ މަނަދޫ ގުލްބަކާގެ އާދަމް މަނިކުބެއެވެ.

ކާތިބެއްގެ ޒިންމާއަކީ ކަތީބުން ހަވާލުކުރާ ކަންތައްތައް ކުރުމެވެ. އޮފީހުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމެވެ. އޭރު މުދިމަކަށް ހުރީ ޢަބްދުﷲ ޔަހުޔާ (މުދިމް ޢަބްދުﷲބެ) އެވެ. މުދިންބެގެ މުސާރައަކީ 40 ރުފިޔާއެވެ. މަސައްކަތު މީހެއްގެ ގޮތުގައި ފުރަތަަމަ މަނަދޫ އޮފީހަށް ލެއްވީ ބޮޑުގެ އައްޔަބޭގެ ދޮންބެއެވެ. އެއީ މަނަދޫ ބުލާސަމްމާގޭ މޫސާ ޢަލީ އެވެ. ރަށުގެ ވަލުތެރެ ބެލެހެއްޓުމާއި ރައްޔިތުން އެއްކުރަން ވީމައާއި ރައްޔިތުންނަށް އަންގަންވާ އެންގުންތައް އެންގުމަށް ރަށުތެރޭގައި ދޮންބެ ގޮވާ ހަދައެވެ. އަދި ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި ސަންގު ފުމެއެވެ.

އޭގެފަހުން ޙަސަންބެއަށް މަނަދޫ ކަތީބުކަމާއި ކުޑަ ކަތީބުކަން ވެސް ލިބުނެވެ. އެ މަޤާމުގައި ވެސް މަނަދޫއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. ކަށުމަކާ ކެމީގެ ކަންތައްތަކާއި އިމާމުވެ ހުކުރުކުރައްވާ ޚަތީބެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ރިޓަޔަރ ކުރެއްވުމަށްފަހުގެ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހު މަނަދޫ ޙަސަން އިބްރާހީމް އުޅުއްވީ ވަރަށް ސާދާ ދިރިއުޅުމެކެވެ. ވަދާދިއުމާއި މަހަށްދިއުންފަދަ މަސައްކަތްތައް ކުރައްވާ އުޅުއްވިއެވެ. އަދި ސިޔާސީ ބައެއް ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާ ހެއްދެވިއެވެ. އެހެން ނަމަވެސް ވަކި މަޤާމެއް ނުވަތަ އަމިއްލަ ވަކި މަގުސަދެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ޙަސަން އިބްރާހީމުގެ ކުޑަކުޑަ ޢާއިލާއާއެކު އުފާވެރި ދިރިއުޅުއްވުމެއް ވޭތިކުރެއްވިއެވެ.